2 ޖޫން 2021 - 13:35 0
މި ސީޒަނުގައި ބާސެލޯނާގެ މެޗެއްގެ ތެރެއިން ކުޓީނިއޯ.-- ފޮޓޯ: އޭއެފްޕީ
2 ޖޫން 2021 - 13:35 0
ބާސެލޯނާ (ޖޫން 2) - ބާސެލޯނާ އިން އެ ޓީމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ލިވަޕޫލަށް ދޫކޮށްލަން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެ ފައިސާ އެކި ބައިބަޔަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު، އަދިވެސް އެ ޑީލްގެ ތެެރެއިން ލިވަޕޫލަށް ނުލިބި 20 މިލިއަން ޑޮލަރު އެބައޮތެވެ.
ބާސެލޯނާ އިން މިހާރު ބޭނުންވަނީ އެ 20 މިލިއަން ޑޮލަރު ލިވަޕޫލަށް ދެއްކުމުގެ ބަދަލުގައި ކުޓީނިއޯ އަނބުރާ ލިވަޕޫލަށް ދޭށެވެ. އެއީ އެއްވެސް ޓްރާންސްފާ ފީއެއް ނެތި އެވެ. އެކަމަކު ލިވަޕޫލުން އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޓީނިއޯ (ކ) ލިވަޕޫލާ ދެކޮޅަށް ކުޅެނީ.
ފަސް އަހަރު ލިވަޕޫލްގައި ހޭދަކުރި ކުޓީނިއޯ ވަނީ އެ ޓީމަށް 200 އަށް ވުރެން ގިނަ މެޗުތަކުގައި ކުޅެފަ އެވެ. އެ މެޗުތަކުގައި 54 ގޯލު ޖެހިއިރު، 45 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ކުޓީނިއޯ އަލުން ލިވަޕޫލާ ގުޅޭނެތޯ ނޫސްވެރިން ތަކުރާރުކޮށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ގާތުގައި އެކި ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ކުރިން އަހާފައިވެ އެވެ. ކްލޮޕް ވަނީ އެހެން ޓީމުތަކުގައި ކޮންޓްރެކްޓްގައި ތިބޭ ކުޅުންތެރިންގެ ވާހަކަ ނުދައްކާނެ ކަމަށް ބުނެ ކުޓީނިއޯއާ މެދު ސީދާ ޖަވާބެއްދޭން ދެކޮޅު ހަދައިފަ އެވެ.
ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ކުޓީނިއޯ މިދިޔަ ސީޒަން ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. އެ ޓީމުން މިދިޔަ ސީޒަނަށް ފަހު ކުޓީިނިއޯގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުންނުވުމުން ކުޓީނިއޯ ޖެހުނީ އަލުން ބާސެލޯނާއާ ގުޅޭށެވެ.
މި ސީޒަން ފަށައިގެން ބާސެލޯނާގެ ފުރަތަމަ މެޗުތަކުގައި އުމުރުން 28 އަހަރުގެ ކުޓީނިއޯ ކުޅުނެވެ. އެކަމަކު ޑިސެމްބަރު މަހު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަނެއް ކުރި އެވެ. ރިހެބިލިޓޭޝަން ރަނގަޅަށް ނުދާތީ ހެދި ޓެސްޓްތަކުން އަނެއްކާ ވެސް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަން އެނގުމުން މިދިޔަ އޭޕްރީލް މަސް ތެރޭގައި އިތުރު އޮޕަރޭޝަނެއް ކުރި އެވެ. ކުޓީނިއޯ އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ ސީޒަނުގަ އެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި އެރިިކް ގާސިއާގެ ސޮއި ހޯދައިފަ އެވެ. އެ ޓީމުން އަންނަނީ ހިލޭ ޓްރާންސްފާއެއްގައި އިތުރު ތިން ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެއީ ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ލިޔޯންގެ މެމްފިސް ޑިޕާއި އަދި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރޫމާ އެވެ.
ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިޑްފީލްޑަރަކަށް ހަރަދުކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ ވައިނަލްޑަމް ދިއުމުން އެ މަގާމަށް ކުޅުންތެރިއަކު ހޯދާށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ޓީމުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބްރައިޓަންގެ ޔްވެސް ބިސޫމާ އާއި ލެސްޓާ ސިޓީގެ ޔޫރީ ޓީލަމަންސް އަދި އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ހިމެނެ އެވެ.
Comment