Advertisement

ގޮއިދޫގެ ޖައްވުގައި ހަންޓޭ ކައިޓް ސާފިން ދިރުވަނީ


ގޮއިދޫގެ ޖައްވުގައި ހަންޓޭ ކައިޓް ސާފިން ދިރުވަނީ

"ކައިޓު ދުއްވަން ފެށި ފުރަތަމަ ދުވަހު ކޮންޓްރޯލް ކުރަން އެނގިއްޖެ. ދެވަނަ ދުވަހު އެއްކޮޅުން އަނެއް ކޮޅަށް ދުއްވަން ދަސްވެއްޖެ. ދެން ތިން ވަނަ ދުވަހު ދިޔައީ މާފުއްޓަށް ވޯލްޑް ޗެމްޕިނަކު އަންނާތީ އެ ރަށަށް ދިއުމުގެ ކުރިން ކުޑަކޮށް ޕްރެކްޓިސް ކޮށްލަން. އެއީ ވައި ގަދަ ދުވަހެއް. ގޮސް ދުއްވައިލި ތަނާ ކައިޓް ކޮންޓްރޯލް ނުވެ ގޮސް ބަން ލާފައި ޖެހުނީ ގާތަކުގެ ތެރެއަށް. ޖެހުނު ބޮނޑީގައި ފަލަމަސްގަނޑު އިރައިގެން ދިޔައީ. ދެ މަހެއް ވަރު ނެގި ރިކަވާ ވާން،"

އުމުރުން އެންމެ ތޭރަ އަހަރުގައި "އުދުއްސައިގަންނަން" ކުރި މަސައްކަތް ހަނދާންކުރަމުން ބ ގޮއިދޫ އަށް އުފަން 18 އަހަރުގެ ހުނަރުވެރި ހަސަން މާހިރު (ހަންޓޭ) ޖަހައިލީ ހިނިގަނޑެކެވެ. އެއީ އޭނާ ކައިޓް ސާފް ކުރަން ފެށުނު ގޮތެވެ. އެފަހުން ގޮއިދޫގެ މިނިވަން ޖައްވުގައި ޖެހިލުމެއް، ފިކުރެއް ނެތި "ދޫންޏެއް" ހެން ހަންޓޭ އުނދުހެނީ އެވެ.

މިއީ، މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒުވާން ހުނަރުވެރި އެއް ކައިޓް ސާފަރަށް ހަންޓޭ ބަދަލުވި ގޮތުގެ ވާހަކަ އެވެ.

ހަންޓޭ އަކީ ހަގު އުމުރުގައި ކައިޓް ސާފިންގެ ދާއިރާގައި އާދަޔާ ހިލާފު މޮޅު ހުނަރެއް ދައްކަމުން އަންނަ ޒުވާނެއް


"އެންމެ ކުޑަ އިރުއްސުރެ ވެސް ބޭނުންވީ ރާޅާ އަޅަން،" ހަންޓޭގެ ވާހަކަ ފަށައިގަތީ ގޮއިދޫގެ ރީތި މޫދާއި އެރަށުގެ ހިތްހެޔޮ އާބާދީގެ ވާހަކައިންނެވެ. އެންމެ ކުޑަ އިރު ވެސް އޭނާއަށް އުފަން ރަށުން ލިބުނީ ހިއްވަރެވެ. އެހެންވީމަ، ހަންޓޭގެ މި "ކޫލް" ވާހަކަ އިހަށް މަޑުކޮށްލާފައި ގޮއިދޫ ގައި އުފާވެރި، ކެރޭ ކުޑަކުދިން އުފެދޭ ގޮތް ވެސް ކުރުކޮށް ހިމަނާލާނަމެވެ. އެކަމަކު ހަންޓޭ ބުނާ ގޮތަށެވެ.

"ގޮއިދޫގެ ކުޑަކުދިން ވަރަށް ތަފާތު ވާނެ. ހަންޓޭ މެން އެންމެ ކުޑައިރު ވެސް ސްކޭޓް ކުރަން ދިއުމަކީ އާދައެއް. އާންމުކޮށް ވާގޮތަކީ މީހުން އެހާ ބޭނުމެއް ނުވާނެ ގެންގުޅޭ އަގުބޮޑު އެއްޗެހި މީހުން ބޭނުން ކުރަން ދޭކަށް. އެކަމަކު ގޮއިދޫގަ، ކައިޓު އެއްޗެހި ވެސް ބޭނުންކުރަން ގެންގޮއްސަ، ބޭނުންކޮށް ނިމިގެން އެ ހިފައިގެން އައިސް އޮންނަ ތަނެއްގަ ބޭއްވީމަ އެ ނިމުނީ. އެ ހަލާކު ވެދާނެ ކަމަށް ނުދޭން އުޅޭ މީހަކު ނުހުންނާނެ،" ހަންޓޭ ބުންޏެވެ.

އެހެންކަމުން ހަންޓޭ އަށް އޭނާ އަކީ ބޯޑަށް ފަރިތަ، ހުނަރުވެރި ކުއްޖެއްކަން އެނގެން މާގިނަ ދުވަހެއް ނުނަގަ އެވެ. ރާޅު ބޯޑާއި ސްކޭޓް ބޯޑުގައި ރަށުގެ މީހުން ބަލާހިތްވާ ކަހަލަ ސަޅި ސްޓަންޓު ޖައްސަން ކުޑަކުޑަ އިރު އޭނާ ދަސްކޮށްފި އެވެ.

ހަންޓޭ އޭނާގެ ކައިޓާއެކު ސްކޭޓް ކުރަނީ: ވަރަށް ކުޑަ އިރު ސްކޭޓް ބޯޑު ދުއްވުމަށާއި ރާޅު ބޯޑު ދުއްވަން ދަސްކޮށްފި ކަމަށް އޭނާ ބުނޭ


"އެހެންވެ ކަންނޭގެ އަހަންނަށް އެހާ ފަސޭހައިން ކައިޓް ޖައްސަން ވެސް ދަސްވީ. ކައިޓް ކިޓުގަ މި އިންނަނީ ގަޔާއެކު ބަނދެވޭ ގޮތަށް އިންނަ ކައިޓަކާއި ރާޅު ބޯޑެއް ގޮތަށް އޮންނަ ބޯޑެއް. އެހެންވީމަ ބޯޑަށް މާ ކުރިއްސުރެ ފަރިތަވެފަ ހުރީމަ ދެން އޮންނާނީ ކައިޓު ކޮންޓްރޯލްކުރުން ތާ އަނެއްހެން ދަސްކުރަން،" ހަންޓޭ ބުންޏެވެ.

އެކަމަކު ހަންޓޭއަށް އޭނާގެ ހުނަރު ކިތަންމެ "ސިމްޕަލް" ކަމެއްގެ ގޮތުގައި ސިފަ ވިޔަސް ބަލާ މީހަކަށް އޭނާ ހައިރާކޮށްލާހާ މޮޅެވެ. ކައިޓަށް ވައި އަޅުވާލައި ރާޅު ބޯޑުގެ ދުވެލި ބާރުކޮށްލަމުން ވައިގެ ތެރެއަށް ޖަމްޕު ޖަހާގޮތަށް، ވައިގެ ތެރޭގައި އެކި ގޮތްގޮތަށް ސްޓަންޓް ޖައްސާފައި ގޮސް އަނެއްކާވެސް މޫދަށް ތިރިކޮށްލާ މަންޒަރު ބަލަން ފޫހިނުވެ ހުރެވިދާނެ އެވެ. ކައިޓް ސާފް ކުރިޔަސް، ކޮންމެ ކޮންމެ މީހަކަށް ފަހަރެއްގައި އޭނާ އެ ކުރާ ގޮތަށް އެކަން ކުރަން ނުވެސް އެނގިދާނެ އެވެ.

އަހުމަދު މަރުޒޫގް (މަރޭ) ފަދަ ކުޅިވަރުގެ އުސް ތަޖުރިބާކާރުން ވެސް ހަންޓޭގެ މި ހުނަރުވެރިކަން ފެނިފައި "އާޝޯހު" ވަނީ މިހެންވެ ކަމަށް ވެސް ވެދާނެ އެވެ.

1398583824020164612


ހަންޓޭ ކައިޓް ސާފްކުރާ ވީޑިއޯ އެއް ޓުވީޓުކުރައްވަމުން އިއްޔެ މަރޭ ވިދާޅުވެފައިވަނީ "މިއީ ގޮއިދޫ އަށް ނިސްބަތްވާ 17 އަހަރުގެ ކައިޓް ސާފާ ހަންޓޭ ރަށް ހުރަސްކުރި ގޮތް،" ކަމަށެވެ. އޭނާގެ ހުނަރާ މެދު ހައިރާންވާ ކަމަށެވެ.

އެ ވީޑިއޯގައި ފެންނަނީ ގޮއިދޫގެ ބަނދަރު އޮންނަ ފަޅިއާ ދިމާލު މޫދުން ކައިޓާއެކު ސާފް ކުރަމުން ގޮސް ކުޅި ފެށޭ ހިސާބުގައި ހުރި ރަނޑޫ ގަސްތަކެއްގެ މަތިން އުނދުހިފައި ގޮސް ހަންޓޭ ކުޅިއަށް ތިރިކޮށްލާ މަންޒަރެވެ. އެންމެ ހާއްސައީ ގަސްތަކުގެ މަތިން އުދުހިފައި ދާއިރު ބޯޑާއެކު ވައިގެ ތެރޭގައި ހަންޓޭ ޖައްސާ މޮޅު ސްޓަންޓުތަކެވެ.

ހަންޓޭ އޭނާގެ ކައިޓާއި ބޯޑާއެކު ވައިގެ ތެރޭގައި ސްޓަންޓެއް ޖައްސަނީ


ކައިޓް ސާފިން އަކީ ދިޔަވަރު ފުންކޮށް އޮންނަ އިރު މޫދު ނުވަތަ ކޯރު ފަދަ ތަންތަނުގައި ކައިޓް ގައިގައި ބަނުމަށްފަހު އެއަށް ވައި އަޅުވައިގެން ބާރު ސްޕީޑުގައި ރާޅު ބޯޑު ދުއްވަމުން ޖައްސާ ކުޅިވަރެކެވެ. މިކަހަލަ "އެކްސްޓްރީމް" ކުޅިވަރެއް ކުޅޭ އިރު ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އާންމުކޮށް ކައިޓް ސާފްކުރާއިރު ހިކިފަސް ތަންތަނާއި ފެނުން ބޭރަށް ހުންނަ ސަރަހައްދުތަކާއި މާ ގާތް ނުވާނެ އެވެ.

"ބައެއް މީހުންނަށް ނުވެސް ކެރިދާނެ އެއްގަމާ ދިމާލަށް ސާފްކުރަން. އެކަމަކު އަހަންނަށް ވަރަށް ފަސޭހަ ކަމެއް އެއީ. އެހެންވީމަ ކަންނޭނގެ މީހުންނަށް އެ ވީޑިއޯ އެހާ ކަމުދިޔައީ." ހަންޓޭ ބުންޏެވެ.

މި އާދަޔާ ހިލާފު ހުނަރާއެކު ހަންޓޭގެ މިސްރާބު ހުރީ ކައިޓް ސާފަރެއްގެ ގޮތުގައި ބައިނަލް އަގުވާމީ ސްޓޭޖެއްގައި ރާއްޖެ ތަމްސީލުކުރުމަށެވެ. މިވަގުތު ރަށުގައި މަޑުކޮށްލައިގެން ހަންޓޭ މުޅިން ވެސް އޭނާގެ ކައިޓުގައި އުދުހެނީ އެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހުނަރު ކުރިއަރުވަން މަސައްކަތް ކުރަނީ އެވެ.

އޭނާގެ ހުނަރު ފެނިގެން އެކަމަށް ހިއްވަރު ދޭން ގިނަ ބަޔަކު އެހީތެރިވިކަން ފާހަގަކުރަމުން ހަންޓޭ ވަނީ ބައިނަލްއަގުވާމީ ކައިޓް ސާފިން ބްރޭންޑެއް ކަމަށްވާ ސްލިންގް ޝޮޓް ކައިޓް އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އެ ބްރޭންޑަކީ އޭނާގެ ސްޕޮންސަރެކެވެ.

ގޮއިދޫ ކުޅީގައި ހަންޓޭ ވޯޓާބޯޑެއް ދުއްވަނީ


"މީގެ ތިން އަހަރު ކުރިން ސްލިންގް ޝޮޓް އިން ސްޕޮންސާ ލިބުނީމަ ގަބޫލުކުރެވިއްޖެ ކުރިމަގު އެބަ އޮތްކަން. އިރާދަކުރެއްވިއްޔާ މުސްތަގްބަލަށް ވަރަށް ގިނަ ކަންކަން ޕްލޭންކޮށްފަ އެބަ ހުރި. ކާމިޔާބު ކުރަން މަސައްކަތް ކުރާނަން." ހަންޓޭ އަށް އޭނާގެ އާއި އޭނާގެ ހުނަރަށް ފުރިހަމަ އިތުބާރު އެބަ އޮތެވެ.