ބ. ގޮއިދޫގައި ކުރިއަށްދިޔަ ރެޑްބުލް ވިންޑް ރައިޑާސްގެ ފްރީސްޓައިލް ވެސް ކާމިޔާބުކޮށް ރެޑްބުލް ވިންޑް ރައިޑާގެ މަގާމު ހަސަން މާހިރު (ހަންޓޭ) ދިފާއުކޮށްފި އެވެ.
މިދިޔަ އަހަރުގެ މުބާރާތްވެސް ހަންޓޭ ކާމިޔާބުކުރީ ފްރީސްޓައިލް އަދި ޓްވިން ޓިޕް (ރޭސް) ކެޓަގަރީން އެއްވަނަ ހޯދައިގެންނެވެ.
ހަންޓޭ ފްރީސްޓައިލް އިވެންޓް ކާމިޔާބުކުރީ އޭނާއާ އެކު ފައިނަލް ހީޓުގައި ވާދަކުރި ރާއިފް ޝަނީޒް އަދި ހަމްޒާ މޫސާގެ މައްޗަށް ކުރިހޯދައިގެންނެވެ. ފްރީސްޓައިލް ކެޓަގަރީގެ ދެ ވަނަ އަށް ދިޔައީ ރާއިފް ޝަނީޒް އެވެ. އަދި ތިން ވަނަ ހޯދީ ހަމްޒާ މޫސާ އެވެ.
މި މުބާރާތުގެ ރޭސް ކެޓަގަރީ ހަންޓޭ ކާމިޔާބުކުރީ ފައިނަލް ހީޓުގައި ގަދަ 10 ބައިވެރިންނާ ވާދަކޮށެވެ.
ފައިނަލް ހަންޓޭ ކާމިޔާބުކުރީ, ފައިނަލް ހީޓުގެ ފަސް ރޭސްގެ ތެރެއިން ހަތަރު ރޭސް އެއް ވަނައިގައި ނިންމައިގެންނެވެ. މި ކެޓަގަރީގެ ދެ ވަނަ ހޯދީ ލަންކާގެ ސަނަކާ ސަޑަރޫ އެވެ. އޭނާ ވަނީ ފަސް ރޭހުގެ ތެރެއިން ހަތަރު ރޭސް ދެވަނައިގައި ނިންމައިފަ އެވެ.
އަދި ތިން ވަނަ އަށް ދިޔައީ ނަސާރު އަމްޖަތު އެވެ. އޭނާ ވަނީ ފަސް ރޭހުގެ ތެރެއިން އެއް ރޭސް ދެ ވަނައިގައި އަދި ދެ ރޭސް ތިން ވަނައިގައި ނިންމައިފަ އެވެ.
ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން ހަންޓޭ ރޭސް އިވެންޓުގައި ވާދަކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު
މި މުބާރާތާ އެކު, ވަނީ ޖޫނިއާ ކައިޓް ސާފިން މުބާރާތެއް ވެސް ބާއްވާފަ އެވެ.
ޖޫނިއާ މުބާރާތުގެ ޗެމްޕިއަންކަން ޝިޒާން ހޯދިއިރު, ދެ ވަނަ އަށް ދިޔައީ ޝާދިން އެވެ. އަދި ތިން ވަނަ އަށް ދިޔައީ ޝުއާއު އެވެ.
ރެޑްބުލް އިން ވަނީ މި އަހަރު ފޯ ޓު ސްކޯ ނަމުގައި މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އެވެ. އެއާ އެކު, ޓީއެފްޓީ އަށް މި އަހަރު ޖަރުމަނުގައި ކުރިއަށްދާ މުބާރާތުން ފުރުސަތު ވަނީ ލިބިފަ އެވެ.
މީގެ އިތުރުން ކުރިއަށްވެސް ރެޑްބުލްގެ ބައިވަރު އިވެންޓް އެބަހުއްޓެވެ. ރެޑް ބުލް އިން ގޮއިދޫގައި ވިންޑް ރައިޑާސް ބާއްވާތާ މިއީ ތިން ވަނަ ފަހަރެވެ. އަދި މި ރަށުން މި އިވެންޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރެޑްބުލް އިން ވަނީ ބުނެފަ އެވެ.
Comment