Advertisement

ނަމޫނާއެއް؛ ވޮލެންޓިއަރުންނަށްވާން އެތައް ސަތޭކަ މީހުން އިސް ނަގައިފި

28 މޭ 2021 - 22:40 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ސިއްހީ ހިދުމަތްތެރިއެއް މަސައްކަތުގައި: އެތައް ސަތޭކަ ބަޔަކު ވަނީ ވޮލެންޓިއަރުންނަށް ވާން އިސް ނަގާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ނަމޫނާއެއް؛ ވޮލެންޓިއަރުންނަށްވާން އެތައް ސަތޭކަ މީހުން އިސް ނަގައިފި

28 މޭ 2021 - 22:40 0

ކޮވިޑްގެ މި ގޯސް ހާލަތުގައި ވަރުބަލިވެ ހާސްވެފައި ތިބި ސިއްހީ ހިދުމަތްތެރިންގެ އަތުގައި ހިފަން އެތައް ބަޔަކު އަތް ދިއްކޮށްލައިފި އެވެ!

މީގެކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ނުވާ މިންވަރަށް ގޮސްފައިވާއިރު، އިންސާނީ ވަސީލަތަށް ރާއްޖެ ވަނީ ޖެހިފަ އެވެ. ކޮވިޑްގެ ނުރައްކާ ބޮޑު ރާޅާ ކުރިމަތިވީ، ސިއްހީ ހިދުމަތްތެރިންނަށް އިންތިހާއަށް ބުރަބޮޑުވެ، އަހަރެއްހާ ދުވަހުގެ ވަރުބަލި ކަމުގައި ތިއްބަ އެވެ.

"ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މި ތިބީ ބަލިވެފައި، ދެ ޝިފްޓަށް 16 ގަޑިއިރު ޑިއުޓީ ނަގަން ޖެހުން އޮތީ މަޖުބޫރުވެފަ، މި އުޅެނީ ވަޒީފާއަށްޓަކައެއް ނޫން، އިންސާނިއްޔަތަށްޓަކައި،" ކޮވިޑް ފެސިލިޓީގައި އެހާމެ ބުރަކޮށް އުޅޭ ނަރުހަކު ބުންޏެވެ.

އެ ނަރުހުންގެ މަސައްކަތަށް ލުއި ހޯދުމަށް، އެޗްޕީއޭން ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލި އެވެ. ބަލި މީހާއަށް ކާން ދިނުން ފަދަ ކަމެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި އިސްނަގައިފި ނަމަ ހަމަނޭވާލާނެ ވަގުތެއް ނުވެ ދެކޮޅުދެކޮޅަށް ދުވެދުވެ ތިބޭ ނަރުހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެތީ އެވެ.

ދިވެހީން މިފަހަރު ވެސް ދެއްކީ ނަމޫނާ އެވެ؛

ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ވެސް 1،000 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެޗްޕީއޭން މިރޭ ބުންޏެވެ.

"ވޮލެންޓިއަރުން ހޯދަން ގޮވާލި ގޮވާލުމަށް އިޖާބަދިން އެތައް ސަތޭކަ މީހުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އެޗްޕީއޭން ބުންޏެވެ.

އެޗްޕީއޭން މިހާރު ވަނީ ވޮލެންޓިއަރުންގެ ލިސްޓް ޕްރޮސެސްކޮށް، މަސައްކަތަށް ނެރެން ތައްޔާރުވަމުންނެވެ. ލިބުނު ތަރުހީބުގެ ބޮޑުކަމުން، މިހާރަށް ވޮލެންޓިއަރުން ހޯދުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ރާއްޖެއަށް ދިމާވި މިފަދަ ކޮންމެ ދަތި ވަގުތެއްގައި ވެސް އެންމެ ކުރީ ސަފުގައި ވޮލެންޓިއަރުންގެ އަތްތައް ގިނަ އެވެ. ސުނާމީ ކާރިސާ އާއި މާލެ ފެނަށް ޖެހުމުގެ ބޮޑެތި ކާރިސާތަކުގައި އެ މަންޒަރު ފެނިގެން ދިޔަ އެވެ.

މިހާރު ރާއްޖެއަށް ދިމާވެފައިވާ މި އޮތް ބަލިމަޑުކަމުން ސަލާމަތްވެވެން އޮތީ ވެސް އެންމެން އެކުގަ އެވެ. އެންމެން އެކުގައި ތެދުވެ، މި ހާލަތުން އަރައިގަތުމަށް އެހީތެރިކަމުގެ އަތްތައް ދިއްކޮށްގެންނެވެ. އެކަމުގައި އިސް ނެގި 1،000 އަށްވުރެ ގިނަ މީހުންނަށް ސާބަހެވެ.

އެފަދަ އެހީތެރިކަން ފޯރުކޮށްދޭން އިސްނެގުމުގެ ގާބިލުކަން ނެތް ނަމަ ފިޔަވަޅުތަކަށް ހަގީގީ މާނައިގައި ތަބާވާންވީ އެވެ. މާސްކު އަޅަންވީ އެވެ. ގޭގައި މަޑުކުރަންވީ އެވެ. ބައްދަލުކުރާ މީހުން މަދުކުރަންވީ އެވެ. ވެކްސިން ނުޖަހާނަމަ، އެކަން ވެސް އަވަހަށް ކުރަންވީ އެވެ.

#އެކުގައި އެންމެން!