Advertisement

ހާލަތު ގޯސްވީ އެޕްރީލްގައި ދިން ލުއިތަކާ ހެދި: ރައީސް

26 މޭ 2021 - 01:00 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮވިޑުގެ ހާލަތު ގޯސްވީ ދިން ލުއިތަކާ ހެދި ކަމަށާއި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ/ ރައީސް އޮފީސް


ހާލަތު ގޯސްވީ އެޕްރީލްގައި ދިން ލުއިތަކާ ހެދި: ރައީސް

26 މޭ 2021 - 01:00 0

ރާއްޖޭގެ ކޮވިޑު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު ހާލަތު ގޯސްވީ އެޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވާން އަޅާފައި ހުރި ފިޔަވަޅުތައް އެއްކޮށްހެން އެޕްރީލް މަހުގެ ކުރީކޮޅު ދޫކޮށްލީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށެވެ. މާލޭގެ ފިޔަވަޅުތައް ދޫކޮށްލައި ރަށްރަށަށް ވޯޓުލާން ދެވޭ ގޮތަށް ވެސް ހެދި އެވެ. ވޯޓުލާ މަރުކަޒުތަކަށް އެންމެން ޖަމާވެ ތިބެވުނު އިރު، އާއްމުންނާ އެކު ބައްޔަށް ޕޮޒިޓިވް މީހުންނަށް ވޯޓުލާ މަރުކަޒުތަކުގައި އުޅުމުގެ ފުރުސަތު ވެސް ލިބުނެވެ.

އިންތިހާބަށް ދިން އެ ލުއިތަކުން ގޯސް ނަތީޖާ ނުކުންނާނެ ކަމަށް ސިއްހީ ހިދުމަތްތެރިން އޭރު ވެސް ދިޔައީ ވިދާޅުވަމުންނެވެ. ނަތީޖާއަކަށް ވީ އާ ވޭރިއަންޓަކާ އެކު ރާއްޖޭގައި ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ހާލަތު އެންމެ ގޯސް ދަރަޖައަކަށް ވެއްޓުމެވެ.

ކޮވިޑަށް މި މަހު އެކަނި ވެސް 28،600 މީހުން ޕޮޒިޓިވްވެ 71 މީހަކު މަރުވެފައިވެ އެވެ. މިއީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން ވެސް އެންމެ ގިނަ ބަޔަކު މަރުވި މަހެވެ. ބަލި މީހުން ގިނަވެ، ސިއްހީ ހިދުމަތްތެރިންނަށް ވަނީ ބުރަބޮޑުވެފަ އެވެ.

އިތުރަށް ގޯސްވިޔަ ނުދޭން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާގޮތަށް ވަނީ ނިންމައިފަ އެވެ.

ކޮވިޑުގެ މި ހާލަތާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވެސް މިރޭ އެއްބަސްވެވަޑައިގަތް ގޮތުގައި އެޕްރީލް މަހުގެ ތެރޭގައި ވަނީ ބައްޔަށް ނުވިސްނައި ގޯސްތަކެއް ހެދިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރަށް ލުއި ދިނުމާއި މާލޭގައި ވެސް ލުއި ދިނުން ހިމެނޭ ކަން ރައީސް ވެސް ފާހަގަކުރެއްވި އެވެ.

"ތި ވިދާޅުވާހެން އެޕްރީލް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުގަނޑުމެން އަޅުވާކަށް ނެތިން،" ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކަމުން އަރައިގަތުމަށެވެ.

ބަޖެޓުން ބޮޑު ހޭދައެއް ހިނގައި އަހަރެއްހާ ދުވަސް ހޭދަވިއިރު ވެސް ކޮވިޑުގެ ފަރުވާއަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވެވި، ކޮވިޑުގެ ހަތަރު ވަނަ ރާޅުގައި ރާއްޖޭގެ ހާލަތު ގޯސްވެ މަރުވާ ރޭޓު އިތުރުވެ، ބަލީގައި އެކަށީގެންވާ ފަރުވާ ނުދެވުމުގެ ޝަކުވާތަކާ އެކު މި ހާލަތަކީ ކޮވިޑު މެނޭޖްކުރުމުގައި ފެއިލްވުން ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު އެހުމުން ރައީސް ވިދާޅުވީ އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮވިޑުގެ މެނޭޖް ކުރުމުގައި ފޭލްވެފައި އޮތް ކަމަކަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ވަރަށް ރަނގަޅަށް މެނޭޖްކުރަމުން މިއައީ ހުރި ރިސޯސްތަކާއި ތިއްބެވި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

"މިހާރު މިއޮތީ ކުޑަ ދަތި ކަމެއްގެ ތެރޭގައި އަޅުގަނޑު ވެސް ގަބޫލުކުރަން."

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްތެރިންނާ އެކު ކުރިއެކޭ އެއްގޮތަށް ދެންވެސް މިކަމުން އަރައިގަނެވޭނެ އެވެ. މިހާރު މިއޮތީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށާއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު މިގޮތަށް ހިފެހެއްޓިއްޖެ ނަމަ ބަލި ޖެހޭ އަދަދު ދަށަށް ދާނެ ކަމަށް ވިދާޅުވި އެވެ.