19 މޭ 2021 - 00:25 0
ނާޒިމް ހަސަން
އިންޑަސްޓްރިއަލް ވިލެޖް: އެތަން ތަރައްގީ ކުރަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައި - ފޮޓޯ: ޕީއެސްއެމް
19 މޭ 2021 - 00:25 0
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް މާލޭގެ ތެރޭގައި ހުރި ގަރާޖުތަކާއި ގުދަންތައް އަދި ވޯކްޝޮޕްތައް ބަދަލު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެކަން ކުރުމަށް އެމްޑީޕީގެ ހަ ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް 18 ކައުންސިލަރުން އިއްތިފާގުން މިއަދު ވަނީ ނިންމާފަ އެވެ.
ނަމަވެސް، މާލޭގެ މޭޔަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި، ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައި ހިއްކި އިންޑަސްޓްރިއަލް ވިލެޖްގެ ބޭނުން ނުހިފައި މި ސަރުކާރުން އޮތީ ދޫކޮށްލާފަ އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އެތަނަކީ "ޖަންކް ޔާޑް"އެކެވެ. މާލޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ވެސް ސަރުކާރުން ނިންމީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރާށެވެ.
ބާ ވެހިކަލްތައް ޕާކްކުރާ ތަނެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ގަރާޖުތަކާއި ގުދަންތައް މާލޭގެ އެތެރޭގައި ހުރުމުން ދިމާވާ ދަތިތައް ވަރަށް ގިނަ ކަމަށާއި އޭގެ ހައްލު އޮތީ ފެންނަން ކަމަށެވެ.
އެހެންވެ، އެކަން ކުރުމުގެ ގޮތުން ވަރަށް އަވަހަށް ގުދަންތަކާއި ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރާނެ ކަމަށާއި، އަލަށް ގުދަން ފަދަ ތަންތަން ހަދަން ބޭނުންވާ މީހުންނަށް ވެސް އެ ތަނުން ޖާގަތައް ދޫކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ތަރައްގީ ކުރާނެ ޕްލޭނެއް ހަދައި، އެކަން މިނިސްޓްރީއާ ހިއްސާކޮށް މަޝްރޫއު ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
"މާލެ ތެރެ އެބަޖެހޭ ފަސޭހަ ތަނަކަށްވާން، ދިރިއުޅެން ފަސޭހަ ތަނަކަށްވާން، އެކަން ވާނީ ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ތަންތަން ދިރިނޫޅޭ ސަރަހައްދުތަކަށް ގެންދެވިގެން،" މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ވެސް މުހިންމު ނިންމުންތަކެއް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި، ދަފުތަރުގައި މީހުން ޖެއްސުން މަޑުޖައްސާލުމާއި ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި ގުޅީފަޅުގެ ބަނދަރުގެ މަޝްރޫއު ހުއްޓާލައި، އެތަން ގެދޮރަށް ހާއްސަ ކުރުމަށް ސަރުކާރަށް ދެންނެވުމުގެ މަސައްކަތް ފެށުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment