5 މޭ 2021 - 23:44 0
އާސެނަލްގެ މެޗެއްގެ ތެރެއިން ލޭމަން.-- ފޮޓޯ: އޭއެފްޕީ
5 މޭ 2021 - 23:44 0
ބާލިން (މެއި 5) - ނަސްލީ ތަފާތުކުރުމަށް ހިތްވަރު ދޭ ގޮތަށް ހާތާ ބާލިންގެ ބޯޑުގައި މަސައްކަތްކުރަމުން އަންނަ އާސެނަލްގެ ކުރީގެ ގޯލްކީޕަރު ޔެންސް ލޭމަން ކުރި ވަޓްސަޕް މެސެޖަކާ ގުޅިގެން އޭނާ މަގާމުން ވަކިކޮށްފި އެވެ.
ސްކައި ޖާމަނީގައި ޕަންޑިޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖަރުމަނުގެ ކުރީގެ ކުޅުންތެރިޔާ ޑެނިސް އައޯގޯ އަށް ލޭމަން ވަނީ "ކަޅު މީހެއް" ކަމަށް ބުނެ މަޖާޒީ ގޮތަކަށް ވަޓްސަޕް މެސެޖެއް ކޮށްފަ އެވެ. އައޯގޯ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ލޭމަންގެ އެ މެސެޖްގެ ސްކްރީންޝޮޓެއް ހިމަނައިގެން ޕޯސްޓެއް ކޮށްފަ އެވެ. އައޯގޯ ބުނީ "މިއީ އޭނާ އަށް އައި މެސެޖެއް ކަމަށް" ގަބޫލުކުރަން އުނދަގޫ ކަމަށް ބުނެފަ އެވެ.
އެ އިބާރާތް ބޭނުން ކުރެވުމުން އުމުރުން 51 އަހަރުގެ ލޭމަން ވަނީ ފަހުން މައާފަށް އެދިފަ އެވެ. ލޭމަން ބުނީ އޭނާ އެ މެސެޖް ކުރީ އައޯގޯ އަށް ނަސްލީ ގޮތުން ދިމާކޮށްލުމުގެ ގޮތުން ނޫން ކަމަށާއި އެއީ އޭނާ އަކީ މައުލޫމާތު މުއްސަނދި މީހެއްގެ ގޮތުގައި ބުނަން އުޅުނު ވާހަކައެއް އެހެން އިބާރާތެއް ބޭނުންކޮށްގެން ބުނެވުނީ ކަމަށެވެ.
އެކަމަކު ލޭމަން ކަހަލަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު މި ކަހަލަ ކަމެއްގައި ގޯހެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ތަމްސީލުކުރާ ކުންފުނި ޓެނާ ހޯލްޑިން އިން ވަނީ ނިންމައިފަ އެވެ. ހާތާ ބާލިންގައި ލޭމަން ހުރީ ޓެނާ ހޯލްޑިންގެ ފަރާތުން ސުޕަވައިޒަރީ ބޯޑް މެމްބަރެއްގެ މަގާމުގަ އެވެ. ޓެނާ ހޯލްޑިން އިން ވަނީ މައްސަލަ ޖެހުނު ވަގުތުން ފެށިގެން ލޭމަން ވަޒީފާ އިން ވަކިކޮށްފަ އެވެ.
ބާލިންގެ މެޗެއްގެ ތެރެއިން ލޭމަން: އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފައި.
ހާތާ ބާލިންގެ ރައީސް ވާނާ ގެގެންބެއުއާ ވަނީ ޓެނާ ހޯލްޑިންގެ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އަދި ހާތާ ތަމްސީލްކުރާ މީހެއްގެ ފަރާތުން އެ ފަދަ ކަމެއް ފެނިގެންނުވާނެ ކަމަށް ވާނާ ވިދާޅުވި އެވެ.
ޝާލްކާ އިން ކެރިއަރު ފަށައި އޭސީ މިލާނާއި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކުޅުނު ލޭމަން ވިދާލީ އާސެނަލް އިންނެވެ. އާސެން ވެންގާގެ ކޯޗުކަމުގައި ލޭމަން ވަނީ 2003 އިން 2008 އަށް އާސެނަލަށް ކުޅެފަ އެވެ. އޭނާ އަކީ މެޗަކުން ބަލިނުވެ 2004 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އާސެނަލް ޓީމުގެ މެމްބަރެކެވެ. އަދި 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމަށް ވެސް ކުޅުނެވެ. އޭނާ ކުޅުން ހުއްޓާލީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޯޗިން ތެރޭގައި ވެސް މަސައްކަތްކުރި އެވެ.
Comment