Advertisement

ގޭސް ލީކުވެ ނުރައްކާ ގޮވުންތައް: ސީރިއަސްވާން ވެއްޖެ!

6 މޭ 2021 - 10:49 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގޭސް ފުޅިއަކުން ގޭސް ލީކުވެ ރޯ ވާ މަންޒު ދައްކުވައިދޭ ކުރެހުމެއް: ގޭސް ފުޅިން ގޭސް ލީކުވުމުގެ ބައިވަރު ސަބަބު ހުރޭ -- ކުރެހުން: އަހުމަދު އިހްސާން/އަދަދު


ގޭސް ލީކުވެ ނުރައްކާ ގޮވުންތައް: ސީރިއަސްވާން ވެއްޖެ!

6 މޭ 2021 - 10:49 2

ހަލާކުވެފައި ހުރީ އެ ގޭގެ އުނދުނުގެ ނޮބެވެ. އުނދުނުގެ އެހެން އެއްވެސް ތަނެއް ހަލާކުވެފައެއް ނެތެވެ. ކުޑަ ފޮތިކޮޅެއް ލާފައި ނޮބު އޭގެ މަތިން ޖަހާލުމުން ތަންކޮޅެއް ބާރަށް ހުރެފަ، ނޮބު ދެކޮޅަށް ހަރަކާތް ވެސް ކުރެ އެވެ. އެހެންވެ އެ ގޮތަށް އުނދުން ބޭނުން ކުރަމުން ގެންދިޔައީ އެވެ.

އެ ގެއަށް ދިޔަ އަލިފާން ނިއްވާ މީހުންގެ ލަފާކުރީ ހުޅުގަނޑު ރޯވީ އުނދުނުން ގޭސް ލީކުވެގެން ކަމެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން މާލޭގައި ހިނގި އެ އަލިފާނުގެ ހާދިސާގައި މީހަކު މަރު ވެސް ވި އެވެ.

ގޭސް ލީކުވެގެން ހިނގާ އަލިފާނުގެ ހާދިސާތައް މާލެ އާއި ރާއްޖޭގައި ވަރަށް ގިނަ އެވެ. އެކަމުގެ ސީދާ ތަފާސްހިސާބު ފެންނަން ނެތް ނަމަވެސް ކޮންމެ އަހަރަކު ވެސް ގޭސް ލީކުވެގެން ވިއްސަކަށް އަލިފާނުގެ ހާދިސާ މުޅި ރާއްޖޭގައި ހިނގާނެ ކަމަށް ތަޖުރިބާކަރުން ދެކެ އެވެ.

ގޭސް ފުޅި ގޮވަނީތަ؟ މިކަމުގެ ސައިންސަކީ ކޮބާ؟

މާލޭގައި ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަނީ ގޭސް ފުޅި ގޮވައިގެނެއް ނޫނެވެ. ގޭސް ފުޅި ގޮވަނީ ކަމަށް ހީވެފައި އޮންނަނީ ރަނގަޅަކަށް ނޫނެވެ.

"އަޅުގަނޑަށް އެނގިގެން ދުވަހަކު ވެސް ގޭސް ފުޅިއެއް ގޮވާފައެއް ނެތް. ގޭސް ފުޅީގައި ރޯ ވާނީ ވެސް ހަގީގަތުގައި އެ ވަރަށް ގިނައިރުތަކެއް ވަންދެން އަލިފާނުގެ ތެރޭގައި ހުރެގެން،" ކުރިން ފަޔާ ފައިޓަރަކަށް 10 އަހަރު މަސައްކަތް ކޮށްފައި ހުރި އަހްމަދު ޝަމާލް ބުންޏެވެ.

ޝަމާލް ބުނީ ގޭސް ފުޅިއާ ގުޅިގެން އަލިފާނުގެ ހާދިސާތައް ގިނައިން ހިނގަނީ އެކި ގޮތްގޮތުން ގޭސް ލީކުވެގެން ކަމަށެވެ. އެކަމުގެ ސައިންސު ވެސް ޝަމާލް ކިޔައިދިނެވެ.

"ކައްކަން އަޅުގަނޑުމެން މި ބޭނުން ކުރަނީ އެލްޕީޖީ ގޭސް. އޭގެ ދިގު ގޮތަކީ ލިކުއިޑިފައިޑް ޕެޓްރޯލިއަމް ގޭސް. މިއީ ޕްރޮޕޭން އަދި ބިއުޓޭން ގޭސް އެއްކޮށްގެން ހަދާ ގޭހެއް. އަޅުގަނޑުމެން ކައްކަން މި ގެންގުޅޭ ގޭހުގަ ހުންނާނީ 20 ޕަސެންޓް ޕްރޮޕޭން އަދި 80 ޕަސެންޓް ބިއުޓޭން،" އޭނާ ކިޔައިދިނެވެ.

"ފުޅީގައި ގޭސް ހުންނާނީ ވަރަށް ގަދައަށް ކޮމްޕްރެސްކޮށްފަ. އެހެންވީމަ ލިކުއިޑް ފޯމުގަ، ދިޔާ އެއްޗެއްގެ ގޮތުގައި ފުޅީގަ ގޭސް ހުންނާނީ. އަޅުގަނޑުމެންނަށް ފެނޭތާ ލައިޓަރުގަ ވެސް ދިޔާކޮށް ގޭސް ހުންނަތަން."

ގޭސް ލީކުވީމަ ވާނެ ގޮތް

ކޮންމެ ގޭހެއް ވެސް އުފެދިފައި މި ހުންނަނީ ތަފާތުކޮށެވެ. އެހެންކަމުން ކޮންމެ ގޭހެއް ވެސް އެކި މާހައުލުތަކުގައި ހަރަކާތް ކުރާ ގޮތް ތަފާތެވެ. އެލްޕީޖީ ގޭސް ފުޅިން ލީކުވެއްޖެއް ނަމަ ވާނެ ގޮތް ޝަމާލް ކިޔައިދިނެވެ.

"ކައްކާ ގޭހަކީ ޖައްވުގެ ވަޔަށް ވުރެ ބަރު އެއްޗެއްވީމަ ގެއިން ބޭރަށް ނިކުމެގެން ނުދާނެ. ލީކުވެގެން ވަޔަށް އަރައިގެން ދިޔުމުގެ ފުރުސަތެއް ނޯންނާނެ. އެ ހުންނާނީ އެތެރޭގަ ކޮންޓެއިންވެފަ ފްލޯ ލެވެލްގައި މަޑުމަޑުން ދުވެލަ ދުވެލާ،" ކައްކާ ގޭހުގެ ގުދުރަތު އޭނާ އޮޅުންފިލުވައިދިނެވެ.

ގޭސް ލީކުވެ ގޮވުމުގެ ސަބަބުން ބިމާ ހަމަވެފަ އޮތް ގެއެއް: ގޭސް ލީކުވެ ގޮވާ ގޮވުމުން ބައެއް މީހުން މަރުވެފައި ވެސް އެބަހުރި


އެލްޕީޖީ ގޭސް އިތުރަށް ނުރައްކާވަނީ މި ގޭހުގަ ހުޅުހިފަން ބޭނުން ވަނީ އެންމެ ކުޑަކުޑަ ކަންޏެއް ކަމަށްވާތީ އެވެ.

"ލައިޓު ސްވިޗު ކަނޑާލާއިރު އޭގެން އުފެދޭ ކުޑަ ހޫނުން ވެސް ގޭހުގަ ރޯވާނެ. އެ ވަރު ކުޑަކުޑަ ސްޕާކަކުން ވެސް ހުޅުހިފާނެ. ވަރަށް ފަސޭހައިން އިގްނައިޓްވާ އެއްޗެއް މިއީ،" އޭނާ ބުންޏެވެ.

ގަދައަށް ގޭސް ލީކުވެފައި ހުންނަ ތަނެއްގައި ހުޅުހިފައިފި ރޯ ވަނީ ފުޅިއަކު ނޫނެވެ.

"ގޭސް ލީކުވެފަ ހުންނަ އިރު އިގްނައިޓުވީމަ ގޭހުގެ ރޯވެގެން އުފެދެނީ އެކްސްޕްލޯޝަނެއް. އޭގެ ހޫނުން މި ރޯވަނީ ހަގީގަތުގައި. ގޭސް ފުޅިއެއް ގޮވާނީ ވަރަށް ގިނައިރު އަލިފާނުގެ ތެރޭގައި ހުރެގެން. ދެން އެކަމަކު ކައްކާ ގޭސް ނޫން އެއްޗެއްގަ މިހާރު އެ ވަހެއް ނުހުންނާނެ،" ޝަމާލް ބުންޏެވެ.

ރާއްޖޭގައި އާންމުކޮށް ގޭސް ލީކުވަނީ ކިހިނެއްވެ؟

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ގޭގެއަށް ކައްކާ ގޭސް ދެނީ ހޮޅި ގުޅައިގެނެވެ. އަދި ގޭސް ފުޅި ބޭނުން ކުރާ ގައުމުތަކުގައި ވެސް ފުޅި ހުންނަނީ ރާއްޖޭގައި ގޭސް ފުޅި މި ހުންނަ ގޮތަކަށް ނޫނެވެ.

"ބޭރު ގައުމުތަކުގައި ހުންނާނެ ވޭލެއް ހަރުކޮށްފަ ގޭސް ފުޅިތަކުގައި. އެއިރުން ވޭލުން ހުޅުވާފަ ގޭސް ބަންދު ވެސް ކުރެވޭނެ. ރާއްޖޭގެ ގޭސް ފުޅިތަކުގައި ހުންނާނީ ޕިނެއް ލާފަ. ރެގިއުލޭޓަރު ގުޅާލީމަ ޕިނަށް ފިތިގެން މި ފުޅި ހުޅުވެނީ،" އެންޓި-ފަޔާ މޯލްޑިވްސްގެ ތަޖުރިބާކާރު މުހައްމަދު ސައިފް ބުންޏެވެ.

ރާއްޖޭގައި ގޭސް ލީކުވާން މެދުވެރިވާ ދެތިން ސަބަބު އޭނާގެ ތަޖުރިބާގެ އަލީގައި ކިޔައިދިނެވެ.

ރާއްޖޭގައި ބޭނުން ކުރާ ދަގަނޑު ގޭސް ފުޅިއެއް: ދަގަނޑު ފުޅި ދަބަރަށްވެފައި ހުރުމުން ރައްކާތެރިކަން ޔަގީނެއް ނުކުރެވޭ -- ފޮޓޯ: އަދަދު


"ރާއްޖޭގައި އަސްލު ގިނަ ފަހަރު ގޭސް ލީކު މި ވަނީ ފުޅިއަކުން ނޫން. ގިނައިން ލީކުވެފައި މި ހުންނަނީ ޕިން މައްސަލަ ޖެހިގެން ނުވަތަ ރެގިއުލޭޓަރު މައްސަލައެއް ޖެހިގެން ނޫނީ ރެގިއުލޭޓަރު ހޮޅީގެ މައްސަލައެއް ޖެހިގެން،" ސައިފް ބުންޏެވެ.

އޭގެ އިތުރުން ވެސް ގޭސް ފުޅީގަ ދަބަރުޖެހުމަކީ ގޭސް ލީކުވުމަށް މެދުވެރިވާ ނުރައްކާތެރި ސަބަބެކެވެ.

"ދެން އަދި އިތުރު ގޮތަކަށް ރާއްޖޭގައި ގޭސް ލީކުވާން ދިމާވޭ އެއީ ގޭސް ފުޅީގަ ދަބަރު އުފެދިގެން. އެހެންވެ އަޅުގަނޑު އަބަދުވެސް ރިކޮމެންޑް ކުރަނީ ގޭސް ފުޅި ވިއްކާ ފަރާތުން ދޭ އިރު ދަބަރުވެފައި ހުންނަ ފުޅި ރިޖެކްޓް ކުރަން އާދަ ކުރަންވީ. އެމީހުން ކައިރި ބުނަންވީ އާ ފުޅިއެއް ދޭށޭ ދަބަރުނުވާ ކަހަލަ،" އޭނާ ބުންޏެވެ.

ގޭސް ލީކެއް ދަނެގަންނާނެ ގޮތް އަދި ލީކުވެއްޖަ ނަމަ ކަންތައް ކުރާނެ ގޮތް

ގޭސް ލީކުވެފައި ހުންނައިރު ވަރަށް ގިނަ މީހުންނަށް އެކަން ނޭނގެ އެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ކައްކާ ގޭހަކީ ލީކުވެފައިވާކަން ދަނެގަންނަން އެހޭ ފަސޭހަ ގޭހެއް ނޫނެވެ.

"ގޭސް ލީކުވެއްޖެކަން އެނގޭނީ އޭގެ ވަހުން. ދެން ބެލޭނެ ގޮތަކީ ޝައްކެއް އުފެދޭ ކަމަށްވާ ނަމަ ކުރީ ޒަމާނުގައި ވެސް މީހުން ކަންތައް ކުރާ ގޮތަށް އޯމޯ ކޮޅެއް ގިރާލާފައި ހޮޅީގައި ހާކާލީމަ ބޮކި އުފެދޭނެ ލީކެއް އުޅޭ ނަމަ،" ސައިފް ކިޔައިދިނެވެ.

ގޭސް ލީކެއް އުޅޭ ކަމަށް ހީވާ ނަމަ އެންމެ ރައްކާތެރި ގޮތަކީ އަވަހަށް ފުޅި ބޭރަށް ނެރުމެވެ.

"ގޭސް ލީކެއް އުޅޭ ކަމަށް ޝައްކުވާ ނަމަ ހަދަންޖެހޭ ގޮތަކީ ފުޅީގެ ނޮޒްލްގައި ތެތް ފޮތިގަނޑެއް އަޅާލާފަ ފުޅި ނެރެން ޖެހޭނީ ހާމަ ތަނަކަށް. ދެން އެ ވަގުތު އެއްވެސް ސުވިޗަކާ ކުޅެގެން ނުވާނެ. ޖައްސާފަ ހުރި އެއްޗެހި ޖައްސާފަ ބަހައްޓާފަ ނިއްވާފަ ހުރި ސުވިޗުތައް ވެސް ހަމަ އެގޮތަށް ބަހައްޓާނީ،" އޭނާ ބުންޏެވެ.

ކައްކާ ގޭސް ލީކުވެފައިވާކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ އެލްޕީޖީ ގޭސް ޑިޓެކްޓަރަކުން ކަމަށް ސައިފް ދެކެ އެވެ.

"އެންމެ ރަނގަޅު ގޮތަކީ އެލްޕީޖީ ޑިޓެކްޓާއެއް ހޯދުން. ވަހުން ނޭނގިދާނެ ހޭލުންތެރިވެފަ ނުހުންނާތީ. އަދި އޭގެ ޑިޓެކްޓް ކުރާނީ ވެސް އެލްޕީޖީ ކޭސް އެކަނި. ގޭސް ފުޅި ތިރީގައި ބައިންދާލުމުން އޭގެ ޑިޓެކްޓް ކުރާނެ ގޭސް ލީކެއް އުޅޭ ނަމަ،" އޭނާ ބުންޏެވެ.

ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން

ގޭސް ލީކުވެގެން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން ސަމާލުކަން ދެވޭނެ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން މުހިންމު އެއް ކަމަކީ ގޭސް ފުޅި ބައިންދާ ތަނާ މެދު ސަމާލުވުމެވެ.

"މާލޭގައި ގެތައް ހަދާފައި ހުންނަ ގޮތުން ގޭސް ފުޅި މި ބައިންދަނީ އުނދުނާ ވަރަށް ކައިރީގަ. އެއީ ހަގީގަތުގައި ރައްކާތެރި ކަމެއް ނޫން. ވަކި ޓެމްޕަރޭޗަރަކަށް ދިޔައީމަ ކޮންމެ އެއްޗަކީ ވެސް ހުޅު ހިފާ އެއްޗެއް. އަސްލު އެންމެ ރައްކާތެރި ގޮތަކީ ހާމަ ތަނެއްގައި ގޭސް ފުޅި ވަކިން ބޭންދުން،" ސައިފް ބުންޏެވެ.

ގޭހުން އުފެދުނު ގޮވުމެއްގައި އަނިޔާވި މީހަކު: ގޭހާ މެދު ފަރުވާ ކުޑަކުރެވިގެން ހިނގާފައިވާ ހާދިސާތަކުގައި މީހުން މަރުވެފައި ވެސް އެބަހުރި


ބެލްކަންޏަކީ ގޭސް ފުޅި ބޭންދުން އެންމެ އެކަށީގެންވާ ތަން ކަމަށް ސައިފު ދެކެ އެވެ.

"މާލޭގައި އަސްލު ގޭސް ފުޅި ބޭންދޭނެ ބެލްކަނީގަ. އެކަމަކު އެއީ އާންމުކޮށް ސިނގިރެޓު ބޯ ތަނެއް. އެހެންވީމަ ބެލްކަނީގަ ނީންނާނެ ބޭންދޭކަށް ވެސް،" އޭނާގެ ހިޔާލު ސައިފް ބުންޏެވެ.

ކޮންމެ ގޭސް ފުޅިއަކީ ވެސް ވަކި މިންގަނޑަށް ފެތެންޖެހޭ އެއްޗެކެވެ. އެހެންވެ ފުޅީގެ ހާލަތަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

"ކޮންމެ ގޭސް ފުޅިއެއް ވެސް ހުންނަނީ ހައި ޕްރެޝަރު ޓެސްޓެސް ހަދައިފަ. އެއީ ކޮންމެ ފަސް އަހަރަކުން ހަދަން ޖެހޭ ޓެސްޓެއް. ކޮންމެ ގޭސް ފުޅިއެއްގެ ބޭރުގަ ވެސް ހުންނާނެ އެންމެ ފަހުން ހައި ޕްރެޝަރު ޓެސްޓު ކުރި ތާރިހު. އެކަމަކު ރާއްޖޭގައި ހުންނަ ގިނަ ފުޅީގަ މި ތާރީހު ފެންނާކަށް ނުހުންނާނެ ފުޅީގައި ދަވާދު ލާފައި ހުންނާތީ،" ސައިފް ބުންޏެވެ.

މީގެ ކުރިން ގޭސް ފުޅި އުނދުނާ ގުޅާލަދެނީ ގޭސް ވިއްކާ ފަރާތުން އަންނަ މީހެކެވެ. އެކަމަކު ކޮވިޑް-19 އަށް މިދިޔަ އަހަރު މާލެ ލޮކްޑައުން ކުރި ފަހުން ގޭސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިކަން ހުއްޓާލި އެވެ. އެހެންވެ ކޮންމެ ގެއަކުން ވެސް މިހާރު ގޭސް ފުޅި ގުޅަންޖެހެނީ އަމިއްލައަށެވެ.

އަމިއްލައަށް ގޭސް ފުޅި ގުޅާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން އަދި ރާއްޖޭގައި ގޭސް ފުޅިއަށް ގުޅަން ބޭނުންކުރާ ބައެއް ވައްތަރުގެ ރެގިއުލޭޓަރު މަސައްކަތް ކުރާ ގޮތް ސައިފް ކިޔައިދިނެވެ.

"ބައެއް ރެގިއުލޭޓަރުތަކުގައި ހުންނާނެ އަނބުރާލާ ކަހަލަ ވޭލެއް. ބައެއް ރެގިއުލޭޓަރުގައި އިންނާނީ ޕިނެއް، ހަމައެކަނި ފިއްތާލަން ޖެހޭނީ. ފިއްތާލީމަ ލޮކެއް އެޅޭނީ. އަދި އެއް ވައްތަރު ރެގިއުލޭޓަރު ހުރޭ ގޭޖެއް ލާފަ ހުންނަ. އޭގެން ލީކެއްވާ ނަމަ ޕިން ހަމަ ގޮސް އެމްޕީޓަ ޖެހިފަ އަރާނީ. އޭގެން އިނގެނީ ރަނގަޅަށް ގޭޖަށް ގޭސް ނުލިބެ އޭ،" އޭނާ ކިޔައިދިނެވެ.

ރެގިއުލޭޓަރު ރަނގަޅަށް ގުޅިއްޖެކަން ދަނެގަންނާނެ ގޮތް ވެސް ސައިފް ކިޔައިދިނެވެ.

"ރެގިއުލޭޓަރު ރަނގަޅަށް ގުޅުނީމަ ނުއެއް ގުޑާނެ. ގުޑާ ނަމަ އޭގެ މާނައަކީ އަދި ރަނގަޅަށް ރެގިއުލޭޓަރު ފިކްސް ނުވެއޭ. ބައެއް ފަހަރު ގޭސް ފުޅިލާ ކަބަޑަށް ވެސް މީހުން ހުންނާނެ އެހެން އެއްޗެހި ލާފަ. އެއީ އަސްލު ރަނގަޅު ކަމެއް ނޫން،" އޭނާ ބުންޏެވެ.

ކައްކަން ބޭނުން ކުރާ ގޭސް ލީކުވެގެން ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގަނީ މާ ގިނައިންނެވެ. ގިނައިން މިފަދަ ހާދިސާތައް ދިމާވަނީ ރައްކާތެރިވުމަށް ފިޔަވަޅު އެޅެން އޮއްވަ އެވެ. ކަމެއް ދިމާވެއްޖެ ނަމަ ލިބޭނީ ކިހާ ބޮޑު ގެއްލުމެއްކަން ކުރިއާލާ ނޭނގެ އެވެ. އެހެންވީމަ ބުއްދިވެރިގޮތަކީ ރައްކާވެ ތިބެ ދަތުރަށް ފުރުމެވެ.