Advertisement

ރައްޔިތުންގެ މަޖިލިސް އެކުލަވާލެވޭ ގޮތް ބަދަލުވާންޖެހޭ: ނަޝީދު

5 މޭ 2021 - 17:02 3


ރައްޔިތުންގެ މަޖިލިސް އެކުލަވާލެވޭ ގޮތް ބަދަލުވާންޖެހޭ: ނަޝީދު

5 މޭ 2021 - 17:02 3

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެކުލެވިގެން ވާގޮތް ބަދަލުވާން ޖެހޭކަމަށް ދެކުން މަޖުބޫރުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ލިޔުއްވި ކޮލަމެއްގައި ނަޝީދު ލިޔުއްވާފައިވަނީ ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމުގައި ރަދުން އައްޔަނުކުރާ މެންބަރުން ތިބޭކަމަށާއި، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުންވެސް ރައީސް އައްޔަނުކުރާ އަށް މެންބަރަކު މަޖިލީހުގައި ތިބޭ ކަމަށެވެ. އެ މެންބަރުން ހިމާޔަތްކޮށްދެއްވަމުން ގެންދެވީ ވެރިކަމުގެ މަސްލަހަތުކަމުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.

ގާނޫނުއަސާސީއަށް ގެނެވުނު ބަދަލާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަނުކުރަން ފެށުނީ ދާއިރާތަކަށް ނިސްބަތްކުރެވޭ ގޮތަށް ކަމަށާއި، އޭގެ ސަބަބުން، ދާއިރާއާ ރަށުގެ ތަރައްގީގެ ވާހަކަ އެކަނި ދެއްކުމަށް މެންބަރުންނަށް މަޖުބޫރުވާކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.

ވަކި ސަރަހައްދެއްގެ ވޯޓު ލިބި، އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެންބަރެއްގެ ސަރަހަދުގެ ފަރާތުން ވަކާލާތު ކުރެއްވުމެވެ. ސަރަހައްދީ ވަކާލާތުގައި މެންބަރުން ބަނދެވުމުން، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން މަދުވެ އެވެ،" އެމަނިކުފާނު ލިޔުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވަނީ ވަކި ދާއިރާއަކުން ކަމަށްވާތީ އެ މެންބަރުން ނިސްބަތްވާ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށް ބާރު އެޅުއްވުމަކީ މިހާރު މަޖިލިސް އިންތިހާބު ކުރަން އޮންނަ ގޮތުގެ ސަބަބުން ނުކުންނަ މައްސަލައެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވަ އެވެ.

ވަކިވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހުގައި، ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެމެންބަރެއްގެ ދާއިރާއަށް ރަގަޅު ގޮތް ހޯދުމަށެވެ. މައްޗަންގޯޅި މެދަށް އެއާޕޯޓެއް ބޭނުންވާކަމަށް އެ ދާއިރާގެ މެންބަރަށް ވަކާލާތު ކުރާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ބަދަލުވާންޖެހޭކަމެއް ކަމަށް ވިދާޅުވަމުން މިކަމުގެ ހައްލެއްގެ ގޮތުގައި ނަޝީދު ހުށަހަޅުއްވަނީ މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެންބަރުން ތިއްބެވުމެވެ. އެ މެންބަރުން އިންތިހާބުކުރާނޭ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ވެސް ނަޝީދުގެ ލިޔުއްވުމުގައި ވެ އެވެ.

"އެތައް ގައުމެއްގެ ޕާލިމަންޓްތައް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގެ މެންބަރުން ހިމެނޭ ގޮތަށެވެ. އެފަދަ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރެ އެވެ. ގިނަ ގައުމު ތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީ ތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެޕާޓީއަކުން މެންބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ." ނަޝީދު ލިޔުއްވި އެވެ.

މުޅި ރާއްޖޭގެ ވަކާލާތަށް ފަހިކަން ލިބެން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާން ފެށިގެން ކަމަށާއި، މިއަދުގެ ދިވެހިރާއްޖެ އަށް ބޭނުން ވެފައިވާ އެއްކަމަކީ ވެސް، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބުންކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.