Advertisement

ހަމަޖެހިލައިގެން ތިއްބާ މާދަމާ ވެސް ހުދުމުހުތާރު ކަމަށް ރާއްޖެ އެނބުރިދާނެކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

about 2 hours 0

ރައީސް ނަޝީދު އައްޑޫގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ އާ ޖީލަކަށް ފުރުސަތު ދެއްވުމަށް ކަމަށް -- ފޮޓޯ: އެމްޑީޕީ


ހަމަޖެހިލައިގެން ތިއްބާ މާދަމާ ވެސް ހުދުމުހުތާރު ކަމަށް ރާއްޖެ އެނބުރިދާނެކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

about 2 hours 0

ޑިމޮކްރަސީ ރާއްޖެއަށް ގެނެވިއްޖެ ކަމަށް ހީވެ، ހަމަޖެހިލައިގެން ތިއްބާ މާދަމާ ވެސް ހުދުމުހުތާރު ކަމަށް ގައުމު އެނބުރިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫއަށް ވަޑައިގެން އެ ސިޓީގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ހުޅުވާފައިވާ ޖަގަހައެއް ކައިރީ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އަބަދަށް އޮންނާނެ މިނިވަންކަމެއް ރާއްޖެއަށް ގެނެވިއްޖެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށެވެ.

"ބަދަލުތައް ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލާކަށް ނުވޭ. ހުދުމުހުތާރުކަމަށް ރާއްޖެ އެނބުރިދާނެ ކިތަންމެ އަވަހަކަށް ވެސް. ހަމަ މާދަމާ ވެސް. ހިތަށް ނުގެންނަވާތީ ތާއަބަދަށް އޮންނަ މިނިވަންކަމުގެ ޑިމޮކްރެޓިކް ރޫހެއް އަޅުގަނޑުމެންގެ ތެރެއަށް، މި ރާއްޖެއަށް ތައާރަފް ކުރެއްވިއްޖެޔޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިސްލާހީ މަސައްކަތާ ދުރުގައި ހުންނެވުމަށް އެމަނިކުފާނަށް ބައެއް ފަހަރު ވިސްނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ރަނގަޅު ގޮތަކީ އަބަދުވެސް މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ ދެން، ދޮށީ އުމުރުގައި އަޅުގަނޑު ވެސް މިހާރު ފަސްދޮޅަހަށް ދަނީ، ހިތަށް އަރާ ބައެއް ފަހަރު ދެން މިކަމާ ވެސް އުޅެވިއްޖެ ނޫންހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތިނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވާހަކަ އެމަނިކުފާނު ވަނީ މިއަދު އައްޑޫގައި ވެސް ތަކުރާރު ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ މިހާރު ބޭނުންވެވަޑައިގަންނަވަނީ ޒުވާން ޖީލަކަށް ފުރުސަތު ދެއްވައި، އެހީތެރިވެވަޑައިގަތުމަށް ހުންނެވުމަށް ކަމަށެވެ.

"އަޅުގަނޑު ނޫޅެން ކުރިމަތިލާކަށް ކަމަކަށް. އަޅުގަނޑު އެދެނީ އާ ޖީލެއް ކަންކަމަށް ނުކުންނަން. އަޅުގަނޑު ނޭދެން ކުރީގެ ރައީސުން ކުރިމަތިލާކަށް. އަޅުގަނޑު އެދެނީ އާ ޖީލެއް އަނެއްކާ ވެސް ނުކުންނަން އާ ބަޔަކު ނުކުމެ އަޅުގަނޑުމެން އޭގެ ފަހަތުގައި ތިބެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރެއްވުމަށް ނަޝީދު ދިރިއުޅުއްވަނީ އެފްރިކާގެ ގާނާގަ އެވެ. މިދުވަސްވަރު ރާއްޖެ ވަޑައިގެން އުޅުއްވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށް ކެމްޕެއިން ކުރެއްވުމަށެވެ.