Advertisement

ޒަހާ، ފިޝަރީޒް މިނިސްޓަރު ކަމުން ވަކިކޮށް ރައީސް އޮފީހަށް ބަދަލުކުރިކަން އަންގައިފި

4 މޭ 2021 - 01:27 3

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޒަހާ ހަމަޖައްސަވައި މަގާމުގެ ފަތްކޮޅު އަރުވަނީ. -- ފޮޓޯ/ ރައީސް އޮފީސް


ޒަހާ، ފިޝަރީޒް މިނިސްޓަރު ކަމުން ވަކިކޮށް ރައީސް އޮފީހަށް ބަދަލުކުރިކަން އަންގައިފި

4 މޭ 2021 - 01:27 3

ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުން ޒަހާ ވަހީދު ވަކިކޮށް، ރައީސް އޮފީހަށް ބަދަލުކޮށްފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި، ޒަހާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އޭނާ އަށް އެންގީ މިރެ އެވެ. ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓުގައި އިންނެވި ޒަހާއަށް ރައީސް އޮފީހުން ހަމަޖެއްސީ ކޮން މަގާމެއް ކަން އަދި ޔަގީނެއް ނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީ އަތުލައި އޭނާއާ ދެން ހަވާލުކުރައްވާ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ މެދު ނިންމެވި ގޮތެއް ޒަހާ ފޯނު ނުނަންގަވާތީ ސާފެއް ނޫނެވެ.

ޒަހާ މަގާމުން ވަކިކުރެއްވީ ކެބިނެޓާއި ސިޔާސަތުތަކަށް ބަދަލު ގެނެސް ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ވިސްނެވުންތަކެއް ރައީސް ގެންގުޅުއްވާ ކަން ރައީސް އޮފީހުން އިއުލާންކޮށްފައި ވަނިކޮށެވެ. ބޭނުމަކީ، ރައީސް ވެވަޑައިގެންފައިވާ ވައުދުތައް އަވަހަށް ފުއްދަވައި ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެއްވުމެވެ.

ޒަހާ މީގެކުރިން "އަދަދު"އަށް ވިދާޅުވީ މަގާމުން ދުރުކުރަން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި މަސައްކަތާ ދޭތެރޭގައި ރައީސް މުހައްމަދު ސޯލިހު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް ލީޑަރުންނަށް ރައީސްގެ ފަރާތްޕުޅުން ފޮނުއްވި ސިޓީގައި، ބައެއް ވުޒާރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެ އެވެ. މަސްވެރިންގެ ޝަކުވާތައް ބޮޑުއިރު، މައްސަލަތައް ހައްލު ނުކުރެވުމުގައި ޒަހާގެ އިހުމާލު ދައްކައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރެއްވި އެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ޒަހާ ވިދާޅުވަމުން ގެންދަވަނީ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ބަރާބަރަށް ތަންފީޒުކުރައްވަމުން އަންނަ ކަމަށެވެ. މައްސަލަތަކުގައި ހައްލު ހޯދައި އެ ދާއިރާ އިން އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ޒަހާ އަދާކުރެއްވި މަސްއޫލިއްޔަތުތައް ހަވާލުކުރައްވަން ރައީސް ނިންމަވާފައި ވަނީ، އެނގިފައިވާ ގޮތުގައި، އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. ހުސެއިން ރަޝީދާ އެވެ. އޭނާ ކެބިނެޓަށް ހަމަޖެއްސެވީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގަ އެވެ.

އެ މިނިސްޓްރީ ހިންގެވުން ހަވާލުކުރާ ގޮތަށް އޮތީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއާ އެވެ. މީގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ބަދަލު އަންނަ ކަމަށް ވެ އެވެ.

ހަޔަ އެޑިއުކޭޝަންގައި ހުންނެވި ޑރ. އިބްރާހިމް ހަސަން ވަކިކޮށް އާ ވަޒީރަކު ހަމަޖައްސަނީ ކަމެއް މުޅިން ސާފުނުވިއަސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް އައްޔަންކުރަނީ އެމްޑީޕީގެ ބޭފުޅަކާއި ޖުމްހޫރީ ޕާޓީން ފޮނުވި ދެ ނަމެއްގެ ތެރެއިން ކަަމަށް ވެ އެވެ.

އެ ވުޒާރާ ކުރިން ހިންގެވީ ޖުމްހޫރީ ޕާޓީން ކެބިނެޓަށް ހަމަޖެއްސެވި މުހައްމަދު މަލީހް ޖަމާލެވެ. އޭނާ މަގާމުން ވަކިކުރީ އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކެބިނެޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރު ކުރި ސުވާލުތަކަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ އަންނާނެ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކޯލިޝަން ޕާޓްނަރުންނާ އެކު ރައީސް ކުރައްވަމުން އަންނަ ކަމަށެވެ. އެ ބަދަލުތައް ސާފުވާނީ އަދި އިތުރަށް އެކަމުގައި އެއްޗެއް އޭނާ އަށް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެ މަޝްވަރާތައް ނިމުމުން ކަމަށް ވިދާޅުވި އެވެ.