29 އޭޕްރީލް 2021 - 20:38 8
ފަޒީނާ އަހުމަދު
ޑރ. ހުސެއިން (ކ) އާއި ޒަހާ އަދި ޑރ. ހަސަން: މި ތިން ބޭފުޅުން ތިއްބެވި ވުޒާރާތަކަށް ބަދަލު އަންނާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކަކުން ވަނީ ކަށަވަރުވެފައި.
29 އޭޕްރީލް 2021 - 20:38 8
ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދު މަގާމުން ވަކިކޮށް، އެ މިނިސްޓްރީ ހިންގަވަން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަމަޖައްސައި، ބައެއް ވުޒާރާތަކަށް އާ ވަޒީރުން އައްޔަންކޮށް ކެބިނެޓަށް ބަދަލު ގެންނަވަން ރައީސް ނިންމަވައިފި ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަސްތުކުރައްވާކަން ސަބަބުތަކާ އެކު އެމަނިކުފާނުގެ ފަރާތްޕުޅުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވަނީ ކޯލިޝަން ލީޑަރުންނަށް އަންގަވައިފަ އެވެ. އެކަމަކު ކެބިނެޓަށް ގެންނަވާ ބަދަލުތަކުގެ ތަފްސީލެއް ލީޑަރުންނާ މިހާތަނަށް ހިއްސާއެއް ނުކުރައްވަ އެވެ.
ކެބިނެޓަށް ގެންނަވަން ރައީސް ނިންމެވި ބޮޑު އެއް ބަދަލަކީ "އަދަދު"އަށް އެނގިފައިވާ ގޮތުގައި އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމް ފުރުއްވާ ޒަހާ ވަކިކުރެއްވުމެވެ. އޭނާ އެހެން މިނިސްޓްރީއަކަށް ހަމަޖައްސަނީ ކަމެއް އަދި ސާފެއް ނުވެ އެވެ. ޒަހާއަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ބޮޑެތި ފާޑުކިއުންތައް އައިސްފައިވާ އިރު މަސްވެރިންގެ ޝަކުވާތައް ހައްލުނުކުރެވުމުގައި އެ މިނިސްޓްރީގެ އިހުމާލު ދައްކަ އެވެ.
އެކަމަކު ޒަހާ ވިދާޅުވަމުން ގެންދެވީ އޭނާގެ ވުޒާރާގެ ކަންކަން ސިޔާސަތުތަކާ އެއްގޮތަށް އަވަސް މިނުގައި ތަންފީޒުކުރައްވަމުން އަންނަ ކަމަށެވެ.
ފިޝަރީޒަށް ޖުމްހޫރީ ޕާޓީގެ ހުސެއިން ހަމަޖައްސަވައި އެ ވުޒާރާއަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ އެންމެ ގާބިލް އެއް ނަމުގެ ތެރޭގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ހިމެނިވަޑައިގަންނަވާ ކަން އެނގިފައިވެ އެވެ.
އިތުބާރު ހިފޭ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ކެބިނެޓުގައި ދެން ބަދަލު އަންނާނެ ކަމަށް ބެލެވޭ ވުޒާރާއަކީ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ ވުޒާރާ ހިންގަވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް ޑރ. އިބްރާހިމް ހަސަން އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރި މަލީހް ޖަމާލް ހިންގެވި ކޮމިއުނިކޭޝަން މިނިސްޓްރީއަށް ގެންނަ ބަދަލުތަކެއް މުޅިން އަދި ކަށަވަރެއް ނޫނެވެ.
ކެބިނެޓުގައި މިހާރު ތިއްބެވީ އެމްއާރުއެމްގެ ތިން ވަޒީރުންނެވެ. އޭގެތެރެއިން ޒަހާ އާއި ޑރ. ހަސަން ވަކިކޮށްފިި ނަމަ އެމްއާރުއެމްގެ ވަޒީރަކަށް ހުންނަވާނީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެކަންޏެވެ.
ކެބިނެޓަށް އަތުވެދާނެ ބަދަލުތަކެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ބަދަލުގެ އިޝާރާތެއް މި މަހުގެ ތެރޭގައި ރައީސް ސޯލިހް ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވަނީ ދެއްވައިފަ އެވެ.
ކޯލިޝަނަކުން މި ވެރިކަން އުފެއްދިއިރު ސިޔާސީ ޕާޓީތަކާ އެކު އެއްބަސްވެފައި އޮތީ ޕާޓީތައް ތަމްސީލްކުރާ ވަޒީރުންގެ މަޖިލީހެއް އޮތުމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް ވަޒީރުންގެ މަޖިލީސް އެކުލަވާލާފައި ވަނީ ސަރުކާރުގައި ޕާޓީތައް ނިސްބަތްވާނެ ޕަސެންޓޭޖް ކަނޑައެޅުމަށް ފަހުގަ އެވެ.
މިކަމަށް ބަދަލު ގެންނަން ޖެހުނު ސަބަބެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންނަށް ރައީސް ވިދާޅުވީ ބައެއް ވުޒާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމެވެ. އެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ވެސް ރައީސް ވަނީ ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކެބިނެޓަށް ބަދަލު ގެންނަވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަވަސް މިނެއްގައި ފުއްދައި ރައްޔިތުން ބަލައިގަންނަ މިންވަރަށް ނަތީޖާ ނެރެދޭން ކަމަށް ވެސް ރައީސްގެ ފަރާތްޕުޅުން ލީޑަރުންނާ އަލީ ޒާހިރު ހިއްސާކުރައްވާފައިވެ އެވެ.
ކެބިނެޓަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.
މީގެ ކުރިން ކެބިނެޓުން ބައެއް ވަޒީރުން އިސްތިއުފާ ދެއްވާފައިވެ އެވެ. އެއީ، އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރަކަށް ހަމަޖެއްސެވި އައިމިނަތު އާތިފާ އާއި އަދާލަތު ޕާޓީން ޖެންޑަ މިނިސްޓަރަކަށް ހަމަޖެއްސެވި ޝިދާތާ ޝަރީފްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީނެވެ.
ކެބިނެޓަށް ބަދަލު ގެންނަން ރައީސް ސޯލިހް ނިންމެވިއިރު ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ގެންދަވަނީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލަން ގޮވާލަމުންނެވެ. ވައުދު ފުއްދުމުގައި ލަސްވާ މައްސަލައިގެ ހައްލު ގުޅިފައި އޮތީ އެ މިސްރާބާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.
އެކަމަކު މި ވާހަކަތަކަށް ރައީސް ސޯލިހް ދެއްވާ ޔަގީންކަމަކީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. އެކި ކަންކަމުގައި ބޮޑެތި ހިޔާލުތަފާތުވުން ހުއްޓަސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ސްޓޭންޑަކީ ކޯލިޝަން ބަދަހިކޮށް ބޭއްވުމެވެ.
Comment