28 އޭޕްރީލް 2021 - 11:37 0
އައްޒާމް އަލިފުޅު
ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ވީއޭއެމް
28 އޭޕްރީލް 2021 - 11:37 0
ވިއްސަކަށް އަހަރު ކުރިން ވޮލީ އަށް ޝައުގުވެރިކަން އަބަދުވެސް ހުންނަ ޝުއައިބް އަހުމަދު ގައުމީ ލެވަލްގެ ކޯޗިން ކޯހެއް ހެދީ ވޮލީ އަށް އަގުހުރި މަސައްކަތެއް ކޮށްދިނުމުގެ ބޭނުމުގަ އެވެ. ކޯޗިން ކޯސް ފުރިހަމަ ކުރި ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ވޮލީގައި ކުރިއަށްދާން ވިސްނުމަށް ގެންނަ ކޮންމެ ބަދަލެއް ބައްޓަން ކުރަނީ ރާއްޖޭގައި ވޮލީގެ ޑިވެލޮޕްމަންޓަށް ވިސްނައިފަ އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ވޯޓުގައި ބައިވެރިވި ފުރިހަމަ އަގުލަބިއްޔަތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކޯޗާސް ކޮމިޝަނުގެ ޗެއާމަނަކަށް ޝުއައިބް ވަނީ އިންތިހާބުވެފަ އެވެ. އޭނާ އެ ޒިންމާއާ ކެރިގެން ކުރިމަތިލާނީ އަމިއްލަ ވިސްނުމާއި ވީއޭއެމްގެ އާ ލީޑަޝިޕްގެ ތަސައްވުރާ ވެސް އެކީގަ އެވެ.
"މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު ވޮލީ ކުޅުނިން. އެންމެ ފުރަތަމަ ވެސް ވަރަށް ޝައުގުވެރިވޭ ވޮލީ ކުޅެން. ކޯޗިން ތެރެއަށް ވަދެވުނު ގޮތަކީ 2001 ވަނަ އަހަރު ތަރި މެން ބޭއްވި ގައުމީ ލެވަލެއްގެ ކޯޗިން ކޭމްޕެއްގެ ތެރެއިން. ދެން އެ ކޯސް ހެދުމަށް ފަހު ދެން އެ ހިސާބުން ފެށި ގޮތަށް ކުރިއަށް މިދަނީ. އަބަދުވެސް މައިގަނޑު ގޮތެއްގައި މި މަސައްކަތް ކުރަނީ ވޮލީގެ ޑިވެލޮޕްމަންޓް ފަޅީގައި،" ޝުއައިބް "އަދަދު" އަށް އޭނާ ވޮލީގެ ކޯޗިން އަށް ނުކުތް ގޮތް ހިއްސާކުރެއްވި އެވެ.
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ޝުއައިބް ކުޅުންތެރިންނަށް ކިޔައިދެނީ.-- ފޮޓޯ: ވީއޭއެމް
ވޮލީ ކޯޗިންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ނަމަވެސް ޝުއައިބް ސިފަކުރެވެނީ އަދިވެސް ޒުވާން ކޯޗެއްގެ ގޮތުގަ އެވެ. ސަބަބެއް ވެސް އޮތީމަ އެވެ. އޭނާ އަބަދުވެސް ޝައުގުވެރިވާ އެއް ކަމަކީ ކުޅުންތެރިން އުފެއްދުމެވެ. ގިނައިން ފެންނަނީ ޒުވާން ޓީމުތަކުގެ ބެންޗުންނެވެ. އެހެންވެ ސްކޫލު އަދި ޔުނިވާސިޓީ މުބާރާތްތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އަބަދު ވެސް ހިފަ އެވެ. ހަމައެކަނި މާލޭގެ ސްކޫލް ތަކެއް ނޫނެވެ. ރަށްރަށުގެ ސްކޫލް ޓީމުތައް ގޮވައިގެން ވެސް ޝުއައިބް ވަނީ މުހިއްމު ތަޖުރިބާތަކެއް ކޮށްފަ އެެވެ.
"ތެދެއް ހަގީގަތުގައި ސްކޫލް މުބާރާތްތަކުގައި ވަރަށް ގިނައިން މަސައްކަތް ކުރެވިއްޖެ. އަސްލު ޓެލެންޓް ހަންޓުކޮށް ކުޅުންތެރިންނަށް ކުރިއަށްދާން ފުރުސަތު ދޭން ބަލާއިރު ސްކޫލް މުބާރާތުގައި މަސައްކަތްކުރުމުގެ ފައިދާ ބޮޑު. ސްކޫލް މުބާރާތުގައި އަޅުގަނޑު ކޯޗުކޮށްދިން ކުޅުންތެރިން އެބަހުރި ގައުމީ ޓީމަށް ވެސް އަރާފައި. މި ވަގުތަށް ބެލިޔަސް ގައުމީ އަންހެން ޓީމުގައި ވެސް އެގޮތަށް ސްކޫލް މުބާރާތުން ޓްރެއިން ކޮށްދީގެން ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން އެ ތިބީ މިހާރު ވެސް ޓީމުގައި،" ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރި ޝުއައިބް ވިދާޅުވި އެވެ.
ކޯޗާސް ކޮމިޝަންގެ ޗެއާމަނެއްގެ ގޮތުގައި ހުންނައިރު އޭނާ އަދާކުރަންޖެހޭ ޒިންމާ ނުހަނު ބޮޑެވެ. ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރާއިރު ވީއޭއެމްގެ ލީޑަޝިޕްގެ ވިސްނުމާއި އޭނާގެ އަމިއްލަ ވިސްނުން ދިމާވުން އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ޝުއައިބް ވިދާޅުވި އެވެ.
ކޮމިޝަނުގައި އިސް ފަރާތަކަށް ހުރެ ޝުއައިބްގެ ވިސްނުމަކީ ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވެސް ޕްލޭންކޮށްފައިވާ ގޮތަށް ލާމަރުކަޒީ އުސޫލުން ވޮލީގެ ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރުމެވެ. ސެންޓްރަލައިޒްކޮށް އޮވެގެން ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ބޭނުންވާ ލެވަލަށް ވޮލީ ކުރިއެރުވޭނެ ކަމަށް ޝުއައިބް ވެސް ގަބޫލުނުކުރެ އެވެ.
"އަތޮޅު ތެރޭގެ ވޮލީ އަކީ ވޮލީގެ ތަރައްގީގެ އެންމެ މުހިއްމު އެއް ސެގްމެންޓް. ވަރަށް މުހިއްމު ކަމެއް ވީއޭއެމްގެ މި މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރެޖިސްޓާޑް ކޯޗުން އެއް މިސްރާބެއްގައި ތިބެގެން މަސައްކަތްކުރުން. މިއީ އެންމެންގެ ބައިވެރިވުން ނުހިމެނި ނުކުރެވޭނެ ކަމެއް. މީގެ ކުރިން ވެސް ވޮލީ ކުރިއަރާފައި އޮތީ އަތޮޅު ތެރޭގެ ބައިވެރިވުން އޮންނަ ގޮތަށް މުބާރާތްތައް ކުރިއަށް ގޮސްގެން. މިހާރު ވެސް އެކަން ކުރެވޭނީ ފުޅާކޮށް އަތޮޅު ތެރޭގެ ބައިވެރިވުން ބާއްވައިގެން،" ޝުއައިބް ވިދާޅުވި އެވެ.
ކޯޗުންތައް އެކްޓިވްކޮށް ބަހައްޓައި، ލާމަރުކަަޒީ އުސޫލުން ގުޅުން ބަދަހިކޮށްގެން ވޮލީގެ ހަރަކާތްތައް ރަށްރަށާއި އަތޮޅު ފެންވަރުގައި ކުރިއަށްގެންދާއިރު، ވީއޭއެމްގެ ބައިވެރިވުން އޭގެ އޮތުން ވެސް އެއީ އެންމެ މުހިއްމު އެއް ކަންތަކުގެ ގޮތުގައި ޝުއައިބް ދެކިލައްވަ އެވެ. ޝުއައިބް ވިދާޅުވީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުން ރާވާހިންގާ މުބާރާތްތަކުގައި ވެސް ވީއޭއެމްގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުވާން ޖެހޭ ކަމަށެވެ.
2017 ވަަނަ އަހަރު މާލޭގައި ބޭއްވި އެފްއައިވީބީ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން ޝުއައިބް (ކ.2).-- ފޮޓޯ: މުހައްމަދު އަހްސަން
"ކޯޗެއްގެ ހައިސިއްޔަތުން އަމިއްލަ އަށް ވިސްނާއިރު އެސޯސިއޭޝަން ސައިޑުން ޑިވެލޮޕްމަންޓަށް މިދިޔަ އަހަރުތަކުގައި ނެތް ބޭނުންވާ ވަރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިފައި. ޔޫތުން އައިސް ތިބި ބެކަޕެއް ނެތި މިދަނީ. އެއީ ބަދަލުވާން ޖެހޭ ކަމެއް. ބެކަޕް ކުޅުންތެރިންތަކެއް ތިބެން ޖެހޭ ގައުމީ ޓީމަށް ވެސް ޗެލެންޖްކުރާނެ. މިދިޔަ އަހަރުތަކަށް ބަލާއިރު ކުޅުންތެރިން އުފެދިފައި ހުރީ އެސޯސިއޭޝަނަށް ވުރެ ބޮޑަށް ވަކިވަކި ކޯޗުންގެ ފަރުދީ މަސައްކަތުން. އެހެންވީމަ އަޅުގަނޑު އަމިއްލަ ނަޒަރުން ދެކޭނަމަ މިއީ ބަދަލުވާން ޖެހޭ ކަމެއް. އެސޯސިއޭޝަންގެ ޕްލޭންގެ ތެރެއިން ކުޅުންތެރިން ނެރެންޖެހޭ،" ޒުވާން ކުޅުންތެރިންގެ ޓީމުތައް ގޮވައިގެން ގައުމީ ލެވަލްގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ޝުއައިބް ވިދާޅުވި އެވެ.
"ރާއްޖޭގައި ރަށެއް މަދުވާނެ ވޮލީ ކޯޓެއް ނެތް. ރަށްރަށުގައި ތިބި ކޯޗުންނާއި ކުޅުންތެރިންނާ ވީހާވެސް ގާތުން މަސައްކަތް ނުކުރާހާ ހިނދަކު އެ މީހުންނަށް އެ މަސައްކަތުގެ ކުރިއެރުން ނުފެންނަހާ ހިނދަކު އާ ޖީލެއް އިންސްޕަޔާ ނުވާނެ. އެހެންވީމަ އެންމެންގެ ބައިވެރިވުން ބޮޑުކުރަންވީ،"
ޝުއައިބް ވިދާޅުވީ މީގެ ބޮޑެތި ކަންކަން ކުރަން ބަލާއިރު ވީއޭއެމްގެ ކެރިފޯރުންތެރިކަން ހުރި މިންވަރާއި ލީޑަޝިޕްގެ އެހީތެރިކަން ލިބޭ ވަރަކުން ގިނަ ކަންތައްތައް ކުރެވޭނެ ކަމަށެވެ. އަދި ވީއޭއެމްގައި މިހާރު މި އޮތް އެ އެސޯސިއޭޝަންގެ އާ ރައީސް ރަނޭގެ ޓީމާ އެކު ވޮލީ އަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment