24 އޭޕްރީލް 2021 - 15:12 0
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް.-- ފޮޓޯ: އޭއެފްޕީ
24 އޭޕްރީލް 2021 - 15:12 0
މެޑްރިޑް (އޭޕްރީލް 24) - ޔޫރަޕިއަން ސުޕަ ލީގުން ރަސްމީކޮށް ވަކިނުވާން ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ނިންމާފައިވާއިރު، އެ ވިސްނުމުގައި ތިބެގެން އެ ދެ ޓީމުން ބޭނުންވާ ގޮތަށް ކަންކަން ނުވާނެ ކަމަށް ވިދާޅުވެ، ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އިންޒާރެއް ދެއްވައިފި އެވެ.
ޔުއެފާ އާއި ފީފާގެ އިތުރުން ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ސުޕަ ލީގު މި ވަގުތަށް އޮތީ ސަސްޕެންޑްކޮށްފަ އެވެ. މިދިޔަ ހަފްތާގެ ހަތްދިހަ ދެ ގަޑިއިރަށް ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން ހުއްޓުނު ސުޕަ ލީގުގެ ފައުންޑަ ކްލަބްތަކުގެ ތެރޭގައި އޮތް 12 ކްލަބްގެ ތެރެއިން މިހާރު އެ ލީގުން ވަކިނުވެ އޮތީ ރެއާލާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސް އެވެ. ލީގުން ވަކިވި ޓީމުތަކަކީ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމްގެ އިތުރުން އިޓަލީގެ އޭސީ މިލާން އަދި އިންޓަ މިލާނާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އެވެ.
ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އާއި ރެއާލްގެ ރައީސް އަދި ސުޕަ ލީގުގެ ޗެއާމަން ފްލޮރެންޓީނޯ ޕެރޭޒް، ސުޕަ ލީގުގެ އެއްބަސްވުން ހަދާފައިވަނީ ބާސެލޯނާ އާއި ރެެއާލް އަށް ވަކިވަކިން ސުޕަ ލީގުން ވަކިނުވެވޭ ގޮތަށެވެ.
ސްޕެއިނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ޕެރޭޒްގެ ކިބައިން މިހާރު ފެންނަނީ އޭނާ އުއްމީދުކުރި ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ.
"ޕެރޭޒް އާއި ލަޕޯޓާގެ ފަރާތުން މި ފެންނަ ކަންތައްތަކުން ހައިރާންވޭ. އަހަންނަށް ޔަގީންވޭ މިހާރު އިނގިރޭސި ހަ ކްލަބާއި ޖަރުމަނުން ސުޕަ ލީގުގައި ނޯންނާނެކަން. އަހަރެމެން މި ބުނަނީ މިއީ ރަނގަޅު ގޮތެއް ނޫނޭ. ތެދެއް. އަހަރެމެން ބަދަލުތަކެއް ބޭނުންވޭ. އެކަަމަކު ވަކިވެގެން ވާނެ ފައިދާއެއް ވެސް ނެތް،" ޓެބާސް ވިދާޅުވި އެވެ.
"އެތުލެޓިކޯ އިން ސުޕަލީގުން ވަކިވާން ނިންމި ނިންމުމަށް މަރުހަބާ ކިޔަން. އެ މީހުން މިހާރު އެ ތިބީ ލަލީގާގެ ބޮޑު ފަޅީގައި. ދެން އަހަރެމެން އެބަޖެހޭ މީގެ ރެއާލާއި ބާސެލޯނާ ވެސް މި ކޮޅަށް ގެންނަން. ސުޕަ ލީގުގައި ކުޅެމުން ލަލީގާގައި ނުކުޅެވޭނެ. ބާސެލޯނާ އާއި ރެއާލް ބޭނުންވިޔަސް އެ ގޮތެއް ނުވާނެ،" ޓެބާސް ވިދާޅުވި އެވެ.
ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އާއި ރެއާލް ސުޕަ ލިގުން ވަކިނުވެ އޮތް އެއް ސަބަބަކީ އެ ލީގުގައި ބައިވެރިވާއިރު، ލިބޭ ސްޓާޓިން ކެޕިޓަލް މެދުވެރިކޮށް އެ ދެ ކްލަބްގެ މި ވަގުތު ދައްކަން ޖެހޭ ދަރަނިން ސަލާމަތްވާން ފުރުސަތު އޮތުމުންނެވެ.
ސުޕަ ލީގު އެންމެ ފުރަތަމަ އިއުލާނުކުރިއިރު އޮތް 12 ކްލަބާ ދެކޮޅަށް ފިޔަވަޅު އަޅަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ފިޔަވަޅުތަކުގެ ތެރެއިން މި ފަހަރުގެ މުބާރާތެއްގެ ތެރެއިން ޓީމަކަށް އަދަބެއް ނުދޭން ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މާނަ އަކީ މި ވަގުތު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އޮތް ޓީމެއް ސުޕަ ލީގުގެ ފައުންޑާ މެމްބަރުން ތެރޭގައި ހިމެނުނު ކަމުގައި ވިޔަސް މި ސީޒަނުގެ މުބާރާތުން ވަކިނުކުރާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment