Advertisement

އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ތަރުޖަމާނު

24 އޭޕްރީލް 2021 - 11:36 2

ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)


އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ތަރުޖަމާނު

24 އޭޕްރީލް 2021 - 11:36 2

އެޑިޓަރުގެ ނޯޓް: މިއީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން ނެރެފައިވާ "އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަތައް 1" ގައި ޝާއިއުކޮށްފައިވާ ވާހަކަ އެކެވެ. މި ވާހަކަ މި ނޫހުގައި ޖަހާފައިވަނީ، ޝާއިއުކުރި ފަރާތާއި ލިޔުންތެރިޔާގެ ހުއްދައާ އެކު އެވެ. މި ވާހަކަ ކިޔުންތެރިންނަށް މި ހަދިޔާކުރަނީ، މި ނޫހުގެ ލިޔުންތެރިޔާ ނަސްމާ އަބްދުލްމުހުސިން ލިޔެފައިވާ އިބްރާހިމް ހުސެއިން މަނިކުގެ ވާހަކަ އަދަބީ ފަންނުވެރިކަމާ ގުޅޭ އާޓިކަލް "އިބްރާހިމް ޙުސައިން މަނިކުގެ ގަލަމުން ދިވެހި ދިރިއުޅުމުގެ ރިވާޔަތު" އަށް ބާރު ދިނުމުގެ ގޮތުންނެވެ.

.....................................................

ހަސަނު ފޯމު ހިފައިގެން ނަށަމުން މަދަރުސާގެ ބޮޑުދޮރާށިން ބޭރަށް ނިކުތެވެ. އޭނާގެ ދެންމެ ފޮޅުނު ފިނިފެންމަލެއް ކަހަލަ ތާޒާ ޅަ މޫނު ފަރިވެފައިވަނީ ހިނިތުންވުމަކުންނެވެ. މަގު މައްޗަށް ނިކުތުމާއެކު އެ ހިކިހޫނު ދުވަހުގެ ދިލައަވި އޭނާ ގައިގައި ދާނަން ފެށިއެވެ. ނަމަވެސް ހަސަނުވަނީ ވޭނެއް ތަދެއް އިޙްސާސް ކުރެވޭވަރަށްވުރެ ބޮޑަށް އުފާވެފައެވެ. އޭނާ ގެއާދިމާޔަށް އަޅާ ދުއްވައިގަތެވެ.

ގެއަށް ވަންނަންހުރި ހައެއްކަ ހަރުފަތްގަނޑު ގިރާކޮށްލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި ފެންޑާމަތީގައި މަޑުކޮށްލިއެވެ. ކުނިކޮޅެއް ކިލައެއް މިލައެއްނެތް ބޮޑުފެންޑާގެ އެއްފަރާތުގައި ބޭފުޅުންގެ ޚިދްމަތުގައި އުސް އަދަރާދަގޮނޑިބަރިއެއް ފުއްޕާ މަތިހަށި ނަގައިގެން ތިއްބެވެ. އަނެއް ފަރާތުގައި އާދައިގެ މީހުންނަށްޓަކައި ޚާއްޞަވެފައިވާ ތިރި "ރާގޮނޑިބަރި" ހިމަވެ އިސްޖެހިފައިތިއްބެވެ. ފާރުގައި ހަރުކޮށްފައިވާ ދިގުބަރުލީ މުސްކުޅި ބޮޑުގަޑި ވަފާތެރިކަމާއެކު ވެލާވަރު ގުނަމުން ދިޔައެވެ. ބޮޑުގަޑީގެ އިތުރުން އެ މަރުވެފައިވާ ފެންޑާއަށް ދިރުން ދީފައިވަނީ އަވަހާރަވެފައިވާ ބައެއް ބޮޑުންގެ ފޮޓޯތަކެވެ. އޭގެ ތެރޭގައި ރަސްކަލަކާއި، ހަތްކޮޅުނެގި މަނިއްޕުޅަކާއި، ތިންހަތަރު ކިލެގެ ބޭކަލުން ހިމެނެއެވެ.

ހަސަނު ފެންޑާމަތިން އިސްތިރިކުރާ ކޮޓަރިކޮޅުތެރޭން ލާފައިގޮސް ފަރިއްކުޅުއްވާ ކޮޓަރިކޮޅަށް ވަންތަނުން ދޮންދީދީ ފެނުމާއެކު ހުއްޓެވި އަދަބުވެވުނެވެ. ދޮންދީދީ އުޅުއްވަނީ ފުފޫމުރައްބާ އަޅުއްވައިގެން ފަރީއްކޮޅު ބަހައްޓާ ހައްވާފުޅު ލައްވާ ފުޅިފުޅިއަށް އަޅުއްވާށެވެ. ދޮންދީދީއަކީ ފަންސާހަށްވުރެ މައްޗަށް ގޮސްފައިވާ ބިޔަ ދޮން އަންހެން ބޭފުޅެކެވެ. ބައެއް ކަޅު އިސްތަށިހުއްޓަސް އެކުލަވައި ފެންނަ ފެނުމުގައި ރިހި އިސްތަށިފުޅެކެވެ. ގަނޑުފެންގަނޑެއްކަހަލަ މޫނުފުޅެކެވެ. ތުރުކުރައްވައިގެން ހުންނެވީ ކަނޑުނޫކުލައިގެ ފާސްކުރި ހެދުންކޮޅެކެވެ. "ކުއްޖާ ހާދައަވަހަކަށް އިސްކޯލުން ތިޔައައީ؟" ދޮންދީދީ ހަރުކަށި ރާގަކަށް އެއްސެވިއެވެ.

"މިއަދަކީ ޓާމްޓެސްޓުގެ ނަތީޖާފާޅުކޮށް ފޯމުދިން ދުވަސް. އަޅުގަނޑު މިފަހަރު މުޅި ކުލާހުން އެއް ވަނަ." އޭނާގެ އަޑު ވީއްލުނުލެއް ބާރުކަމުން ހަސަނު ހައިރާންވިއެވެ.

ހަސަނު ދޮންދީދީ އަތްޕުޅަށް ފޯމު އެރުވިއެވެ. ދޮންދީދީ ރަންދުނިލީ ނަންބަރު އައިނު ހެޔޮވަރު ކޮށްލެއްވުމަށްފަހު ފޯމަށް ބައްލަވާލެއްވިގޮތުން ހީވީ ކަތީބަކު ހުކުރު ޚުޠުބާކިޔަން ތައްޔާރުވީހެންނެވެ.

"މެތެމެޓިކްސް ނުވަދިހައަށެއް." ދޮންދީދީ އައިނުމަތިން ހަސަނާ ދިމާޔަށް ކޯފާގެ ބައްލަވާލެއްވުމަކުން ބައްލަވާލެއްވިއެވެ. މީ ރަނގަޅު ނަތީޖާއެއްނޫން. ސަތޭކައިން ސަތޭކަ ލިބެންޖެހޭނެ."

އޭނާ އެދި ފެންބޮވައިގެންފައި ހުރި ތާރީފުގެ އެންމެ ބަހެއް ވެސް ނުލިބުމުން ހަސަނުގެ ކަރުއެލި، ހިތްމަރުވެ، ވެފައިވާ އުފާ ވަގުތުން ފިލާ މޫނު މޯޅިވިއެވެ.

"ޖޯގްރަފީ ނުވަދިހަ. މިވެސް މާކަމުދާ ނަތީޖާއެއްނޫން. ދަށްވެގެންވެސް ނުވަދިހަ ނުވައެއް ލިބެންޖެހޭނެ."

"އެކަމަކު މުޅިކުލާހުން ތިޔަ ދެމާއްދާއިން އެންމެމަތީ މާކްސް ލިބުނީ އަޅުގަނޑަށް."

"އެހެންވެދާނެ. ދޮންދީދީގެ ތޫނު ކަޅިފުޅު ހަަސަނުގެ މޫނަށް އަމާޒު ކުރެއްވިއެވެ. "މޮޔައިންގެ ތެރޭގައި ކުޑަކޮށް ހޭޖެހޭ މީހަކުވެސްވާނެ ބުއްދިވެރިއަކަށް."

ހަސަނު އިތުރު އެއްޗެއް ދަންނަވަން ނުކެރިގެން ހަމަހިމޭނުން ހުއްޓެވެ. ދޮންދީދީ އަނެއްކާވެސް ފޯމަށް ބައްލަވާލެއްވިއެވެ.

"އިންގްލިޝް ފަސްދޮޅަސް" ދޮންދީދީ ފޯމުލައްޕާލެއްވިއެވެ. މޫނުފުޅުމަތިން ފާޅުވީ ވަގަކު ހިފުނު ފުލުހެއްގެ މޫނުމަތިން ފެންނާނެ ފަދަ ހިތްހަމަޖެހުމުގެ ކުލަވަރެވެ. "ކިރިޔާތާ ފާސްވީ؟" ދޮންދީދީ މަލާމާތް ކޮށްލެއްވިއެވެ.

"އިނގިރޭސިން އެންމެމަތީ މާކްސް ލިބުނު ކުއްޖާއަށްވެސް ލިބުނީ ހަތްދިހަފަހެއް. ތިންވަނައަށް އެންމެމަތީ މާކްސް ލިބުނީ އަޅުގަނޑަށް."

"ތިޔައީ އެވަރަކުން ބޮޑުވާންވީ ކަމެއްނޫން. ތިޔަކިލާހު ހުރިހާ ކުދިންވެސް އިންގްލިޝް ފެންވަރު މާބޮޑަށްދަށީ."

"އެހެނެއްނޫން. އިނގިރޭސި ޓީޗަރަކީ އާދަވެގެންވެސް މަދުން މާކްސްދެއްވާ ޓީޗަރެއް......"

ދޮންދީދީ ލޯއަޅުއްވާލެއްވި ގޮތުން، ހަސަނު ދޫބަންދުވެ ދަންނަވަން އުޅުނު އެއްޗެއްވެސް ހަނދާންނެތުނެވެ.

"މަސްނުބޭވުނީމާ މާފަންނު މީހުން ނުބައިކުރާނީ ކަނޑު." ދޮންދީދީ ލަފާދެއްވިއެވެ.

"އަޅުގަނޑު އިނގިރޭސި ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރަން. ފިލާވަޅުތައް ކިޔާ ފަރިތަކުރަން. ހޯމްވާކް ބަރާބަރަށް ހަދަން. އިތުރަށް ކުރަންވީކަމެއް އަޅުގަނޑަކަށް ނޭނގޭ." ހަސަނު ދެ އަތްދެއަތާ މޮޑެލިއެވެ.

"ކުއްޖާ ތިޔަކިޔާ ކޮމިކްތައް ކިޔާހާ ހިނދަކު އިނގިރޭސި ފެންވަރު ރަނގަޅެއް ނުވާނެ. އެފޮތްތައް ލިޔެފައި ހުންނާނީ ބާޒާރުމަތީ ބަހުރުވައިން. އިނގިރޭސިބަހަށް މޮޅުވާނީ އެބަހުން ލިޔެފައިހުރި މޮޅު ވާހަކަތައް ކިޔައިގެން. ރީތިޅެންތައް ދަސްކޮށްގެން. ވިިލިއަމް ޝެކްސްޕިއާ، ޗާލްސް ޑިކެންސް. ވިލިއަމް ވާޑްސްވާތު ފަދަ ޝާޢިރުންނާ އަދީބުންގެ ލިޔުއްވުންތައް މުޠާލިއާ ކޮށްގެން."

"ޝެކްސްޕިއާ؟" އެއްޗެއް ހަނދާން ކުރަންއުޅޭ ރާގަކަށް ހަސަނަށް ކިޔާލެވުނެވެ. މިނަން މީގެކުރިންވެސް އެހި ހަނދާން ވިއެވެ. ނަމަވެސް އެއީ ކޮންއެއްޗެއް ލިޔުނު ކާކުކަމެއް ހަނދާނެއްނުވިއެވެ.

ދޮންދީދީ ލޯއަޅުއްވާލެއްވި ގޮތުން ހަސަނުގެ ހިތްނުހުއްޓުނީ ކިރިޔާއެވެ.

"ކުއްޖާ ނާހަންދޯ ޝެކްސްޕިޔަރުގެ ނަންވެސް؟ އަހަންނަކަށް ނޭނގޭ އިސްކޯލު ތަކުގައި މިހާރު މިކަޔަވައިދެނީ ކޮންއެއްޗެއްކަމެއް. ފަސްވަނަ ކިލާހު ކުދިންވެސް ޝެކްސްޕިޔަރުގެ ނަންވެސް އަހާކަމަކަށްނުވޭ."

ހަސަނަށް ރޮވިއްޖެއެވެ. ޙަޤީޤަތުގައި ވެސް އޭނާއަށް އެކައްޗެއް ވެސް ނޭނގޭކަމަށް ޤަބޫލުކުރެވުނެވެ. އޭނާ މިގޭގައި ދޮންދީދީގެ ބެލެނިވެރިކަމުގެ ދަށުގައި މާލޭގައި ކިޔަވަން ބަހައްޓަވަން ދުރުވި ދަތުރު ބައްޕަ ބުނުއްވީ ހަމަތެދެކެވެ. ދޮންދީދީއަކީ، މާތް މުރާލި ގޮތްހުރި އުޅުއްވުންތެރި އިނގިރޭސި ފަރަންސޭސި އަރަބި އުރުދޫ ފެންފަދައިން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

"ކުއްޖާ އާދޭ މަށާއެކު." ދޮންދީދީ ހަސަނަށް ހަނާއަޅުއްވާލައްވަމުން ވިދާޅުވިއެވެ.

ދޮންދީދީގެ ފަހަތްޕުޅުން ގޮސް ހަސަނަށް ވަދެވުނީ ދޮންދީދީގެ ކޮޓަރިކޮޅަށެވެ. ދޮންދީދީ ރުހިވަޑައިގަތުމުގެ ބަސްފުޅެއް ވިދާޅުނުވިޔަސް އޭނާ މިފަހަރު ހޯދި ނަތީޖާއާމެދު ހިތްޕުޅު ހަމަޖެހިފައި ހުންނެވިކަން އިޙްސާސް ކުރެވުނެވެ.

ދޮންދީދީގެ ސާފު ތަރުތީބު ބޮޑުތަނަވަސް ކޮޓަރިކޮޅު ތެރެއަށް ފެތުރިފައިވަނީ ހުވަނދުމާ ވަހެވެ. ހީވަނީ ޒިޔާރަތެއްހެންނެވެ. ކޮޓަރިކޮޅުގެ އެއްފަރާތު ފާރުގައި ދޮންދީދީގެ ފުރައުއްތަވެފައިވާ ފިރިކަލުން ހަސަންދީދީގެ ބޮޑު ފޮޓޯއެއް ހުއްޓެވެ. އަނެއްފަރާތު ކަނުގައި ބިއްލޫރިޖެހި ބިޔަ ފޮތްއަލަމާރިއެއް ހުއްޓެވެ. އެ އަލަމާރި ފުރިފައިވަނީ އެކިވަރުގެ ފޮތްތަކުންނެވެ. ގިނައީ އިނގިރޭސިފޮތް ނަމަވެސް ހިސާބަކަށް އުރުދޫ ފޮތާ ނޫސްމަޖައްލާވެސް ހުއްޓެވެ. ދޮންދީދީ ފޮތްތަކަށް ކަޅި ހުއްޓާލައިގެން ހުންނެވުމަށްފަހު ފޮތެއް ނެންގެވިއެވެ. ޒަމާންވެ ކުލަމަރުވެގެން އެފޮތުގެ ބަނޑޭރިގަނޑުގެ ކުލައަކީ ގަދަފެހިކަމެއް ނުވަތަ ކަޅުކަމެއް ވަކިކުރަން ދައްޗެވެ.

"މީ ޗާލްސް ޑިކެންސްގެ "ނިކޮލަސް ނިކުލްބީ" މީ ޙަސަންދީދީ ތާރީފުކުރައްވާ ވާހަކައެއް. ކިޔާ ނިމުނީމާ އަނބުރާ ގެނޭ. ޗާލްސް ޑިކެންސްގެ އެހެން ވާހަކައެއްދޭނަން."

ފޮތަށް ފަރުވާތެރިވާން ފަށްފަށުން ވަޞިއްޔަތް ކުރެއްވުމަށްފަހު ދޮންދީދީ ހަސަނަށް ފޮތް ދޫކޮށްލެއްވިއެވެ. ހަސަނު ވީ އުފަލެއް ބުންނަވެސް ނޭނގުނެވެ. އޭނާ ބޭނުންވީ ވަގުތުން ފޮތްކިޔާށެވެ. އިނގިރޭސިބަހަށް މޮޅުވާށެވެ. ދޮންދީދީގެ ތާރީފުގެ ބަސްފުޅުތައް ހޯދާށެވެ.

ބަދިގެއާ އިންވެގެން ހުރި އޭނާގެ އަނދިރި އުދާސް ކޮޓަރިގަނޑުގައި މޭޒަކަށް އޭނާ ބޭނުންކުރާ އޭނާގެ ކާނިއާރު ފޮށި ބަނޑުދަށުލައިގެން ހަސަނު އިނެވެ. ވާހަކަފޮތް ހުޅުވާލުމާއެކު އަރައިގެން ދިޔައީ ތަންމުޑުވަހެވެ. އެފޮތުގެ ގަނޑުތައްވަނީ ދުވަސްވެ ރީނދޫވެ މުރަނަވެފައެވެ. ހީވަނީ ދެންމެދެންމެ ކުނޑިކުނޑި ވެދާނެހެންނެވެ.

ހަސަނު ޝާއުޤުވެރިކަމާއެކު ފޮތް ކިޔަންފެށިއެވެ. ކީކީހެން އެނާގެ ފޫހިކަން އިތުރުވަމުން ދިޔައެވެ. ނުދަންނަ ބަސްތަކާ ބުނުންތައް ގިނަކަމުން ހަސަނަށް ވާހަކަައިގައި ބުނާއެއްޗެއް ކިރިޔާ މޭރުންވަނީއެވެ. ފުރަތަމަ ފަތްފުށް ކިޔާނިންމާލެވުނީވެސް ގަދަކަމުންނެވެ. ނުދަންނަ ބަސްތަކުގެ މާނަ ދޮންދީދީގެ އަރިހުން އަހާ އޮޅުންފިލުވާނީއޭ ހިތާ އޭނާ ފޮތްހިފައިގެން ދޮންދީދީ އަރިހަށް ދިޔައެވެ.

"މިވާހަކައިގެ ބަހުރުވަ އަޅުގަނޑު ކަހަލަ ފަސްވަނަ ކުލާހު ކުއްޖަކަށް ތިލަކޮށްލެވޭ ވަރަށްވުރެ މާފުން."

ދޮންދީދީ ހަސަނުގެ ބޮލުންފެށިގެން ފައިތިލަޔަށް ބައްލަވާލެއްވިއެވެ.

"މިދެންނެވީ މިވާހަކައިގައި އަޅުގަނޑު ނުދަންނަ ބަސްތައް މާގިނަ ވާހަކަ." ހަސަނު އަވަސް އަވަހަށް ދެންނެވިއެވެ.

"އެހެންވެދާނެ. ޗާލްސް ޑިކެންސް ކަހަލަ މޮޅު އަދީބުން ހަރު ތަދުބަސް ބޭނުން ކުރައްވާނެ."

ހަސަނު ވާހަކަފޮތުން އޭނާ ފާހަގަ ކޮށްފައިވާ ބަހެއް ދޮންދީދީއަށް ދައްކާލަމުން އެއްސެވެ. "ކިހިނެއްތޯ މިބަސްކިޔަނީ؟ ކޮބައިތީ މާނައަކީ؟"

"އަހަރެން ކޮންމެބަހެއް ޕްރޮނައުންސް ކޮށްދީ މާނަބުނެދީގެން ކުުއްޖާއަށް ކުރިއެރުމެއް ނުލިބޭނެ. އާދޭ އަހަންނާއެކު؟" ދޮންދީދީ ހަނާއަޅުއްވާލެއްވިއެވެ.

ދޮންދީދީގެ ފަހަތްޕުޅުންގޮސް އަނެއްކާވެސް ހަސަނަށް ވަދެވުނީ ދޮންދީދީގެ ކޮޓަރިކޮޅަށެވެ. މިފަހަރު ދޮންދީދީ އަލަމާރިން ނެންގެވި ފޮތް ފެނިފައި ހަސަނު ބިރުގަތެވެ. އެދެގޮލާ އެއްކޮށްލުމުން ހައެއްކަ ޚަތިމަށްވުރެ ތަންފުކެއްވެސް ތުނިވާނެހެނެއް ހީއެއް ނުވެއެވެ.

"މީ ކޮމްޕެކްޓް އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީގެ ދެބައި." ދޮންދީދީގެ ވާހަކަ މެދުކަނޑާލެއްވިއެވެ. އަދި ފޮތް އަލަމާރީގެ ތެރެއިން ކުޑަ ކަރުދާހު ފޮށްޓެއް ނެންގެވުމަށްފަހު މަތި ނެންގެވިއެވެ. މިއޮތީ ޑިކްޝަނަރީ ބައްލަވަން ހަސަންދީ ބޭނުންފުޅުކުރައްވާ ބޮޑުކުރާ ބިއްލޫރިކޮޅު. ކުއްޖާއަށް މާނަނޭނގިގެން ތިއުޅޭ ހުރިހާ ބަހެއްގެ މާނަޔާ ޝަރަޙަ ޑިކްޝަނަރީގާ ވާނެ. ކުއްޖާ ވާހަކަ ކިޔަމުންދާއިރު މާނަނޭނގޭ ކޮންމެބަހެއް އިސްކޯލު ފޮތެއްގާ ނޯޓުކުރާނީ. އެއަަށްފަހު ޑިކްޝަނަރީން މާނަހޯދާ ފޮތުގާ ލިޔާނީ. ޙަސަންދީވެސް އިނގިރޭސިފޮތް ނޫސް ބައްލަވާއިރު ދެނެވަޑައިނުގަންނަވާ ބަސް ދަސްކުރައްވަނީ މިގޮތަށް. ވާހަކަ ކިޔާ ނިމޭއިރު ކުއްޖާ ހުންނާނީ ޑިކްޝަނަރީއަކަށްވެފާ. މޮޅު އަދީބެއްގެ ފެންވަރަށް އިނގިރޭސިބަހަށް ވަދެވިފާ."

ހަސަނު ޚަޒާނާ ކޮނޑުއަޅާލައިގެން، އޭނާގެ ކޮޓަރިގަނޑާ ދިމާޔަށް ހަރުގަންނަވާފައި ހިނގައިގަތެވެ. ރަދީފުގެ މާނަބުނެދީފައިވާ ބައިގެ އަކުރުތައް ކުދިކަމުން ހަމަލޮލަށް ކިޔަން ދަތިކަމުން ބޮޑުކުރާ ބިއްލޫރިގަނޑުވީ ކޮންމެހެން ބޭނުން އެއްޗަކަށެޗެ. ހަސަނު އެތަކެއް މަސައްކަތުން ވާހަކައިން އޭނާޔަށް މާނަ ނޭނގުނު ބަހެއް ކަމުގައިވާ "ސެކްއެސްޓަޑް" ރަދީފުން ހޯދިއެވެ. ނަމަވެސް މިބަހުގެ ޝަރަޙައިގައި ބޭނުންކޮށްފައިވާ ގިނަބަސްތަކަކީވެސް އޭނާ ނުދަންނަ ބަސްތަކެވެ. އެހެންކަމުން އިހަށް "ސެކްއެސްޓަޑް" އެއްފަރާތްކޮށްލާފައި މިއިން އާބަހެއްގެ މާނަ ހޯދަން އަވަސްވެ ގަތެވެ. މިފަހަރުވެސް މުޅިންހެން ބޭނުންކޮށްފައިވަނީ އޭނާ ނުދަންނަ ބަސްތަކެވެ.

މާނަހޯދުމުގެ މަސައްކަތުގައި އޭނާޔަށް ވަދެވުނީ ހޭޅިއެއް ހާއަޅާ ތަންކޮޅެއް ހާމަމަގެއް ފެންނަންނެތް ބަހުގެ ބޯޖަންގައްޔަކަށެވެ. މަގު ހޯދަން މަސައްކަތްކުރިކުރިހެން ހައްތާވެސް އޭނާވަނީ ވަލެވެ. އެންމެފަހުން ވަރުބަލިވެ، ފޫހިވެ، މޫނުމަތިން އޮށްދާހިލުމުން މިބޭކާރު މަސައްކަތް ހުއްޓާލައި ދެބަސްފޮތާއި ވާހަކަފޮތް އޭނާގެ ފޮށިބަހައްޓާފައިހުރި ތިރިއަށިގަނޑު މައްޗަށް ހޫރާލީ ދެން ދުވަހަކުވެސް އެއިން ފޮތެއްގައި ބީހިނުލުމަށް ހުވައިކޮށްފައެވެ.

ދުވަސްގަނޑެއްފަހެވެ. ހެނދުނު އަށެއްޖަހާހާ އިރެވެ. މިއަދަކީ ރަސްމީ ބަންދު ދުވަހަކަށްވެފައި އަމުދުން މިހާ ހެނދުނާ ދޮންދީދީއަށް ބާޒާރުކޮށްދޭން ނުވަތަ ސިޓީބިޓީ ތަށިބަރި އުފުލައިދޭން ނުޖެހޭނެ ކަމަށްހިތާ ހަސަނު އޭނާގެ ކޮޓަރިގަނޑުގައި ފަތްޖެހިއެނދުގައި ކޮމިކެއް ކިޔަންއޮތެވެ. މާގިނައިރަކު ނޯވެވުނެވެ. ހައްވާފުޅު އައިސް ދޮންދީދީ ވިދާޅުވާކަމަށް ބުނުމުން ހަސަނު ބިރުންހުރެމެ އަވަހަށް ދިޔައެވެ. އޭނާ ހީކުރީ ކުޅަދާނަ އަދީބުގެ ވާހަކަ އެއްކިބާކޮށްލާ އަނެއްކާވެސް އޭނާ ކޮމިކްކިޔަން ފެށިކަން އެނގިވަޑައިގަނެގެން ދޮންދީދީ ކޯފާވާން ގެންދަވަނީކަމަށެވެ.

ދޮންދީދީ ފެންޑާމަތީގައި އަދަރާދަގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވިތަން ފެނުމުން ހަސަނު ހައިރާންވިއެވެ. ހުކުރަކަސް ހޮނިހިރަކަސް މީހަކު ލައްވާ ކޮންމެވެސް މަސައްކަތެއް ނުކުރުވާ ދުވާލުގެ ވަގުތެއްގައި އެދީދީ ތަނެއްގައި ހިލޭ އިންނެވުމަކީ އޭނާ ވަރަށް މަދުންނޫނީ ނުދެކޭ ތަނަކަށްވާތީއެވެ.

ދޮންދީދީ ދަތިގޮތަކަށް ކަރުކެހިލެއްވިއެވެ. އަދި އަތްޕުޅުން ކަރުފުޅު ބޮޑިތާން ކޮށްލެއްވުމަށްފަހު ވޭނީ ރާގަކަށް ވިދާޅުވިއެވެ. "ކުއްޖާ، މިއަދު މިއުޅެނީ ކަރުގައި ރިއްސާތީ. ފޯނުވެސްހުރީ ހަލާކުވެފާ."

"ރޭ ފަތިހު އައިވިލާގަނޑުގައި އަނބުގަހުގެ ގޮފިގަނޑެއް ބިންދައިގެން ވެއްޓި ފޯނުގެ ނަރު އެއޮތީ ކަނޑައިގެން ގޮއްސާ."

"އެހެންވިއްޔާ މާދަން ދާޚިލިއްޔާގާ ދަންނަވައިގެން އެކަން ރަނގަޅުކުރުވާ." ދޮންދީދީ ސިޓީއެއް ދިއްކޮށްލެއްވިއެވެ. "ދެން ތިޔަ ސިޓީ ހިފައިގެން ހޮސްޕިޓަލަށްގޮސް އިސް ނަރުސް ޝަމީމާ އަތްޕުޅަށް އަރުވާ، އިނގިރޭސި ޑޮކްޓަރު ޖޭމްސްއާއެކު ޝަމީމާ ވަޑައިގަންނަވާނެ. ކުއްޖާ އެބޭފުޅުން ކާރެއްގާ ފޮނުވާ."

ހަސަނު އާދޭހޭ ދަންނަވާފައި ވައިސޫރިއެއްހެން ފައިބައިގެން ދިޔައީ ހޮސްޕިޓަލާ ދިމާއަށެވެ.

ޝަމީމާގެ ފައިންޕުޅު ދުށުމަށްފަހު، ހަސަނު ޝަމީމާ އަތްޕުޅަށް ސިޓީ އެރުވިއެވެ. ޝަމީމާ ސިޓީ ކިޔާލެއްވުމަށްފަހު ވިދާޅުވިއެވެ. "ދޮންދީ އަރިހު ދަންނަވާ އަހަންނަށް މިވަގުތު މިތަނުން ގުޑާވެސްލެވޭކަށްނެތޭ. އަހަންނަށް ނުދެވުނަސް ޑަކުޓަރު ފޮނުވާނަން ކާރެއްގެނޭ."

ގޭދޮށަށް ކާރު ހުއްޓާލައިފިއެވެ.

"ކާރުގެ ކުއްޔަކީ ދެރުފިޔާ." ހަސަނު ދޮންދީދީ އަރިހު ހުއްޓިފައި ދެންނެވިއެވެ.

ދޮންދީދީ ޖީބުން ދިހަލާރީގެ ފޮތިތަކެއް ނެންގެވުމަށްފަހު ފަރުވާތެިކަމާއެކު ފަސް ހަފަރު ގުނުއްވުމަށްފަހު ހަސަނު އަތަށް ދެއްވިއެވެ. އޭރު ޑޮކުޓަރުވެސް ދޮރޯށި ޖަހާފައި ވަންނަނީއެވެ. ޑޮކުޓަރު ފެނިވަޑައިގަތުމާއެކު ދޮންދީދީ ފުންމައިގެން ތެދުވެވަޑައިގެން އެއްލޯފުޅުގެ ކުޑަކޮޅުން ޑަކުޓަރާ ދިމާޔަށް ބައްލަވާ ލެއްވުމަށްފަހު އަނެއްލޯފުޅު ހަސަނާ ދިމާޔަށް ވަށްކޮށްލެއްވިއެވެ.

"ކޮބާ ޝަމީމާ؟"

"ވިދާޅުވީ ތިމަންނާއަށް މިވަގުތު އެއްގޮތަކަށްވެސް ހޮސްޕިޓަލުން ބޭރަށް ވަޑައިގެންނެވޭކަން ނެތޭ."

"ބަލަ ކުއްޖާ ކައިރީގަ ބުނީމެއްނު ޝަމީމާ ފޮނުވާށޭ." ދޮންދީދީގެ ރީނދޫވެފައިވާ މޫނުފުޅު މައްޗަށް ރަތްކުލަ ފެތުރިގެން ދިޔައެވެ.

"ކިހިނެއްތޯ އަޅުގަނޑު ޝަމީމާ ގަދަކަމުން ފޮނުވަނީ؟"

އެވަގުތު ޑަކްޓަރުވެސް އައިސް ފެންޑާމައްޗަށް އަރަނީއެވެ. ފަހަތުން ކާރުދުއްވާމީހާ އާދެއެވެ. ދޮންދީދީގެ މޫނުފުޅުމަތިން އާލާސްކަންފުޅުގެ ކުލަވަރު ވަކިން ފާޅުކޮށް ފެނިގެންދިޔައެވެ. ބޮލުއެޅި ފޮށައެއްގައިހެން މޫނުފުޅުމަަތިން ރޫތައް ވަރުނެގިއެވެ.

ޑޮކުޓަރު އިތުބާރު ހިނގުމެއްގައި އައިސް ދޮންދީދީ އަރިހަށް ހުއްޓިއްޖެއެވެ. އެވަގުތު ދޮންދީދީގެ މޫނުފުޅުމަތިން އޮށްދާފޮދުހިލުނެވެ. ދޮންދީދީ އަވަސްއަވަހަށް ކަނާތް ފަރާތަށާއި ވާތްފަރާތަށް ބައްލަވާލެއްވިއެވެ.

"ކުއްޖާ ކީއްވެ ބުދެއްހެން ތިޔަ ހުންނަނީ؟ ޑޮކުޓަރާ ވާހަކަދައްކާ."

"އަޅުގަނޑުތޯ؟" ހަސަނު މެއަށް އިނގިލި ދިއްކޮށްލިއެވެ. "އަޅުގަނޑަށްވުރެ މާމޮޅަށް އިނގިރޭސި ދެނެވަޑައިގަންނަވަނީ ދޮންދީދީ ނޫންތޯ؟"

ދޮންދީދީ ޖީބުން ނެންގެވި ކުޑަރުމާ ކޮޅަކުން ދާފޮދުފޮހެލެއްވިއެވެ. އެވަގުތު ވަޔާ ހެލިލާ ގޮފިކޮޅެއްހެން އަތްޕުޅު ތުރުތުރު އަޅަމުން ދިޔައެވެ.

"އެހެންވެގެން ޝަމީމާ ގެންނަން ބުނީ."

"ކިހިނެއްވެގެންތޯ"

"ތަރުޖަމާނުކަން ކުރަން؟"

"ދޮންދީދީ އިނގިރޭސި ދެނެވަޑައިނުގަންނަވަނީތޯ؟" ހަސަނު ހައިރާންވެގެންހުރެ އަހާލިއެވެ.

ދޮންދީދީ އިސްޖައްސަވާލެއްވިއެވެ. ފައިންޕުޅު ތުރުތުރުލާވަރުން ހީވަނީ ދެންމެ ދެންމެ އަރިއަޅާލަފާނެހެންނެވެ.

ނުހޭން ކިތަންމެ ގަދަހެދިޔަސް ހަސަނަށް ހެވިއްޖެއެވެ. އޭނާ އަނދެގެންހުރި މުންޑުގެ ކޮޅުމަތި ރަނގަޅުކޮށްލާ، ލައިގެންހުރި ބުސްގަމީހުގެ ގިރުވާނަށް ދަމާލިއެވެ. ޑަކުޓަރާ ވާހަކަދައްކަންކަމަށް އެނބުރިލީ ވަގުތު ދޮންދީދީ ކެތްކުޑަވެފައިވާ ރާގަކަށް ވިދާޅުވިއެވެ.

"ކުއްޖާފުޅު ދެންވެސް މަޑުން ނުހުރެ އަވަހަށް ޑަކުޓަރާ ވާހަކަދައްކާ. އަހަރެން ތިހިރީ ކުއްޖާއަށް އަދީބެއްގެ ފެންވަރަށް އިނގިރޭސި ދަސްކޮށްދީފަ." (ނިމުނީ)