31 އޮގަސްޓު 2024 - 07:52 0
ފަތުހުﷲ އަހުމަދު ރަޝީދު
31 އޮގަސްޓު 2024 - 07:52 0
(ފަހުބައި)
ޒިޔާދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތް ހުރަސްކުރަމުން ދިޔައެވެ. އިރުއިރުކޮޅާ އޭނާ ލޯ ފޮހެލައެވެ. ނޭފަތް ދަމައިލައެވެ. ލަސްލަހުން ހިންދިރުވާލައެވެ. އެންމެފަހުން ޒިޔާދާ ކޮޅަށް ތެދުވިއެވެ. އަހަންނާ ދިމާއަށް އައެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ތެދުވެވުނެވެ.
"ވަރަށް ދެރަވެއްޖެ. ހިތަށް ތަދުވެއްޖެ." ޒިޔާދާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.
ދުންޔާ ވެސް އަހަރެންގެ ގައިގައި އޮޅުލަމުން މޫނަށް ބޮސްދިނެވެ. މާމާއޭ ކިޔާ ބާރުބާރަށެވެ. ދެން ދިޔައީ ރުއިމާ ގިސްލުމުގެ ވަގުތުކޮޅެކެވެ. އެތައް އިރެއް ވަންދެން އެކަން ދެމިގެން ދިޔައެވެ. ހިތްފުރޭ ވަރަށް އެންމެން ރުއީއެވެ. ގިސްލަމުންނެވެ. އެންމެފަހުން، ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
އަހަރެން ހީކުރީ ޒިޔާދާއަކީ މުއްސަނދިކަމުގެ ކުލަތަކުގައި އުދުހޭނެ ބާޒެއް ކަމަށެވެ. އޭނާގެ ދަރީންނީ ދުނިޔޭގެ ކުލަތަކަށް ލޯބިކުރާނެ ބައެއް ކަމަށެވެ. ނަމަވެސް، ހުރިހާ ކަމެއް ހުރީ ދިމާ އިދިކޮޅަށެވެ. އެ ކުދީން ތިބީ މާމަ ދުށުމަށް ކެތްމަދުވެފައެވެ. މާމައަށް ޚިދުމަތް ކުރާން ބޭނުންވެފައެވެ. ދެން އޮތީ ހަސީނެވެ. އޭނާ އަހަރެން ބަލައިގަންނާނީ ކިހިނެއް ހެއްޔެވެ؟
ކަންކަން ހަމައަކަށް އެޅުމުން ހަސަންމަނިކު ފުރައިގެން ދިޔައެވެ. އަހަންނަށް ޙައްޤު މަޤާމު ހަސީނުގެ ގެއިން ލިބުނެވެ. އޭނާގެ ތިން ދަރީންގެ ތެރެއިން މާލޭގައި ތިބި ދެ އަންހެން ކުދީންނެވެ. އެ ކުދީން އެހައި ހެވެވެ. އަޅައިލައެވެ. ވަގުތު ހޭދަކުރެއެވެ. ޒިޔާދާއަކީ ޅީދަރިއަކަށް ފަސްމީރުކުރި ރުކެކެވެ. ގެއްލިފައިވާ ހިނިތުންވުން އޭނާ ހޯދައިދިނެވެ. މީރުކާނާދީ ރީތި އަންނައުނު ހޯދައިދިނެވެ.
"މުގުބޮނޑިބަތް،" ޒިޔާދާގެ ސުވާލަށް އަހަރެން ޖަވާބުދިނީމެވެ. "އަހަރެން ކައްކަންތަ؟"
އެއީ ހަސީނު މާލެ އަންނަން ހަމަޖެހިފައިވާ ދުވަހެވެ. ޒިޔާދާމެން އޮތީ އަހަރެންގެ ވާހަކަ ހަސީނަށް ސިއްރުކޮށްފައެވެ. ހުރިހާ ކަމެއް ރޭވީ އެ މީހުންނެވެ. އަހަރެން ރަށުގައި އުޅުނުއިރު ލައިގެން އުޅުނު ލިބާސްލައި ކުރިން ހުރި ގޮތަށް ބަދަލުވީމެވެ. ބޮލުގައި ތެޔޮލައި އެއްފަރާތަށް ފުނައި އަޅައި މޫނުގެ ކުލަ ބަދަލުކުރީމެވެ. އެ ހުރިހާ ކަމެއްކޮށް ދިނީ ދުންޔާއެވެ.
ވަގުތު ޖެހުނެވެ. ދޮރު ހުޅުވުނެވެ. ހިތް އަތަށް ލައިގެން އެތެރެއަށް ވަނީމެވެ. ކަންކަން ކުރިއަށްދަނީ ރޭވިފައިވާ ގޮތަށް ނަމަވެސް އަހަރެންގެ ވަށައިގެން އެނބުރެމުން ދިޔައީ ބިރުވެރިކަމެވެ. ހިތުގައި އުފެދެމުންދިޔަ ވަހުމުތަކުން މީހާ ތުރުތުރުލަމުން ދިޔައެވެ. ސޯފާގައި އިށީނީމެވެ. އެތެރެއިން ޒިޔާދާ ނުކުތެވެ. ހިނިތުންވެލަމުން ނިތް އަރުވާލައި އެއްލޯ މަރައިލިއެވެ. ބޮޑުވާ އިނގިލި ހިއްލައިލަމުން ހަސީނަށް ގޮވާލިއެވެ.
"ކާކުތަ؟" އިވުނީ ބަރުބަރު އަޑެކެވެ.
ގަމީހުގެ ގޮށް އަޅުވަމުން ނުކުމެ ހަސީނު ހުއްޓުނެވެ. އަހަރެން އިނީ އިސްޖަހައިގެންނެވެ. ހަސީނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަންނަށް ހިންދިރުވާލެވުނެވެ.
"ލާރި ދީފައި ފޮނުވާލާ. ފާޑުފާޑު މީހުން ގެއަށް ވައްދަނީ ކީއްވެތަ؟" ހަސީނު ހިތްހަމަ ނުޖެހުނެވެ.
އަހަރެން ފެންކަޅިވިއެވެ. މަޑުމަޑުން ކޮޅަށް ތެދުވީމެވެ. ހަސީނާ ހަތަރުކަޅި ހަމަކޮށްލީމެވެ. އޭނާއަށް އަހަރެން ގޮތް ނޭނގުނީ ހެއްޔެވެ؟ ނޫނީ ނޭނގޭ ކަމަށް ހެދުނީ ހެއްޔެވެ؟ އަތުގައި ހުރި ތަށި ދިއްކޮށްލީމެވެ.
"ހޫމް ކަލޭދޯ! ތިއީ ޒަޚަރުތަ؟" ހަސީނު އެއްނޭވާއިން އަމުނައިލިއެވެ.
އަހަރެންގެ ހިތްކުދިކުދި ވިއެވެ. ދުނިޔެ އެކުގައި ހުއްޓުނު ކަހަލައެވެ. އަތުގައި ހުރި ތަށި އަތުން ދޫވިއެވެ. އޭގެ އެތިކޮޅުކޮޅު މުޅި ތަނަށް ބުރައިގެން ދިޔައެވެ.
"ކަލޭގެ ސުންޕާ ހިޔަނިން ސަލާމަތްވެ، މަ އެހައި ހާލުން މިހިސާބަށް އައީމަ ވެސް އަނެއްކާ އައީތަ؟ މީހަކަށްވާން މަށަށް މިހާ ބުރަ އުފުލަން ޖެހުނީ ކަލޭގެ ސުންޕާކަމުން. ބައްޕަ މަރުވެ ދިޔައީ ވެސް ކަލޭގެ ވިހަ ޖެހިގެން." ހަސީނު ހަޅޭއްލަވާ ގަތެވެ.
ޒިޔާދާގެ ދެ ލޯ ބޮޑުވިއެވެ. ކައިރީގައި ހުރި ދުންޔާއަށް ވެސް ވީއެވަރެވެ. އެންމެން ތިބީ ހުއްޓުން އަރައިފައެވެ. ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ކަންކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަންނަށް ފަޔަށް ބާރުލެވުނެވެ. ބާރަށް ދުއްވާގަނެވުނެވެ. ފަހަތުން ޒިޔާދާއާއި ދުންޔާ ވެސް އައެވެ. އެމީހުން ގޮވި އަޑު ވެސް އިވުނެވެ. ބޭރަށް ނުކުމެވުނު ކަން އެނގުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. މުޅިތަން ރަތްވީއެވެ. ހުއްޓުނީއެވެ.
މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. ބަރުޖެހިފައިވާ އެސްފިޔަތައް ދުރުކޮށްލެވޭތޯ ބެލީމެވެ. މަންޒަރު ފެނުނީ ފުސްކޮށެވެ. އޭރު ވެސް މީހަކު ވާހަކަދައްކާ އަޑު އިވެއެވެ. އެއީ ކުރީން ވެސް އިވުނު ފިރިހެން އަޑެވެ.
"އިބްރާހީ..." ފުރިހަމައެއް ނުކުރެވުނެވެ.
"ލައްބަ! އިބްރާހިމް ހަސީނު،" އޭނާ ޖަވާބުދިނެވެ. "ރަނގަޅުވާނެ. އެކްސިޑެންޓްގައި މާބޮޑު ގެއްލުމެއް ނުލިބޭ. މާލެ އައިސް ނިދިފަ އޮއްވާ މި ކަމެއް މި ހިނގީ."
އަހަންނަށް ހުރިހާ ކަމެއް ސާފުވީއެވެ. އިބްރާހިމްގެ އަޑާ އެ އަޑު ވައްތަރުވީ ގޮތެވެ. އަހަންނަށް މި އޮވެވުނީ ކޮންތަނެއްގައިކަން ކަށަވަރުވީއެވެ.
"ބައްޕައަށް ވިސްނިއްޖެ. މަންމަ ވިސްނައިދީފި." އިބްރާހިމް ބުނެލިއެވެ.
ހަސީނުގެ އަޑު އިވުނެވެ. އަހަންނަށް ބަލައިލެވުނެވެ. އޭނާގެ ރަތްވެފައިވާ ދެ ލޯ ފެނިފައި ވިންދު އަވަސްވިއެވެ. ހަސީނު އައިގޮތަށް އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. މޫނަށް ބޮސްދިނެވެ.
"މަޢާފުކުރޭ. އަހަންނަށް ގޯސްކޮށް ވިސްނުނީ. މަންމަގެ ޤުރުބާނީ ހަނދާން ނެތުނީ. ނުބައި ވަސްވާހަކުން ބިންގާއެޅުނީ. އެއީ އަހަރެންގެ ކުށެއް. މީހެއްގެ ކަމެއް ނޫން." ހަސީނު ރޮމުން ގިސްލަމުން ދިޔައެވެ.
އޭނާގެ އިސްތަށިގަނޑުގައި އަހަރެން ފިރުމީމެވެ. ލޯބިން ބޮސްދިނީމެވެ. އެތައް އިރަކު އެ ހަރަކާތް ތަކުރާރުކުރީމެވެ. އެނދު އެއްކޮޅުގައި ތިބި ދުންޔާއާއި ރައުދާއަށް ބަލައިލެވުނެވެ. ޒިޔާދާ ދެ ލޯ ފޮހެލިއެވެ. އެންމެންގެ ލޮލުން ނީރެމުންދަނީ އުފާވެރިކަމުގެ ކަރުނައެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހިތުގައި ހުރި ޝަކުވާތައް އާތްވަށް ވެގެން އަރައިގެން ދިޔައެވެ.
އާއެކެވެ. މީހުން ބުނަނީތެދެކެވެ. ޖަހާލަތުން މައުރިފާކަމަށް ނެރެވޭނީ މައިންނަށެވެ. ނާމާންކަމުން އަމާންކަމަށް ގެންގޮސްދެވޭނީ މައިންނަށެވެ. މައިންގެ އުނގުންނެވެ. މައިންގެ ދުޢާއިންނެވެ. އެކަން މިއަދު އަހަންނަށް ވެސް އެނގިއްޖެއެވެ. ވިސްނިއްޖެއެވެ. އަހަރެންގެ ދުޢާއިން މުޅި ދުނިޔެ ބަދަލުވެއެއްޖެއެވެ. (ނިމުނީ)
Comment