Advertisement

މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ފާސްކޮށްފި

14 އޭޕްރީލް 2021 - 13:39 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ފާސްކޮށްފި

14 އޭޕްރީލް 2021 - 13:39 2

މީހުން ޓްރެފިކް ކުރުމުގެ ކުށުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގާނޫނު އިސްލާހުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ބިލުގެ މަގުސަދަކީ މީހުންނާއި ކުޑަކުދިން ޓްރެފިކްކުރުން މާނަކޮށްފައިވާ ގޮތާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި އަމަލުކުރާ ގޮތް އދ.ގެ ކަމާ ބެހޭ މުއާހަދާއާ އެއްގޮތް ކުރުމެވެ.

އެ އިސްލާހުތަކަށް ބަލާއިރު، ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާކޮށްފައިވަނީ، ހާއްސަކޮށް ރާއްޖެއަށް ގެނެވޭ ބިދޭސީންނާ މެދު އަމަލުކުރަމުންދާ ގޮތް ކުށުގެ ގޮތުގައި ފެއްތުމަށެވެ.

އޭގެ ތެރޭގައި، ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުމާއި، ރާއްްޖޭން އެހެން ގައުމަކަަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލުކުރުން ހިމެނޭއިރު، ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން ވެސް ވަނީ ހިމަނައިފަ އެވެ.

މިގޮތުން އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ހިމަނާފައިވަނީ، މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ކަނޑައެޅުމެވެ.

އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބިލުގައި ބުނެ އެވެ.

އެ ބިލު ދިރާސާކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބައެއް ބަދަލުތައް ގެނަ އެވެ.

އޭގެ ތެރޭގައި، ގާނޫނުގައި ބަޔާންކުރާ ކުށެއް ސާބިތުވާ މީހެއްގެ މައްޗަށް ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކް ކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދިނުން ހިމެނެ އެވެ.

އެގޮތުން ނަގައިދެވޭނެ ބަދަލުތަކުގެ ތެރޭގައި ނުލިބިވާ އުޖޫރަ އާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓު އެޖެންސީއަކަށް ދައްކާފައިވާ ފީ ހިމެނެ އެވެ.

އަދި ޓްރެފިކިންގެ ޝިކާރައަކަށް ވުމުގެ ސަަބަބުން މެދުވެރިވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން ހޯދަން ޖެހުނު ބޭސް ފަރުވާއަށް ހިނގި ހަރަދުގެ އިތުރުން ސީދާ ގޮތުން ލިބުނު އެނޫން ވެސް ގެއްލުމުގެ ބަދަލު އޭގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާއެކު އެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.