Advertisement

ދިގުވާހަކަ: އޮލިމްޕަސް

11 އޭޕްރީލް 2021 - 06:14 1

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

11 އޭޕްރީލް 2021 - 06:14 1

"ނަބީލް" ލިބުނު ސިހުމާއެކު، އަޑަށް ބާރުލައިފައި ސީމާއަށް ގޮވައިލެވުނެވެ.

މައްޗަށް ބަލަހައްޓައިގެން ހުރި ނަބީލަށް، ސީމާގެ އަޑު އިވުމާއެކު، އެނބުރި ބަލައިލިއެވެ.

"ކީއްކުރަން ޓެރަހަށް ތި އެރީ؟ އަވަހަށް ހިނގާ ތިރިއަށް!" ސީމާގެ އަޑުގައި ހުރީ ގާތްކަމެވެ. ލޯތްބެވެ. އޭނާއަށް ހުރެވުނީ، ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާން ނުކެރިފައެވެ. ކުރީ ދުވަހު ކަންވީ ގޮތް ހިތަށް އަރާފައެވެ.

"ނުދާނަން!" ނަބީލު ވަގުތުން ޖަވާބުދިނެވެ. ހަރުކަށި ރާގަކަށެވެ. "އަހަރެން މި އުޅެނީ އޮލިމްޕަހަށް ދާން"

"ތިހެން ބަސްނާހާ އުޅޭކަށް ނުވާނެ! އަވަހަށް އާދޭ!" ސީމާގެ އަޑުގައި މަޑުމައިތިރިކަން ހުރި ނަމަވެސް، މޫނުމަތީން ފެންނާން ހުރީ ކަންބޮޑުވުމެވެ. ގޭގައި މި ވަގުތު އެކަކު ވެސް ނެތެވެ. މަންމައާއި ބައްޕަ ވީ ޑޮކްޓަރަށް ދައްކާން ގޮހެވެ. "ހިނގާ ކޮޓަރިއަށް. ވަރަށް މީރު ބިސްގަނޑެއް ވެސް އަޅާފަ ހުންނާނީ." ކުޑަކުއްޖަކު ލޮއްސާން ސީމާ އުޅޭ ކަހަލައެވެ.

"ބުނެފީމެއްނު ނުދާނަމޭ! އަހަރެން ދާނީ އޮލިމްޕަހަށް. އޭނަ އެހެރީ، އޮލިމްޕަހަށް ދާން އަހަރެން ބަލާ އައިސް." މައްޗަށް ބަލައިލައިފައި ނަބީލު ހިނިތުންވެލީ، މަޑުމަޑުން ބޯ ޖަހައިލަމުންނެވެ.

ސީމާ ހުރީ ހަދާނޭގޮތް ނޭނގިފައެވެ. ފޯނު ވެސް ވީ ބަދިގޭގައެވެ. މީހަކަށް ގުޅާނީ ވެސް ކިހިނެއް ހެއްޔެވެ؟ ނަބީލު މި ތަނަށް ދޫކޮށްލާފައި، ދާކަށް ނުކެރޭނެއެވެ. އޭނާއަށް ހުރެވުނީ، ކޮޓަރި ތަޅުނުލައި ބަދިގެއަށް ދެވުނު މޮޔަ ހީވެފައެވެ. އެހައި އަވަހަށް ނަބީލު ހޭލައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

"ނަބީލު! ހެޔޮނުވާނެ! ދެން ހިނގާ ބަސްއަހައިގެން ކޮޓަރިއަށް ދާން!" ސީމާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"މަށާ ކައިރި ނުވާތި! މި ކޮޅަށް ނާންނާތި!" ނަބީލު ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމާއެކު ސީމާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. "ތީ ދޮގުހަދާ މީހެއް. ތީ ވަރަށް ނުލަފާ މީހެއް." ނަބީލު ދަތްކުނޑިވިކައިގަތެވެ.

ސީމާގެ ދެ ލޯ ފެންކަޅިވިއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ. ނަބީލަކީ އޭނާގެ ފިރިމީހާއެވެ. ދެ ލޯ ނޭދި އެދުނު، އެދޭ ފިރިމީހާއެވެ. ނަބީލު ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވިއެވެ. އެހެންނަމަވެސް މި އަދުގެ ހާލަތު ހިތަށް އަރާ ކޮންމެ ފަހަރަކު، ސީމާގެ ހިތް ވަރަށް ބޮޑަށް މާޔޫސްކޮށްލައެވެ.

ސީމާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަބީލު ގޮވައިގެން، މި ހާލެއްގައި އޭނާ ގަނަތެޅޭތާ ދިހަ އަހަރު ވަނީއެވެ. ފަންޑިތަ ހެދިއްޖެއެވެ. ބޭސްފަރުވާ ކުރެވިއްޖެއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުންނެވެ. ބަދަލެއް ނައެވެ. ޒުވާން އުމުރު ފަސްދީ ދަނީއެވެ. ދަރިއަކު ނެތެވެ. ދިރިއުޅުމެއް ވެސް ނެތެވެ. ނަބީލުގެ މައިންބަފައިންގެ ކިބަޔަކުން ވެސް މާ ބޮޑު އަޅައިލުމެއް ނުލިބެއެވެ.

ސީމާ ހުރީ ފެންކަޅިވެފައިވާ ދެ ލޮލުން، ނަބީލުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ މައްޗަށް ބަލަން ހުރެ، ވާހަކަތަކެއް އެބަ ދައްކައެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ބައެއް ފަހަރު ނިތް އެއްލައެވެ. ބައެއް ފަހަރު ހީނލައެވެ. ބައެއް ފަހަރު އަތުން ހަރަކާތްކުރެއެވެ.

އިރުކޮޅަކުން ފެނުނީ، ނަބީލު ކުރިއަށް ހިނގައިގަތް ތަނެވެ. ސީމާގެ މޭ ތެޅިގަތެވެ. އޭނާ އެ އުޅެނީ ކީއްކުރަން ބާވައެވެ؟ ސީމާއަށް އެސްފިޔަ ޖަހައިނުލައި ބަލާން ހުރެވުނެވެ. ނަބީލު އެ ދިޔަ ގޮތަށް ގޮސް، ޗެންޗޭނުމަތީގައި އަތް ބާއްވާލިއެވެ. ތިރިއަށް ބަލައިލުމަށްފަހު، މައްޗަށް ބަލައިލިއެވެ. ދެން ފެނުނީ އެއް ފައި ނަގައި، ޓެރަސްގެ ވަށާފާރު މަތީގައި ބަހައްޓައިލިތަނެވެ. އޭނާ އެ އުޅެނީ އެ ތަނުން ފުންމައިލާށެވެ. ހަތް ބުރި މަތިންނެވެ.

މި ބިރުވެރި މަންޒަރު ފެނުމާއެކު، ސީމާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އަޑުގައި ނެތްތަކަށް ނަބީލުގެ ނަމުން ގޮވައިލަމުން، ނަބީލާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ވަގުތު ވީ، ސީމާގެ ބައްޕަ ޒާހިރަށް ވެސް ޓެރަހަށް އެރުނު ވަގުތަށެވެ. ޒާހިރަށް ފެނުނީ، ޓެރަސްގެ ވަށާފާރުމައްޗަށް އަރަން ނަބީލު މަސައްކަތްކުރާތަނެވެ. މި މަންޒަރު ފެނުމާއެކު، ޒާހިރަށް ވެސް އެ ދިމާއަށް ދުއްވައިގަނެވުނެވެ. ވިދާލި ވިދުވަރެއް ފަދައިން ގޮސް، ނަބީލުގެ މެދުހަށީގައި ބާރަށް ބެއްދިއެވެ. ނަބީލު ހަޅޭއްލަވައިގަންނަމުން ތެޅިގަތެވެ. ޒާހިރުގެ ބުރަކަށިމަތީގައި ގުއްޓެއް އެޅިއެވެ. ކިތަންމެ ކަމީނާ ހަށިގަނޑެއްކަމަށް ވިޔަސް، އެ ހަށިގަނޑުގައި ފިސާރި ބާރުހުރެއެވެ.

ވީ ތަދަކަށް ޒާހިރު ނުބަލައެވެ. ނަބީލު ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، ޓެރަސް މައްޗަށް އިދިފުށަށް ނަބީލު ވެއްޓި ޖެހުމެވެ. ނަބީލުގެ ބޯ ތަޅުންގަނޑުގައި ޖެހުނު އަޑު އިވުނު ވަގުތު، ސީމާގެ ހިތަށް މީހަކު ފިތާލި ކަހަލައެވެ. އަވަސް އަވަހަށް ނަބީލުގެ ގާތުގައި އިށީނދެ، ނަބީލުގެ ބޯ ނަގައި އޭނާގެ އުނގުމަތީގައި ބޭއްވިއެވެ.

"ސޮރީ ބައްޕާ!" އިސް އުފުލައިލުމަށްފަހު، ކަރުނަ ފައިބަފައިބާ ހުރި ދެ ލޮލުން، ބައްޕަގެ މޫނަށް ސީމާ ބަލައިލިއެވެ. ބުނާ ކަހަލައެވެ. އަހަރެންގެ ސަބަބުން ބައްޕަމެންނަށް ހާދަ އުނދަގުލެއް އެބަ ވެއެވެ. ހާދަ އަނިޔާއެއް އެބަ ލިބެއެވެ.

ޒާހިރު ހުރީ ވަރުބަލިވެ، ނޭވާ ކުރުވެފައެވެ. ބުރަކަށްޓަށް ވެސް ވަރަށް ތަދުވެއެވެ. އެހެންނަމަވެސް އެ ކަން އޭނާ ކަމަކަށް ނުހަދައެވެ. ދަރިފުޅަށް ލިބެމުން އަންނަ ފުން ހިތާމައިގައި، ޒާހިރުގެ ދެމަފިރިން އަބަދުވެސް ބައިވެރިވެއެވެ.

ވެއްޓި ޖެހުނު ގޮތަށް ހަރަކާތެއް ނެތިފައި ނަބީލު އޮތެވެ. ދެ ލޯ ވަނީ މެރިފައެވެ. ނަބީލުގެ ހަށިގަނޑަށް އައިސްފައިވާ ހިމޭންކަން ފެނިފައި، ސީމާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދެ ލޮލާއި މޫނުމައްޗަށް ވެރިވެފައިވާ ހިތާމައިގެ މައްޗަށް، ސިހުން ވެރިވެގަތެވެ.

"ބައްޕާ! ނަބީލަށް ކިހިނެއްވެފަ މި އޮތީ؟" ސީމާގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ ރާގެވެ.

"ހިނގާ އަވަހަށް ކޮޓަރިއަށް ގެންދަމާ!" ސީމާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، ޒާހިރު ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ހިކި އަނަރޫފަވެފައިވާ ނަބީލުގެ ހަށިގަނޑު، ނުހަނު ފަސޭހަކަމާއެކު ދެ އަތްދަނޑި މައްޗަށް ނަގައިގަނެގެން ޒާހިރު ހިނގައިގަތެވެ. ތިރިއަށް ފައިބާން ހުރި ސިޑިއާ ދިމާއަށެވެ.

ނަބީލު އޮތީ އެނދުމަތީގައި ބާއްވާފައެވެ. އޭނާގެ މަގަތުގައި ސީމާ އިނެވެ. ބޮލަށް ފެން އަޅައި ތެންމާލައިގެން ފިރުމައިލަ ފިރުމައިލައެވެ. އިރުކޮޅަކު އެހެން އިނދެފައި، އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާގެ ދެ ލޮލުގައި ވަނީ މާޔޫސްކަމެވެ. ވަރުބަލިކަމެވެ. އެ ދެ ލޯ ނަބީލާ ދިމާއަށް ހުއްޓިފައި ހުރި ނަމަވެސް، ސިކުނޑި މިސްރާބުޖަހާފައި ވަނީ، މީގެ ދިހަވަރަކަށް އަހަރު ފަހަތަށެވެ. އޭނާގެ ސިކުނޑިއަށް ތަސްވީރުވަމުން އަންނަނީ އުފާވެރި ހަނދާން ތަކެއްގެ ކުލަ މަންޒަރުތަކެކެވެ.

============================

ފާޚާނާގެ ދޮރު ހުޅުވާލައިފައި ނިކުތީ، އުމުރުން އެންމެ ނަވާރަ އަހަރުގެ ޒުވާން ސީމާއެވެ. ފެންވަރައިގެން ނިކުތްއިރު، އޭނާގެ އިސްތަށިގަނޑުން ފެންތިކި ޖަހައެވެ. ހުދުކުލައިގެ ރޯބެއްގައި ހުރި އިރު، އޭނާގެ ސާފު ދޮން މޫނުމަތީން ފެންނަނީ ޒުވާންކަމާއި ތާޒާކަމެވެ. ހުދު ކުލައިގެ ތުވާއްޔަކުން ބޯ ހިއްކަމުން ގޮސް، ހުދުކުލައިގެ ޑްރެސިން ޓޭބަލްގެ ލޯގަނޑު ކުރިމައްޗަށް އޭނާ ހުއްޓުނެވެ. އިރުކޮޅަކުން އެ ތަނުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. ކޯލެއް މިސްވެފައި އޮތެވެ. ގުޅާފައި އޮތީ ނަބީލެވެ. ސީމާ އަވަސް އަވަހަށް ނަބީލުގެ ނަންބަރަށް ގުޅައިލިއެވެ.

"ފެން ވަރާލައިގެން މި ނިކުތީ." ނަބީލު ފޯނު ނެގުމުން، ފޯނު ނުނެގުނު ސަބަބުން ސީމާ ބުނެދިނެވެ.

"އެހެންތަ؟ މިސްވެގެން ހަމަ ގުޅައިލީ." ނަބީލު އިނީ އޮފީހުގައެވެ.

"މަ ވެސް." ސީމާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. "ކިހާއިރަކު އަންނާނީ؟"

"ކިހާއިރަކު ދާންވީ؟" ނަބީލުގެ އަޑުގައި ހުރީ ލޯތްބާއި ސަމާސާއެވެ.

"މިހާރު. ހަމަ މި ވަގުތު." ސީމާ ވެސް ސަމާސާގައި ބައިވެރިވެލިއެވެ.

"މިހިރީ ފަހަތުގައި. ނިކަން ބަލައިލަބަލަ!"

ސީމާއަށް އަވަސްއަވަހަށް ބަލައިލެވުނެވެ. މި ކުރެވުނީ ހާދަހައި ސޭކު ކަމެކޭ ހިތަށް އެރީ ނަބީލު ފަހަތުގައި ނެތުމުންނެވެ.

"ދެން... އަޅެ، މަށަށް ބަލައި ވެސް ލެވިއްޖޭ!" ސީމާ ހޭންފެށިއެވެ. ނަބީލުގެ ގާތަށް ވެސް ހިނިއައެވެ.

"މި ބަލައިލީ ހޭޖެހިއްޖެތޯ. އަދި ހަމަ ކުޑަކުއްޖެއް!" ނަބީލު ދިމާކޮށްލިއެވެ.

"އޯކޭ! އެކަމުވެސް އަވަހަށް އަންނާތި އިނގޭ! ވަރަށް މީރު އެއްޗެއް ކައްކާފަ މި އައީ. ނަބީއަށް ވަރަށް މީރު އެއްޗެއް!" ކޮޓަރީ ފާރުގައި ހަރުކޮށްފައި ކުރި، ސާމަރާދޫންޏެއްގެ ފިނދުފަތްގަނޑުން ވަށާލެވިފައިވާ، ވަށް މޫނުލީ ބޮޑު ގަޑިއަށް ސީމާ ބަލައިލިއެވެ. އޭރު ގަޑިން ބާރަގަޑި ބައިވަނީއެވެ.

"އަނެއްކާ ކޯޗެއް ކެއްކީ؟"

"ސަޕްރައިޒް!" ސީމާ ހީނލިއެވެ.

"އޯކޭ! ސަޕްރައިޒަކަށް ސަޕްރައިޒެއް އޮންނާނެ!"

"އަސްލު ވެސް؟" ސީމާގެ މޫނުމަތީން އުފާވެރިކަން ފެނުނެވެ. ނަބީލްގެ ކޮންމެ ސަޕްރައިޒަކީ ސީމާގެ ހިތަށް އުފާވެރިކަން ގެނުވައިދޭ ކަމެކެވެ.

"ހޫނ! އިންތިޒާރުކުރޭ! އިރާދަކުރެއްވިއްޔާ 1:15 ހިނގާއިރު ހުންނާނީ ސީމާގެ ފުރަގަހުގަ ބައްދާލައިގެން."

"ހޫނ! ދެން!" ނަބީލުގެ އެ ޖުމުލައިން، ސީމާގެ ދޮން މޫނުގައި ލަދުވެތިކަމުގެ ރަތްކުލަ ހިފިއެވެ.

އިރުކޮޅަކު ނަބީލާ ވާހަކަ ދައްކައިލާން ހުރެފައި، ސީމާ ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވިދަވިދާ ހުރީ އުފާވެރި ހިނިތުންވުމެއްގެ ފޮނި އަސަރެވެ.

ސީމާ އަވަސްވެގަތީ، ނަބީލު އަންނާންވާއިރަށް ރީތިވެލާށެވެ. އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެކެވެ. ނަބީލު އޮފީސް ނިންމާފައި ގެއަށް އަންނަ ވަގުތު، އޭނާ ނަބީލަށް މަރުހަބާ ކިޔާނީ، ރީތި މޫނަކާ އެކުގައެވެ. އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ނަބީލުގެ ހިތް ފުރިގެންދާ ފަދަ އަރާމު ވަހަކާއެކުގައެވެ.

ނަބީލާއި ސީމާގެ ކައިވެންޏަށް މި ވީ، އެންމެ އަށެއްކަ މަހެވެ. އޭލެވެލް ނިންމިގޮތަށް ސީމާ، ނަބީލާ ކައިވެނިކުރީއެވެ. ވަކީން އުޅެން ދަތިވާތީއެވެ. ކައިވެންޏަށްފަހު، އެ ދެމަފިރީން ވަނީ ވަރަށް އުފާވެރި މުސްތަޤުބަލެއް ތަދުބީރުކޮށްފައެވެ. އަންނަ އަހަރު، އޮސްޓްރޭލިޔާއަށް ފުރަން ވަނީ ނިންމާފައެވެ. ދެމަފިރީންގެ މަތީ ތަޢުލީމަށެވެ. ސީމާ ވަޒީފާއަކަށް ނުވަދެ މަޑުކުރީ އެހެންވެއެވެ.

އެކެއް ޖެހިތަނާ ނަބީލު މިސްކިތުން ފޭބިއެވެ. މެންދުރުގެ ދިލަ ހޫނު، އޭގެ ފުރިހަމަ އުދާހާއެކު މަގުތައް އަންދަމުން ގެންދެއެވެ. މަގަށް ނިކުމެ ސައިކަލާ ދިމާއަށް ނަބީލު ހިނގައިގަތީ، އަވިއައިނު ލޮލަށް ހެޔޮވަރު ކޮށްލަމުންނެވެ. އޭރު އޭނާގެ ސިކުނޑީގެ ހުރިހައި ޖާގައެއްގައި ރަނިކަން ކުރަމުން ދަނީ ލޯބިވާ އަނބިމީހާގެ ރީތި ސޫރައެވެ. ސައިކަލަށް އަރައި ނައްޓާލިއިރު، އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ބޭނުންވަނީ ގެއާދިމާއަށް އުދުހިގަންނާށެވެ. (ނުނިމޭ)