Advertisement

ރައީސް ނަޝީދުގެ ގަލަމުން: މާލޭ ގޯތި ގެދޮރު

މާލޭ މަތިން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ: އަބްދުﷲ އަބީދު


ރައީސް ނަޝީދުގެ ގަލަމުން: މާލޭ ގޯތި ގެދޮރު

މާލެއަކީ ވަކި މިވެނި މީހެއްގެ ރަށެއް ނޫނެވެ. ޒަމާނުއްސުރެ މާލޭގައި ދިރިއުޅުނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އައިސް ތިބި މީހުނެވެ. މާލެއަށް ތަފާތު ނަންނަމުން ކިޔާފައި އެބަހުއްޓެވެ. "މަހަލް" "އެންބޭރު" އަދި "އަތަމަނަހުރާ" މި ހުރީ ހައްތަހާވެސް މާލެއަށް ކިޔާ އުޅުނު ނަންނަމެވެ. މާލެއަކީ ހަމަ ގަދީމީ "ފުރަމާލެ" އެވެ. ޖިއޮގްރަފީއާބެހޭ މަޝްހޫރު ޢަރަބި މުއައްރިހު އަލްއިދްރީސީ، މީލާދީން 1150 ގައި ލިޔުއްވަނީ "މި ރާއްޖޭގެ އެންމެ އިސް ރަށަކީ "އަންބްރިޔާ" (ހެންވޭރު) އެވެ. ރަސްގެފާނާއި އޭނާގެ އަނބިކަނބަލުން އުޅުއްވަނީ މި ރަށުގަ އެވެ" މިހެނެވެ (1). ދިވެހި ބަސްފޮތުގައި، "އަތަމަނަހުރާ" އަކީ ވެސް މާލެއަށް ކިޔާ ނަމެއްކަމުގައި ބަޔާންކޮށްފައި ވެއެވެ. ސާންސިކިރިތު ބަހުން "އާތުމަން" އަކީ ފުރާނައެވެ. ވީމާ "އަތަމަނަހުރާ" ގެ މާނައަކީ ފުރާނަ އޮތް ހުރާގަނޑެވެ. އެހެނީ މާލެއަކީ ދިވެހިރާއްޖޭގެ ފުރާނައެވެ.

މީލާދީން 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ކަމުގައިވާ ރަންޖެހިކޮށީން ވަރަށް ކުރީގެ ލިޔުންތަކެއް (1023 އަށްވުރެ ގިނަ ލިޔުން) ފެނިފައިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ގޯތިގޯއްޗާ ގުޅޭ 273 ފަތްކޮޅު އޮތެވެ. ކަރުދާހު ފޮށިގަޑެއްގައި ހުރި މި ލިޔުންތައް ސަލާމަތްކުރުމަށް ފަހުގައި، މިތަކެތި ފުރިހަމައަށް ޙިމާޔަތްކުރުމުގެ އަގުހުރި މަސައްކަތް ކޮށްދެއްވީ ގ. ކަޝްމީރުގޭ އާއިމިނަތު ޝަރީފް އެވެ. މި ކަމަކީ އޭނާ ދިވެހި ތާރީހަށް ކޮށްދެއްވި ވަރަށް ބޮޑު މަސައްކަތެކެވެ. އައިމިނަތް ޝަރީފް ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް އޭނާއަށް ޝުކުރު ދަންނަވަމެވެ. މި ލިޔުންތައް މިހާރު ހުރީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

މި ލިޔުންތަކާއި އެހެނިހެން ކުރަހަނިތަކާއި ފަތްފުށްތަކަށް ބަލާއިރު، މާލޭގައި މީހުން ދިރިއުޅޭ ގޯތިތަކަކީ ކޮބައިކަމާއި ގޯތިތައް ހުރިތަންތަނާއި އަދި އެ ތަންތަނުގައި ދިރިއުޅޭ މީހުނާއި އަދި ބައެއް ފަހަރަށް އެ ތަންތަނުގައި ގެންގުޅޭ ތަކެއްޗާއި ހުންނަ އިމާރާތައި އަދި ރުއްގަހުގެ މައުލޫމާތާއެކު ފެންނާން އެބަ ހުއްޓެވެ. 1800 ވަނަ އަހަރާއި 1900 ވަނަ އަހަރާ ދެމެދުގައި މާލޭގެ ބިމުގެ ސަރަހައްދު ބަޔާންކޮށްދިނުމުގައި ދެވިފައިވާ ތަފާތު ނަންތައް 1800 އަހަރުތަކުގައި ވެސް ފެންނާން އެބަ ހުއްޓެވެ. ވަތި، ހިންނަ، ގޮއި، ފާ، ލައްބަ، ވާ، ރުއްގަނޑު، މިހެންގޮސް މިބާވަތުގެ، އެ ބިމެއްގައި ހުރިއެއްޗަކާއި، ނުވަތަ ވާ ދިރުމަކާއި، ނުވަތަ ކުރާ ކަމަކާ ގުޅުވައި ކިޔާފައިވާ ނަންނަމެވެ. ގަލޮޅުގައި "ތުއްކަމަނާ ހިންނައެއް" އޮވެއެވެ. އެ ހިންނަގެ ހުޅަނގުން އޮންނަނީ އުމަރު މޭނާ ބަނޑޭރި ތަކުރުފާނުގެ ގޯއްޗެވެ. މީސްމީހުންގެ ގޮއި ބިމަކީ ގޮއި ނަގާ ބިންބިމެވެ. އެ ތަނުގައި މަސައްކަތްކުރާ މީހުން ހައްދާ ނުވަތަ އުފައްދާ ތަކެތިން ބަންޑާރައިންނަށް އެއްޗެއް ދޭންޖެހޭ ތަންތަނެވެ.

މާލޭގެ އިހުގެ ޗާޓެއް. --ހަސަން ހަމީދު ޑޮޓް ކޮމް


އަދި މާލޭގެ ގޯތިތަކަށާއި ތަންތަނަށް ދެވިފައިވާ ނަންނަމަށް ބަލާއިރު، މީސްމީހުންގެ ނަމުންނާއި، އެމީހުންކުރާ މަސައްކަތާ ގުޅުވައި ނުވަތަ އެމީހުންގެ ރަށާ ގުޅުވައި ދީފައިވާ ނަންތައް ފާހަގަވެއެވެ. މަލިން މަނިކުފާނު އުޅުއްވަނީ މަލިން ގޭގައެވެ. ފަނޑިޔާރު މަނިކުފާނު ފަނޑިޔާރު ގޭގައެވެ. މިބާވަތުގެ ނަންތަކެވެ. ނެވިގެ، މާލިމީގެ، އެދުރުގެ، މިހުރީ ވެސް އެގޭގޭގައި ކުރާ ކަންކަމާ ގުޅިފައި ހުރި ގޭގެއެވެ. ދެން މިހުރީ ރަށަކާ ގުޅިފައި ހުރި ނަންނަމެވެ. ތޮއްޑޫގެ، ބުރުނީގެ، ވައިކަރަދޫގެ، މިހެންގޮސް މިބާވަތުގެ ނަންނަމެވެ. ހަމަ އެކަނި ރާއްޖޭގެ ރަށްތަކެއް ނޫނެވެ. ތުރުކީކޮށީ، ގާލީގެ، ހޮޅިގެ، ސިންގަޅަގެ، މިފަދަ ނަންނަމެވެ. މިނާގެ މިއީ މިނާފުއް ކަމެއް ނުވަތަ މިނާ ކިޔާ ތަނަކުން އައިސް ތިބި ބަޔަކު އުޅޭ ތަނެއް ކަމެއް ސާފެއް ނުވެއެވެ.

އެންމެ އެވޭލާ ޒަމާނުއްސުރެ ފެންނާން ހުރި ތާރީޚީ ލިޔުންތަކުންކުރެ އެއްވެސް ލިޔުމެއްގައި، ދިވެހިރާއްޖޭގެ ވެރިރަށްކަމުގައިވާ ފުރަމާލެ ދުވަހަކުވެސް ފަޅުވެފައެއް ނެތެވެ. ބައެއް ފަހަރު، މާލޭގެ އަހުލުވެރިން އުޅެނީ ވަރަށް ތިޔާގި ކޮށެވެ. މީލާދީން 1700 ގެ އަހަރުތައް ފެށުނު ތަނުގައި "ރައްޔިތުން ހެއު ތިޔާގިކަމުގައި ތިބެތެވެ. އެ ޒަމާނުގައި ސޫރަތުންނާއި ހިންދު ކަރައިންނާއި އަސެއިންނާއި ގިނައިން ނައުފަހަރު އައިސް އުޅުނުވެ (2).

"އަނެއްބައި ފަހަރު އެ ރައްޔިތުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެހެނަސް މާލެ މުޅިން ފަޅުކޮށްފައި އެންމެން އެކުގައި އަލްވަދާއުއެއް ނުކިޔައެވެ. 1887 ގައި، ބޮޑުހުޅުގެ ހާދިސާ ހިނގިގޮތުން، މި ކަން ސާބިތުވެ އެވެ. "މަގުމައްޗަށް އަޅާފައި ހުންނަ ލިއުންތަކުގައި ލިއެފައި އޮންނަ ގޮތަށް ތަންތަން އަނދާން ފަށައިފި އެވެ. ކަނބާފާނު ގަނޑުވަރު އަންދާލި ރެއަށް ފަހުގައި އެއްރޭ މެދަށް ވިއްލާފައި އައިރޭ މާފަންނުން ދެގެއެއް ރޯކޮށްލައިފި އެވެ. އެރެއަށް ފަހުގައި އެ ގެއެއްގެ ބަޔަކު އެ ގެއެއް ދިއްލައި، ހޭލާ ތިބުމަށް ރަދުން އަންގަވައިފިއެވެ. ރަށުތެރެ ނާމާން ވެއްޖެއެވެ. ކިތަންމެ ބަޔަކު އެމީހުންގެ މުދާތައް ވަޅުލައި، ރަށުން ބޭރަށް ގެންދާން ފަށައިފި އެވެ" (3).

މާލޭގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔާދީފައިވާ އެކަކީ، މީލާދީން 1602 އިން 1609 އާ ހަމައަށް ދިވެހިރާއްޖޭގައި ހިފެހެއްޓިފައި ހުރި ފްޣާންސުވާ ޕިރާޑް ޑި ލަވާލް (ދުނިޔޭގައި އުޅުއްވީ މީލާދީން ގާތްގަނޑަކަށް 1578-1623) އެވެ. އޭނާ ލިޔުނު ފޮތުގައެވެ. އޭނާ މާލެ ސިފަކުރައްވަނީ އަންނަނިވި ގޮތަށެވެ:

"އަހަރެން ކުރީން ވެސް ބުނި ފަދައިން އެރަށްތަކުގެ ވެރިރަށަށް ކިޔަނީ މާލެ މިހެންނެވެ. މުޅި ހުރިހާރަށެއް އެއްކޮށްލީމާ އެއީ ޑީވްސް އެކެވެ. މިބަހުގެ މާނައަކީ ކުދިކުދި އެތައް ރަށެއް އެކުވެ އެއްތާކު އޮތުމެވެ. މިބުނި ހުރިހާ ރަށެއްގެ މެދުގައޭ މާލެ އޮތީ. އެރަށުގެ ބޮޑުމިނަކީ ހުރިހާ ގޮތަކަށް ދޮޅު މޭލެވެ. ހުރިހާ ވައްތަރެއްގެ ގަސްހެދޭންވެސް އެންމެ ފަސޭހައީ އެރަށުގައެވެ. އެ ރާއްޖެއަށް ބޭރުން އަންނަ މީހުންގެ ވިޔަފާރީގެ މަރުކަޒަކީ ވެސް މާލެއެވެ. އެ ރާއްޖޭގެ ރަސްގެފާނު ހުންނެވުމާއެކު ވެރިކަން ހިންގަނީ ވެސް އެ ރަށުގަ އެވެ. މިހިރަ ސަބަބުތަކާ ހެދި އެންމެ ގިނަ މީހުން އުޅެނީ ވެސް މާލޭގަ އެވެ. އެކަމަކު ސިއްހަތު އެންމެ ނެތް، ބަލިތައް ގިނަ ރަށަކީ ވެސް އެ އެވެ. މިކަމުގެ ސަބަބެއް ކަމުގައި ފެންނަނީ އެންމެ އިހުޒާމާނުން ފެށިގެން ރަސްކަލުން އެރަށުގައި ތިއްބެވުމާއި މީހުން ގިނަވުމުގެ ސަބަބުން ނުހަނު ގިނަ އަދަދެއްގެ މީހުން އެރަށުގައި މަރުވުމެވެ. އެ އެންމެން ވަޅުލަނީވެސް ހަމަ އެ ރަށުގައެވެ. އެހެންވީމާ އެކުޑަކުޑަ މާލޭގެ ބިންވަނީ ގަބުރުން ފުރިފައެވެ. މިހެން އޮއްވާ އިރުގެ ގަދަހޫނާއެކު އަވި އެތަނަށް އެޅުމުން އެބިމުން އަރަނީ ނުބައި މުހުލިކު ބުހާރެކެވެ.

މީގެ އިތުރަށް އެބިމުގެ ފެނަކީ އިންފެކްޓް ވެފައިވާ ނުބައި ފެނެކެވެ. ރަސްގެފާނާއި އޭނާގެ އާއިލާގެ ބޭފުޅުން ހިއްޕަވާނޭފެން ކައިރީގައި އޮންނަ ކުޑަ ރަށަކުން ގެންނާން ޖެހެނީ މިހެންވެގެންނެވެ (ހީވާގޮތުގައި އެއީ ބޮޑުބަނޑޮހެވެ). އެއީ އެއްވެސް މީހަކު ވަޅުލާ ރަށެއް ނޫނެވެ. މާލޭގެ މާތް މީހުންނާއި ކެރިފޯރާ މީހުން ބޯނޭފެން ގެންނަނީވެސް އެ ރަށުންނެވެ. ގެތަކާއި ޖިފުޓިތައް ހުންނަނީ އެރަށުގެ އެތަން މިތަނަށް ވިހުރުވިފަ އެވެ. އެރަށުގައިވާ މަގުތަކުން އަވަށާއި ގެތައް ވަކިވެފައި ހުންނަ ގޮތުން ކޮންމެ މީހަކުވެސް އޭނަގެ އަމިއްލަ އަވަށް ދެނެގަންނަނީ އެވެ. ގެތައް އަޅާފައިވަނީ ދިވެހިރުކުން ވަކަރުކޮށައިގެން އެއިންނެވެ. އެގެތައް ހިޔާކޮށްފައިވަނީ ދިވެހިރުކުގެ ފަންވިޔެގެން ނުވަތަ ވިދެގެން އެފަނުންނެވެ. މާތްމީހުންނާއި މުއްސަދީން ގެ އަޅަނީ ގަލުންނެވެ. އެއީ ފަޅުތެރޭގައި ނުހަނު ގިނައިން ހެދިފައިވާ އެއްޗެކެވެ. ދިގުމިނާއި ފުޅާމިން ބޭނުން އަދަދަކަށް ކަނޑަނީއެވެ. އެގައު އޮމާންކޮށް ސާފުކުރީމާ އެއީވަރަށް ހުދު ރަނގަޅު ހިލައެކެވެ. (ހިރިގައު) އެކަމަކު އަތްވާ ވާރޭގައި ގިނަދުވަހު ހުންނާންވެއްޖެނަމަ އޭގެ ގަދަކަމާއި ހުދުކަންގޮސް މުޅީން ކަޅުވެދެ އެވެ (4).

މުލިއާގޭ ސަރަހައްދު މިދިޔަ ގަރުނުގެ ކުރީކޮޅު.


1880 ވަނަ އަހަރު މާލޭގައި 800 ގެ ހުއްޓެވެ. ބައެއްގޭގެ ނުހަނު ތަނަވަސްކޮށް ހަދާފަ އެވެ. ގިނައީ ދަނޑިފަނުން ހަދާފައި ހުންނަ އާދައިގެ ގޭގެ އެވެ. 1950ގެ އަހަރުތަކުގައި މާލޭން ފެންނަން ހުރި ގިނަ ގޭގެއަކީ އޭގެ 70 ވަރަކަށް އަހަރު ކުރީގައި ވެސް އެގޭގެ ހުރިގޮތަށް ހުރި ގޭގެ އެވެ. މިހާރު އެ ބާވަތުގެ ދެތިން ގެއެއް ފިޔާވާ ހުރިހާ ގެއެއް ތަޅައި، އަލުން އިމާރާތް ކުރެވިއްޖެ އެވެ. މިހިނގާ 2020 ވަނަ އަހަރު ރޫޅާލި، އެސްޖެހިގެ އެ ހުރިގޮތަށް ބިނާކޮށްފައި އެހުރީ 1887 ވަނަ އަހަރުގައެވެ. މުލީއާގެ އެހުރީ 1919 ވަނަ އަހަރު އެތަން ނިމުނުއިރު ހުރިގޮތަށެވެ.

ފެންނާންއޮތް އެންމެ ޒަމާންވީ ދިވެހި ލިޔުމަކީ އިސްދޫ ލޯމާފާނެއެވެ. އިސްދޫ ލޯމާފާނު ލިޔެފައި އޮތީ މީލާދީން 1195 ވަނަ އަހަރުގައެވެ. އެ ލޯމާފާނުގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކަކީ ހައްދުންމަތީގައި ހުރި މޮނަސްޓްރީތައް ތަޅާލި ވާހަކައާއި އަދި ބައެއް ހާމުދުރުން މަރާލި ވާހަކައެވެ. އިސްދޫ ލޯމާފާނުގެ އިތުރުން އެހެން ތިން ލޯމާފާނެއްގެ ވާހަކަ ވެސް ބެލް (5) ސާހިބު ލިޔުއްވާފައި ވެއެވެ. 1196 ވަނަ އަހަރު މާލޭ އެތެރެކޯލު މިސްކިތު ލޯމާފާނާއި (6) 1238 ގައި ލިޔެފައިވާ ކުޑަހުވަދޫ ލޯމާފާނާއި އަދި 1356 ވަނަ އަހަރު ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނެވެ (7). ބެލް ސާހިބުވަނީ ބޮޑުގަލު މިސްކިތު ލޯމާފާނާއި އެތެރެކޯލު މިސްކިތު ލޯމާފާނު ކޮންމެ ވެސް ވަރަކަށް ކިޔުއްވާފައެވެ. ކޮލި ޙަސަން އަޙްމަދު މަނިކާއި ޕްރޮފެސަރ ވިޖެވަރުދަނާ ވަނީ އިސްދޫ ލޯމާފާނު ވަރަށް ރަނގަޅަށް ކިޔުއްވާ މުތާލިއާ ކުރައްވާފައެވެ. ކޮލަމްބޯ ޔުނިވާރސިޓީގައެވެ. ދަނބިދޫ ލޯމާފާނާ ގުޅޭ އެންމެ ގިނަ މަސައްކަތް ކުރައްވާފައިވަނީ ނެދުންގޭ ޢަލީ ނަޖީބެވެ.

މިދެންނެވި 4 ލޯމާފާނާ ގުޅޭގޮތުން މިދެންނެވި ބޭފުޅުންގެ މަސައްކަތްކުރެވި ނިމުމަށް ފަހުގައި ލޯމާފާނެއްގެ މަސައްކަތް އިތުރަށް ނުކުރެވިފައިވަނީ އިތުރު ލޯމާފާނެއް ފެންނަން ނެތުމުންނެވެ. ބެލް ސާހިބު، ލޯމާފާނުތައް ކިޔުއްވާފައިވަނީ ވަރަށް މަތިމަތިންނެވެ. ފުންކޮށް އެތަކެއްޗަށް ބައްލަވާފައެއް ނުވެއެވެ. ކޮލި ހަސަން އަޙްމަދު މަނިކާއި އަލީ ނަޖީބު ކުރައްވާފައިވާ މަސައްކަތާއި ގާތް ވެސް ނުކުރެވެ އެވެ. ބެލް ސާހިބު ގެންދެވި ލޯމާފާނުތަކުން އެތެރެކޯލު މިސްކިތު ލޯމާފާނާއި ބޮޑުގަލު މިސްކިތު ލޯމާފާނު ވީތަނެއް އަޅުގަނޑަކަށް ނޭނގެއެވެ. ފަހަރުގައި ޤައުމީ މަރުކަޒު ބޭފުޅުންނަށް ލަފާކުރެވިދާނެ އެވެ.

ލޯމާފާނެއް ނުފެނި އެތައް ޒަމާނެއް ވެފައިވަނިކޮށް 2013 ވަނަ އަހަރު ޖަރުމަނު ވިލާތުން މުޅީން އައު ދިވެހި ލޯމާފާނެއް ފެނިއްޖެ އެވެ. މީލާދީން 1215 ވަނަ އަހަރު ލިޔެފައި އޮތް ލޯމާފާނެކެވެ. މިލޯމާފާނު ކިޔުއްވާފައިވަނީ ޖަރުމަން ޕްރޮފެސަރެކެވެ. ޖޮސްޓް ގިޕާ އެވެ. ޕްރޮފެސަރު ގިޕާގެ ތަފްސީލު ލިޔުން އަދި ނުނިކުމެ އެވެ. މިހާތަނަށް ޝާއިއު ކުރައްވާފައިވަނީ އެ ލޯމާފާނުގެ މައްޗަށް މަތިމަތިން އަލިއަޅުވާލާފައިވާ ލިޔުމެކެވެ. ޕްރޮފެސަރު ގިޕާ ގެންދަވަނީ އެ ލޯމާފާނުގެ މަސައްކަތް ކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ރަދުން އިސްލާމްވީ ތާރީހުން ފެށިގެން ދެން ހިނގައިދިޔަ ގަރުނެއްހާ ދުވަހުތެރޭގައި ލިޔެފައި ހުރި ލޯމާފާނުތަކުގައި ގިނައިން ލިޔެފައި ހުރީ އެ ދުވަސްވަރު ހާމުދުރުން މަރާވާހަކަ އެވެ. 1215އަށް ވީއިރު މިކަން ހުއްޓޭން ފަށައިފި އެވެ. 1215ގެމި ލޯމާފާނުގައި އޮތީ ހުރިހާ ހާމުދުރުންނާއި ބުޑިސްޓުން މާލެ ގެނައިވާހަކަ އެވެ.

ދަނބިދޫ ލޯމާފާނުގެ ނޯޓެއްގައި "ގެމަ" އާއި ގުޅޭގޮތުން ޢަލީ ނަޖީބު ލަފާކުރައްވަނީ، ބޮޑެތި ގޭގޭގައި ތިބި އާއިލާތަކުގެ މީހުން އަށްބައިކޮށްފައި، “ގެމަ" މިނަމުގައި ނަންދެއްވީކަމަށެވެ. ".....ގެމެންގެ މީހުންނަކީ ދަތުރުކޮށް ރަށްރަށަށްގޮސް ދީނީ ކަންތައްތައް ހިންގާން ރަދުން އުފެއްދެވި ޕާޓީތަކެއް" ކަމަށް ވެސް އަލީ ނަޖީބު ލަފާކުރައްވަ އެވެ. މާންދޫގެއަކީ މާންދޫ ގެމަ އެވެ. ލޯމާފާނުތައް ބަޔާންކުރާގޮތުގައި ގެމައަކަށް ވަނުމުން "ވަތް" ނުވަތަ އަގު ދައްކާންޖެހެ އެވެ. މިގޮތުން ގެމައަކަށް "ފަސްވަތް" ދައްކާންޖެހެ އެވެ. ގެމަތަކަށް ނެގޭ ތަކެތިން ބަންޑާރައަށް ބައެއްއަޅާފައި ގެމައަށް ވެސް ބައެއް އަޅަ އެވެ. މާލޭގައި ފާހަގަ ކުރެވޭ ގެމަތައް ފަހުން ވެގެންދިޔައީ ގަނޑުވަރު ތަކަކަށެވެ. ނުވަތަ ގެތަކަށެވެ. ކަޅުހުރާގެއަކީ އައްޑޫ މީދޫ ކަޅިހާރުގެއެވެ (8). އެއްގަމުގެއަކީ ހައްދުންމަތީ ގަމުގެ އެވެ. މާރަންދޫގެ، ތޮއްޑޫގެ، މުލީގެ (9)، ތަކަންދޫގެ އަދި ކަކާގެ ފަދަ މާލޭގެ ބޮޑެތި އާއިލާތަކަށް ނިސްބަތްވާ ގޭގެއަކީ މާލޭ ރަސްރަސްކަލުން އެކިއެކި ރަށްރަށުން މާލެ ގެނެސް ބެއިތިއްބެވި ގެމަތަކުގެ އާއިލާތަކައް ވުމީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މި ގޮތުން، ހަސަން ނޫރައްދީން ރަދުންނަށް މާންދޫގެ ލިބިވަޑައިގަތީ 1794 ވަނަ އަހަރުކަމަށް ހަސަން ނޫރައްދީން ރަދުންގެ ފަތްކޮޅެއްގައި ވެއެވެ. އެފަތްކޮޅު ބަޔާން ކުރާގޮތުގައި 1794 ވަނަ އަހަރުގެ ކުރީގައި މާންދޫގޭގެ މިލްކުވެރިކަން އޮތީ މާންދޫ ބޮޑުބަނޑޭރި ތަކުރުފާނުގެ ކުޑަބަނޑޭރި ތަކުރުފާނުގެ (10) މަރިޔަމް (11) މަނިކެގެ އަލިމަނިކަށެވެ. މިބުނާ މާންދޫ އަލީ މަނިކުގެ މިލްކުވެރިކަމުގައި ހުރި އިތުރު ބިންތައް ހުރީ ހައްދުންމަތީގަ އެވެ. މިއަސްލަށް ބަލާއިރު މާންދޫގެ ފެށިގެން މިއަންނަނީ ހައްދުންމަތީ މާންދޫއަށް ނިސްބަތްކޮށްކަމަށް އެބަ ދޭހަވެ އެވެ.

ކުޑަބަންޑާރައިންގެ (13) ރަސްކަން ބަދަލުވީ 1888 ވަނަ އަހަރެވެ. އޭގެ ދެތިން އަހަރު އިސްވެ ބަލާލައިފިނަމަ މާލޭންނާއި ރާއްޖޭން ފެނިފައިވާނީ ބޮޑުންގެ ކޯޅުމާއި، ސިޔާސީ ހަމަނުޖެހުމާއި އަދި ރަސްކަންތައް ބަދަލުވަމުން ދިޔަ މިންވަރު އެކަންޏެއް ނޫނެވެ. ދިވެހިރާއްޖޭގައި އެ ދުވަސްވަރު ކަންހިނގާދިޔަގޮތާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ފެންނާން އެބަ ހުއްޓެވެ. ރާއްޖޭގެ ރައްތަކުގައި މީހުން އުޅުނު އަދަދާއި އެމީސް މީހުނަކީ ކޮބާކަމާއި އަދި އެމީހުން ކޮށްއުޅުނު މަސައްކަތާއި އެމީހުންގެ ދިރުއުޅުމުގެ ކިތަންމެ ކަމެއް ހޯދޭން އެބަ ހުއްޓެވެ. ދިވެހި ރަސްރަސްކަލުންގެ ރަސްކަން ހިންގާފައިވަނީ އެ ރަސްރަސްކަލުންގެ އަމުރާއި ބާރުވެރިކަން ނެރެ އެވެ. އަށާރަސަތޭކައިގެ އަހަރުތަކުގައި ރާއްޖޭގައި ނެރެފައިވާ ވަރަށް ގިނަ އަމުރާއި އަދި ރަދުންގެ ވަރަށް ގިނަ ފަތްކޮޅުތައް މިއަދު ވެސް ފެންނާން އެބަ ހުއްޓެވެ. އާންމު މީސްމީހުނަށް ރައްދުވާ ކިތަންމެ ފަތްކޮޅެއް ވެސް މެ އެވެ.

ރާއްޖޭގެ ރަށްރަށުގައި ބިން ބޭނުންކުރުމުގައި، އެކި ވަކި ބިން، އެކި ވަކި މީހުން، އެކި ވަކި ކަންކަން، ކުރުމަށް ބޭނުންކުރާން ޖެހޭ މިންވަރު އިތުރުވަމުން ދިޔަ ދިއުމުގައި އެއް ބިމުގެ ސަރަހައްދާއި އަނެއް ބިމުގެ ސަރަހައްދާ ދެމެދުގެ އިން، ވަކިކުރާން ފެށި އެވެ. މި ވަކިކުރާން ފެށުމާ ހިސާބުން، ރަށްރަށުގައި ކޮށިކޮށި ކިޔާ ބިމުގެ ސަރަހައްދުތައް ބަޔާންކުރާން ފެށުނެވެ. 1800 ގެ އަހަރުތަކުގައި މާލޭގައި ކިތަންމެ ކޮށްޓެއް ވާނެ އެވެ. މިވަގުތު މައުލޫމާތު ފެންނާން ހުރި ކޮށިތަކުގެ ތެރެއިން ބައެއް ކޮށިތަކުގައި ކުރަމުން ގެންދިޔަ މަސައްކަތާއި އަދި އުޅެމުން ގެންދިޔަ މީހުނާ ގުޅޭ ކިތަންމެ މައުލޫމާތެއް ފެންނާން އެބަ ހުއްޓެވެ. އެއިރު މާލޭގައި ހުރިހުރި ގޯތިތަކުގެ ތެރެއިން ގިނަ ގޯއްޗަށް ނަންދީފައި ހުރީ ރާއްޖޭގެ ކޮންމެ ވެސް ރަށަކާ ގުޅުވާފައެވެ. ނުވަތަ އެ ތަނުގައި ދިރިއުޅޭ މީހާގެ މަސައްކަތާއި ނުވަތަ މަޤާމާ ގުޅުވާފައެވެ. ގޯތި އެއީ މީހެއްގެ ގޮވައްޗެވެ. ރަށަކާ ގުޅިފައި އޮންނަނީ އެ ގޯތީގައި އުޅޭ މީހާއާ އެކު އެވެ. ބައެއް ފަހަރަށް މުޅި ކޮށްޓެއް އެކުގައި ވެސް ރަށަކާ ގުޅުވައި ނަންދީފައި އެބަ ހުއްޓެވެ. ނުވަތަ މަސައްކަތަކާ ގުޅުވާފައި ނަންދީފައި އެބަ ހުއްޓެވެ.

މާލެވެސް، އަދި ރާއްޖޭގެ ހުރިހާރައްތަކެއްވެސް މިއަދު މިވަނީ ބިން ބޭނުންކުރުމުގެ ތަސައްވަރުތަކާއި ހަމަތަށް އެކުލަވާލަން ޖެހިފައެވެ. މިފަދަ މަސައްކަތް ކުރިއަށް ގެންދާންވާނީ ރާއްޖޭގެ ރައްތަކުގެ ތާރީހު ވަރަށް ރަގަޅަށް އެނގި ތިބެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ މާލޭގެ ގޯތި ގެދޮރާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައި ލިޔުއްވުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ ލިޔުމުގެ އަސްލަށް ބަދަލު ނުގެނެސް، އަދަދު އޮންލައިނުން ގަބޫލު ކުރާ އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އެވެ.

ރިފަރެންސް:

1. ނަސީމާ މުޙައްމަދު، "ރަހުންނާއި ރަނީން"، ދިވެހިބަހުގެ އެކެޑެމީ، 2014.ޞ.18.

2. ދިވެހިތާރިޚް.ޞ.76

3. ދެ ރަދުން

4. ޕިރާޑުގެ ގަލަމުން ދިވެހި ރާއްޖެ.ޞ.XX؛ ދެވަނަ ޗާޕު 2013).

5. ހެރީ ޗާލްސް ޕާވިސް ބެލް، މިއީ ދިވެހިރާއްޖޭގެ ތާރީހާ ބެހޭ ގޮތުން އެންމެ ފުޅާކޮށް ދިރާސާކުރެއްވި އިނގިރޭސި މުއައްރިހެވެ. ސިވިލް އޮފިސަރެއްގެ ގޮތުގައި ސިލޯނަށް ވަޑައިގެން، މަސައްކަތް ކުރައްވަން ފެށްޓެވީ 1873 ގައެވެ. ދިވެހިރާއްޖެ އަށް ބެލް އެންމެ ފުރަތަމަ ވަޑައިގަތީ 1879 ގައި މާލެ އަތޮޅު ގާފަރު ކައިރީން ބުރުލުފަރަށް އުރުނު "ސީގަލް" ކިޔުނު ބޯޓެއް ސާވޭކުރެއްވުމަށެވެ. މި ދަތުރުގެ ރިޕޯޓު ލިޔުއްވައި ޝާއިޢު ކުރެވުނީ 1883 ވަނަ އަހަރު އެވެ. އޭގެ ފަހުން 1922 ގައި ބެލް ރާއްޖެ ވަޑައިގެން ވަރަށް ގިނަ ތާރީހީ ދިރާސާ ކުރެއްވިއެވެ.

6. މި ލޯމާފާނަކީ އަސްލު ހައްދުންމަތީ ދަނބިދޫއާބެހޭ ގޮތުން އޮތް ލޯމާފާނެކެވެ. (ސޮންޔާ ފްރިޓްޒް، The Dhivehi Language. A Descriptive and Historical Grammar of Maldivian and Its Dialects ވޮލިއުމް.2؛ ޞ.215).

7. ބޮޑުގަލު މިސްކިތު ލޯމާފާނަކީ 1356 ވަނަ އަހަރު ރާދަބަރްނަ ރަނިން (ރެހެންދި ހަދީޖާ) ނެރުއްވި ލޯމާފާނެކެވެ. (ސޮންޔާ ފްރިޓްޒް، ވޮލިއުމް.2؛ ޞ.215). މިއީ ހެނެވިރަސްކިލެގެ ކަކައި މުބާރަކު ކިޔުނު ބޭކަލަކު އެޅުއްވި މިސްކިތަކަށް، ރެހެންދި ހަދީޖާ ބޯގައެއް ދެއްވުމާ ބެހޭ ފަތްކޮޅެކެވެ (ރަހުންނާއި ރަނީން.ޞ.53).

8. މި ރައުޔަށް ޙުސައިން ދީމް އިންކާރު ކުރައްވަ އެވެ: އޭނާ ވިދާޅުވަނީ "މާލޭ ހ. ކަޅުހުރާގޭ އާއިލާގެ ބޭފުޅުންނާއި، އައްޑޫ މީދޫ ކަޅިހާރުގޭ އާޢިލާގެ ބޭފުޅުންނާ ދެމެދުގައި އެއްވެސް އާއިލީ ގުޅުމެއް އޮތްކަމަކަށް އެނގިފައެއް ނެތެވެ. ހ.ޝަފީގުގޭ އަލްމަރްހޫމް އަހުމަދު ޝަފީގު، ކަޅުހުރާގޭ ތުއްތުސީދީއާއި ބެހޭގޮތުން ލިޔުއްވި މަޒުމޫނެއްގައި ލިޔުއްވާފައިވާ ގޮތުގައި، ކަޅުހުރާގޭ ތުއްތުސީދީގެ ކާފަ ކަޅުހުރާގޭ ސީދީ (ސައްޔިދު އަލީ ބިން ސައްޔިދު މުހައްމަދު އަލްސައްޤާފްއަލްޙަޟްރަމީ) ރާއްޖެވަޑައިގެންނެވީ ސުލްތާން މުހައްމަދު މުއީނުއްދީނުލް އައްވަލްގެ ރަސްކަމުގެ ދުވަސްވަރުގަ އެވެ. އެރަދުން މިސީދީ މާލޭގައި ވަޒަންވެރިވެ އުޅުއްވުމުގެ ހުއްދަދެއްވައި ހެންވެއިރު ގައި އޮތް ''ކަޅުފުރައި ގޯތި'' އެސީދީއަށް މިލްކުކޮށްދެއްވީ އެވެ. ކަޅުފުރައި ފަހުން އައިސް ކަޅުހުރާ އަށް ބަދަލުވީއެވެ".

9. ލިޔުމެއް، ހ.ގަނޑުވަރުގެ، މާލެ – F6-12

10. މި މާންދޫ މުޙައްމަދު ކުޑަބަނޑޭރި ތަކުރުފާނަށް، ބޮޑުބަނޑޭރިކަން ދެއްވީ 1750 ގައި، ދިޔަމިގިލީ އިބްރާހީމް ރަސްގެފާނެވެ. (ދީބާ.ޞ.129)؛ އޭގެ ފަހުން ދޮންބަންޑާރައިންގެ ވެރިކަމުގައި ހަނދޭގިރިކަން ލިބުނުކަން 1754 ގެ ނަދުރު ފިލައިން އެނގެ އެވެ. (ރަހުންނާއި ރަނީން.ޞ.202).

11. މި މަރިޔަމް މަނިކެއަކީ އެއްވަނަ މުޢީނުއްދީން ރަދުންގެ މަންމާފުޅުކަމުގައިވާ މާންދޫގޭ ދީދީގެ މަންމަކަމުގައި ވެދާނެ އެވެ.

12. މުހައްމަދު ނަޝީދު، ދެ ރަދުން، 2020؛ ޞ.).

13. ކުޑަބަންޑާރައިން: ރަސްކަން (1886-1888)؛ މިއީ السلطان محمد معين الدين 2 ވަނަ، ކުޑަކިބާ މަނިއްޕުޅު ކަމުގައިވާ، މުސްކުޅިބަންޑާރައިންގެ ބޮޑުދޮށީމަނިއްޕުޅުގެ އެންމެ ދޮށީމަނިއްޕުޅެވެ. އައްސުލްތާން ޙަސަން ނޫރައްދީން 2 ވަނަ، އެއްގަމުގޭ މަނިއްޕުޅުގެ ބައްޕާފުޅެވެ. ފެބްރުއަރީ 1887 ގައި މާލެވަޑައިގަތް ކެޕްޓަން ލޮއިޑް ވިދާޅުވަނީ މި ރަދުންނާމެދު ފެނިވަޑައިގަންނަވަނީ "ވަރަށް ބަލިކަށި، ތަންދޮރު ނުދަންނަ އަބަދުހެން ދުފާ މީހެއް" ކަމުގައެވެ. (އާއަލިކަމެއް.ޞ.549). ނަމަވެސް އެ އަހަރު އޮކްޓޯބަރު މަހު މާލެ ވަޑައިގަތް އިނގިރޭސި އެޑްމިރަލް ރިޗާޑްސް ލިޔުއްވަނީ، ކުޑަބަންޑާރައިންނަކީ ވެސް "ހިސާބަކަށް ވިސްނުންފުޅެއް ހުރި ބޭފުޅެއްކަމަށް" އެޑްމިރަލްއަށް ފެނިވަޑައިގަތް ކަމަށެވެ (އާއަލިކަމެއް.ޞ.596). އަވަހާރަވީ 1892 ގައެވެ.