Advertisement

ރައީސް މުހައްމަދު ނަޝީދުގެ ގަލަމުން؛ އަނދިރި ދައުލަތް

ސީރިޔާގައި ކުރެވޭ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ބައެއް ދިވެހިން، އާރޓްވޯކް، އަބްދުﷲ ޝަފީއު (އަބޯ)، އަދަދު


ރައީސް މުހައްމަދު ނަޝީދުގެ ގަލަމުން؛ އަނދިރި ދައުލަތް

މިއީ އަޅުގަނޑު 2018 ވަނަ އަހަރު ލިޔެ ޝާއިއު ނުކުރެވި އޮތް މަޒުމޫނެކެވެ. ނިއުޅެމުންދާ ހާލަތަށް ބަލާއިރު މި ލިޔުމުގައިވާ ހަގީގަތްތައް މިހާރަށް ވެސް މުނާސަބުކަމަށް ފެނެ އެވެ.

----

ދައުލަތެއްގެ ތެރޭގައި ދައުލަތެއް އުފެދޭ ހާލަތު ބައެއް ދައުލަތްތަކަށް ދިމާވެފައިއެބަހުއްޓެވެ. އިޓަލީ ވިލާތުގެ ސިސިލީގައި ބާރުގަދަވެ ދިޔަ، މުޅި ދުނިޔެއަށް މަޝްހޫރު "މާފިޔާ" ޖަމާއަތަކީ މިކަމުގެ ފުރިހަމަ މިސާލެކެވެ. މާފިޔާ ޖަމާއަތް އެކަންޏެއް ނޫނެވެ. ކިތަންމެ މިސާލެއް މިއަދުގެ ދުނިޔޭގައި ފެންނާން އެބަހުއްޓެވެ. އަޅުގަޑުމެންގެ ކަންބޮޑުވުން އިތުރުވެގެން ދަނީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ އަނދިރި ދައުލަތެއް އުފެދެމުން އަންނަކަން ފެންނާތީ އެވެ.

ސީރިޔާ އާއި އަދި އީރާގުގައި، އިސްލާމްދީނުގެ ނަމުގައި، ހިންގަމުންގެންދިޔަ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ދައުލަތް ނުވަތަ ހަލީފަތު (އައިސިސް)، އުފެއްދުމުގައި އަދި ދެމެހެއްޓުމުގައި ދިވެހިންގެ ތެރެއިން ކިތަންމެ ބައެއް ބައިވެރިވި އެވެ. ގިނަ މަސްދަރުތައް ދެކޭ ގޮތުގައި ތިންސަތޭކައަށް ވުރެ ގިނަ ދިވެހިން މިކަމުގައި ބައިވެރިވި އެވެ. އެތައް ދިވެހި ޒުވާން އަންހެން ދަރިންނެއް ވެސް ވަނީ އައިސިސްގެ ހަގުރާމަވެރިންނަށް ވިއްކާފަ އެވެ. ދިވެހިރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސްއަށް ފޮނުވުނީ، ދިވެހި ރާއްޖޭގައި އެޖަމާއަތުގެ ތަފާތު ހަރަކާތްތައް ހިންގިގެންނެވެ. ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދާ އެ އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ މައްޗަށް ގަދަވެގަނެގެނެވެ. ދިވެހި ދައުލަތް ހޮޅިކޮށްގެނެވެ. ދައުލަތުގެ އެންމެ އެތެރެއަށް އެވެރިން ވަދެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ މުހިންމު މުއައްސަސާތަކުގެ އެކި ދަރަޖައިގެ ކިތަންމެ ވެރިންނަކީ މިއަދު ދިވެހި ދައުލަތުގެ ތެރޭގައި ވާ އަނދިރި ދައުލަތުގެ މީހުނެވެ. ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގަ އެވެ. އިމިގްރޭޝަން އާއި ކަސްޓަމުގަ އެވެ. ބޭންކުތަކާއި މާލީ ނިޒާމުގެ ތެރޭގައެވެ. މުހިންމު މަގާމުތަކުގައި ތިބި، އަނދިރި ދައުލަތުގެ މީހުން ތިބެނީ ބޮނދަ އެވެ. ފޮރުވި އެވެ. އެހެން ނަމަވެސް އެމީހުން އަމަލު ކުރަނީ، ރަސްމީ ދިވެހި ދައުލަތް ރަމްޒުކުރާ ދިވެހި ސަރުކާރުގެ އެންގުން ތަކަކަށް ނޫނެވެ. އަދިރި ދައުލަތުގެ ބޭނުންތަކާއި މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގައި އެމީހުން އަވަސްވެގަނެ އެވެ.

ރާއްޖޭގެ އަނދިރި ދައުލަތުގެ ގިނަ ކަންކަން ހުންނަނީ އައިސިސް ޖަމާއަތުގެ އުސޫލުތަކާއި ވިސްނުމާއި އެއްގޮތަށެވެ. އަންހެނުންގެ އިއްފަތްތެރިކަން ގެއްލިދާފަދަ ކިތަންމެ ޖިންސީ ހަޑިމުޑުދާރު އަމަލުތަކާއި، އުމުރު ހަމަނުވާ ކުޑަކުދިންނާއި އެކު ޖިންސީގުޅުން ހިންގުމާއި، އެވެރިން އިސްލާމްދީނުގެ ނަމުގައި ބަޔާން ކުރާ ކިތަންމެ ފުލޯކު ތަކެއް ކުރިއެރުވުމުގައި ދިވެހި އަނދިރި ދައުލަތް މަސައްކަތް ކުރެ އެވެ.

ރާއްޖެއިން އައިސިސް ހަގުރާމައިގައި ބައިވެރިވި ގިނަ މީހުން ބައިވެރި ވެފަައިވަނީ، އައްނުސްރާ އަދި ބިލާދުއް ޝާމް މި ދެޖަމާއަތް މެދުވެރިކޮށެވެ. ރާއްޖޭގައި އިސްލާމް ދީނުގެ ނަމުގައި އަސްލެއް ނެތް ކިތަންމެ ވާހަކަތަކެއް ފަތުރަމުން އަދި އެވާހަކަތަކަށް ކިރިޔާވެސް ރައްދެއްދޭ މީހަކު ނަމަ މަރާނެ ކަމުގެ އިންޒާރުދީ އަދި މަރަމުން ގެންދަނީ އައިސިސްގެ ފިކުރުގައި ރާއްޖޭގައި ހަރަކާތް ތެރިވާ އަނދިރި ދައުލަތުންނެވެ.

2013 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދުގައި 26 އަށްވުރެން ގިނަ މީހުން ރާއްޖޭގައި ވަޅި ޖަހާ މަރައިފިއެވެ. ކަމުގެ މާހިރުން ބުނަނީ، ރާއްޖޭގެ މަރުތައް ހުރީ އެހެންވެސް އަނދިރި ދައުލަތްތަކުގެ ކަންތައް ހުންނަ ގޮތަށެވެ. މީހުން މާރާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހުގަ އެވެ. އިންޒާރުތައް ހުންނަނީ އައިސިސް ޖަމާތުގެ ފަތުވާއާއި އެއްގޮތަށެވެ. އަދިރި ދައުލަތުގެ ފިކުރުތަކާއި، ހުށަހެޅުންތަކާއި ދެކޮޅަށް ބަސްބުނާ މީހުން އެދައުލަތުގެ ފަރާތުން ފާހަގަ ކުރެ އެވެ. ބަސްބުނާ މީހުންގެ ބޮލުގައި ދީނާ ހިލާފުވިކަމުގެ އިލްޒާމް އަޅުވައެވެ. އެމީހުން މަރަންވެއްޖެ ކަމުގެ ހުކުމް ނެރެނީ، ދީނުގެ ނަމުގަ އެވެ. ޝޭހުންނަށް ހެދި ތިބި މީހުންނެވެ. އެންމެ ފަހުން ފެންނަނީ އެމީހުން މަރާ އެއްލާލާފައި ވަނިކޮށެވެ. ޝޭހުންގެ ހެދުމުގައި ތިބޭ މީހުންގެ ނިންމުންތައް ތަންފީޒު ކުރަނީ މާލޭ މަގުމަތީ ގޭންގުތަކެވެ. ގޭންގުތައް އެކަން ކުރަނީ ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއި އެކުގައެވެ. ސަލާމަތީ ބާރުތަކުގެ ކިތަންމެ އިސްވެރިންނަކީ އަނދިރިދައުލަތުގެ މީހުންކަމުން، މީގެތެރެއިން ގިނަ މަރުގެ ހަގީގަތް ހޯދިފައެއް ނުވޭ އެވެ.

ނަޝީދު ޖަރުމަނުގައި އެމަނިކުފާނު ފަރުވާ ހޯއްދަވާ ހޮސްޕިޓަލުގައި؛ އެމަނިކުފާނުގެ ބޭސްފަރުވާއަށް ހަރަދުކުރީ ޖަރުމަނު އެމްބަސީއިން


މާލޭގެ މަގުމަތީ ގޭންގުތަކުގެ ޒުވާން ކުދިންނަކީ، އިންތިހާއަށް މަގުން ކައްސާލާފައި ތިބި ކުދިންނެވެ. ކިތަންމެ އިޖްތިމާއީ ސަބަބުތަކަކުން އެކުދިންނަށް މެދުވެރި ވެފައިވާ ދެރަގޮތެވެ. ރާއްޖޭގައި އުފެދިންގެން އައި އަނދިރި ދައުލަތުން، މާލޭ މަގުމަތީ ގޭންގުތަކުގެ ކުދިންގެ ހިތްތައް ދަމައިގަތެވެ. އެކުދިން މަގުފުރައްދާ، އެކުދިންލައްވާ ކިތަންމެ ޖަރީމާއެއް ހިންގައެވެ. އޭގެ ތެރެއިން އެތައް ކުދިންނެއް ހަގުރާމައަށް ފޮނުވައިފި އެވެ. އެކުދިންގެ ނިކަމެތި ކަމުގެ ނާޖާއިޒް ފައިދާ އެހެންބަޔަކު ނަގަނީ އެވެ.

ދިވެހި ދައުލަތުގެ ތެރޭގައި އަމިއްލަ ބާރެއް ހިންގަމުން އަންނަކަމީ ބޭރުގެ ކިތަންމެ ޖާސޫސީ އިދާރާއަކުން ފާހަގަ ކުރާ ހަގީގަތެކެވެ. ރައިސް ޔާމީނުގެ ސަރުކާރުން، މި އަނދިރި ދައުލަތުގެ ބޭނުން ހިފަނީ، ސަރުކާރު ދެމެހެއްޓުމަށެވެ. ހާއްސަ ގޮތެއްގައި، ފުލުހުންނާއި ސިފައިންގެ ތެރޭގައި، އަނދިރި ދައުލަތުގެ ބާރުވެރިކަން ބޮޑެވެ. ރައީސް ޔާމީނުގެ ސަރުކާރު ދަމަހައްޓާދެނީ، އަނދިރި ދައުލަތުން ކަމުން، އެބާރުވެރިކަން ސަކާ ކުރުމުގެ ވިސްނުންފުޅެއް ރައިސް ޔާމީނުގެ ކިބައިގައި ނެތެވެ. ހައްތަހާވެސް ފެންނަމުން ދަނީ އަނދިރި ދައުލަތަށް ސަރުކާރު ބޯލަނބާތަނެވެ.

އަދިރި ދައުލަތުގެ ބޭނުމަކީ ދިވެހި ދައުލަތް އެމީހުންގެ އަތްމައްޗަށް ފުރޮޅާލުމެވެ. އެކަން ކުރަމުން އަންނަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކުއެވެ. ދުރުރާސްތާގެ ޗާޓެއްގައެވެ. ތެދުފުޅެކެވެ. އައިސިސް އަންނަނީ ބަލިވަމުންނެވެ. ސީރިޔާގައި އަދި އިރާގުގައިވެސްމެއެވެ. ރާއްޖެއަށް ނުރައްކާ އިތުރުވެގެން ދަނީ، މެދުއިރުމަތީ ގައި އައިސިސް ބަލިވާކަމުންނެވެ. ހަގުރާމައަށް ދިޔަ ގިނަ ދިވެހިންގެ އިތުރުން އެދިވެހިންގެ ރަހުމަތްތެރިން ވެސް ރާއްޖެ އަންނާނެތީ އެވެ. ހުރިހާ ސިޔާސީ ޕާޓީތައް އެކުގައި، މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރަނީނަމަ، ރާއްޖެއަށް އޮތް ގެއްލުން ކިތަންމެހާ ވެސް ބޮޑެވެ.

އެޑިޓަރުގެ ނޯޓު: މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ލިޔުއްވުމެެކެވެ. މި ލިޔުމުގައި ވަނީ ލިޔުންތެރިޔާގެ ހިޔާލެވެ. މި ލިޔުން 'އަދަދު' ގައި ޝާއިއުކޮށްފައި މިވަނީ ލިޔުމުގެ އޮނިގަނޑާއި ހިޔާލަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ލިޔުންތެރިޔާ ލިޔުއްވާފައިވާ ގޮތަށެވެ.