Advertisement

ސަލީމް ވިދާޅުވަނީ އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަހެއް ނޭޅޭނެ ކަމަށް

26 އޮކްޓޯބަރު 2023 - 10:03 1

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސަލީމް ވިދާޅުވަނީ އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަހެއް ނޭޅޭނެ ކަމަށް

26 އޮކްޓޯބަރު 2023 - 10:03 1

އިންތިހާބީ ރައީސް ޑރ.،މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17، ގައި ރައްޔިތުންގެ މަޖިލީހުން ބާއްވަން ޖެހޭ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް ނޭޅޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ. އެ ޖަލްސާ ނޮވެމްބަރު 17، ގައި ބާއްވަން ތާވަލުކޮށްފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިއްޔެ ބުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަަމުގެ މައްސަަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ނުގެންގޮސްފި ނަމަ އެ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ. މައްސަލައިގެ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު އަންނަ އާދިއްތަ ދުވަހަށް މައްސަލަ އެޖެންޑާ ކުރުމަށް ވަނީ ނިންމާފަ އެވެ.

އެ މައްސަލާގައި އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ތްރީ ލައިން ވިޕެއް ނެރެ އެ ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގާފަ އެވެ.

އެއަށްފަހު ކަންތައްތައް ހިނގާފާނެ ގޮތަކާ މެދު މަޝްވަރާ ކުރި ކަމަށާއި މި ނިންމުން ނިންމީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.