5 އޭޕްރީލް 2021 - 18:20 0
މުހައްމަދު ވިޝާމް
މާލޭގައި ކޮވިޑް-19ގެ ވެކްސިން ދެނީ. މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
5 އޭޕްރީލް 2021 - 18:20 0
ބޭސް ފަރުވާއަށާއި ތައުލީމު ހާސިލު ކުރުމަށް ރާއްޖޭން ބޭރަށް ދާންޖެހޭ މީހުންނަށް ކޮވިޑް-19ގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑު ވެކްސިންގެ ޕްރޮގްރާމް ފަށައި، ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ދޭން ވަނީ ފަށައިފަ އެވެ.
ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު ދީފައިވަނީ، ފުރަތަމަ ޑޯޒް ޖެހި ފަހުން އަށް ހަފްތާވެފައިވާ މީހުންނަށެވެ.
އެޗްޕީއޭއިން މިރޭ ބުނީ، ބޭސް ފަރުވާއަށާއި ތައުލީމު ހާސިލު ކުރުމަށް ރާއްޖޭން ބޭރަށް ދާންޖެހޭ ފަރާތްތަކުގެ ތެރެއިން، ފުރަތަމަ ޑޯޒް ޖެހި ފަހުން ހަތަރު ހަފްތާވެފައިވާ މީހުންނަށް ދެ ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ފުރަތަމަ ޑޯޒް ޖެހިފަހުން 12 ހަފްތާ ހަމަވާންވާއިރަށް އެނބުރި ނާދެވޭ މީހުންނަށްކަމަށް އެޗްޕީއޭ އިން އިތުރަށް ބުންޏެވެ.
އެގޮތުން، މިހާރު ވެކްސިން ދެމުންދާ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލެރީ، ހުޅުމާލޭގެ ވެކްސިނޭޝަން ސެންޓަރު، ވިލިމާލެ ވެކްސިނޭޝަން ސެންޓަރު، ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުން ވެކްސިން ޖެހޭނެކަމަށް ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ދިންއިރު، ފަހުން ވަނީ ޗައިނާގެ ސިނޮފާމް ވެކްސިން ވެސް ދޭން ފަށައިފަ އެވެ.
ސިނޮފާމް ޖެހި މީހުންނަށް 2-4 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ޖަހައިދެ އެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދިނުންފަދަ ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.
ކޮވިޑް ވެކްސިނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިހާތަނަށް ދެ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މީހުން ވަނީ ރާއްޖޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ ވެކްސިން ދީފަ އެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 5،700 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒާ ދެމެދު މާ ގިނަ މުއްދަތެއް ނަގައިފި ނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާތީ ލަސްނުކޮށް ވެކްސިން ފުރިހަމަކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment