Advertisement

ޖާބިރު ސޮއި ނެންގެވި މައްސަލަ ބޮޑު ދިރާސާއަކަށް

4 އޭޕްރީލް 2021 - 16:50 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް


ޖާބިރު ސޮއި ނެންގެވި މައްސަލަ ބޮޑު ދިރާސާއަކަށް

4 އޭޕްރީލް 2021 - 16:50 0

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއި އަނބުރާ ނެންގެވުމުން، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ނިންމުމެއް ނިންމަން ބޮޑު ދިރާސާއެއް ކުރަން ޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ އެ މައްސަލައެއްގައި މަދުވެގެން 10 މެންބަރުން ސޮއި އާއެކު އެވެ.

ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޖާބިރާ އެކު 10 މެންބަރުންގެ ސޮއި ހިމަނައިގެންނެވެ.

މަޖިލީހުގެ ގަވައިދާ އެއް ގޮތަށް، މަޖިލީހުގެ އިދާރާއިން މިނިސްޓަރަށް ނޯޓިސް ފޮނުވާ ޖަވާބުދާރީވުމަށް އަންގަވާފައިވާ މުއްދަތު ވެސް ހަމަވި ފަހުން ޖާބިރުގެ ސޮއި އަނބުރާ ނެންގެވުމުން، 10 މެންބަރުންގެ ސޮއި ހަމަނުވާތީ، މައްސަލަ ކުރިއަށް ގެންދެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިތުބާރު ނެތް ކަމުގެ މި މައްސަލައިގައި ކަން ހިނގި ގޮތަށް އިޝާރާތް ކުރައްވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖުމްލަ ހަރަކާތެއް ހިންގުމަށް އެކުވެގެން ވަކި ހިސާބަކަށް މަސައްކަތެއް ގެންދިއުމަށްފަހު، އެހެން ބައިވެރިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އެކަމުން ބަރީއަވެވޭނީ ކިހާ ހިސާބަކުންކަމާ މެދު ރިޔާސަތުން ގޮތެއް ނިންމަން އުނދަގޫ ކަމަށެވެ.

"މެންބަރަކަށް ވަކި ކަމެއް ވަކި ގަޑިއެއްގައި ކުރަން ނިންމުމަށްފަހު ގައި އަދި ހަމަ އެކަމުން އެނބުރިގަތުމުގެ މިނިވަންކަން ވެސް މެންބަރުންނަށް ލިބިވަޑައިގަންނަވަންޖެހޭނެ. ހަމަ އެއާއެކީ ގައި މެންބަރަށް، އެހެން އެތައް މެންބަރުންނާއެކީ ފައްޓަވައި މަސައްކަތަކުން ދެން އެނބުރިވަޑައިގެންނެވޭނީ ކޮން ގަޑިއެއްގައިތޯއޭ؟" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މިފަހަރު މިކަމުގައި ވަކި އުސޫލެއް ކަނޑައަޅާފައި އޮތުމަކީ ބޭނުންތެރިކަމެއް ކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ އެ މައްސަލަ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް


އެކަމާ ގުޅިގެން، އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ކޮމިޓީގެ އެދުމުގެ މަތިން، އެ މައްސަލައިގެ ދިރާސާއެއް މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގައި އިތުރަށް ދިރާސާ ކުރަންޖެހޭކަމަށް ކޮމިޓީ މެންބަރުންނަށް ފެނިވަޑައިގަންނަވާކަމަށް ހަސަލް ލަތީފު ފާހަގަކުރެއްވި އެވެ.

"އެއީ ރިޔާސީ ނިޒާމުތަކުގައި ވެސް މިކަހަލަ ކަންކަމުގައި އަމަލުކުރާ ގޮތުގެ ރިސާޗެއް އަދި ކުޑަކޮށް ހައްދަވާލެއްވުން އަދި ކްލާސް އެކްޝަން ޕެޓިޝަންސް ފައިލްކުރާއިރު އޭގެ އުސޫލުތަކާއި ދެން އެ ޕެޓިޝަން އޮންނަންވާ ގޮތާއި އަނބުރާ ގެންދެވޭނެ ހާލަތްތަކާއި ކޮން ވަގުތެއްގަތޯ އާއި އެކަންކަމުގެ ލިޓަރެޗާ ހޯއްދަވާލެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މި މައްސަލަ ދެން ކުރިއަށް ގެންދާނީ އެ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

އިދިކޮޅުން އިސްވެ ޒަހާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅީ މަސްވެރިންނަށް ހިދުމަތް ނުދެވި، ބާނާ މަހަށް ހަމަ އަގު ނުލިބޭއިރު، މި ސަރުކާރުން މަސްވެރިންނަށް ވައުދުތައް ފުއްދިފައިނުވާކަމަށް ބުނެ އެވެ.

އެ މައްސަލައިން ޖާބިރު ސޮއި ނެންގެވީ، ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ، މި ވަގުތަށް ޒަހާއަށް އިތުބާރުކުރަން ނިންމަވާފައިވާ ކަމަށް ބުނެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭންޖެހޭކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ޖާބިރު އެގޮތަށް ނިންމެވީ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ޒަހާ ވިދާޅުވި ދަނޑިވަޅެއްގައި އެވެ.