Advertisement

އާޖެންޓީނާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް

4 އޭޕްރީލް 2021 - 10:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އާޖެންޓީނާގެ ރައީސް ފެނަންޑޭޒް މިދިޔަ ޖެނުއަރީ މަހު ކޮވިޑް ވެކްސިން ޖައްސަވަނީ -- ފޮޓޯ: ރޮއިޓާޒް


އާޖެންޓީނާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް

4 އޭޕްރީލް 2021 - 10:40 0

މި އަހަރުގެ ކުރީކޮޅު ކޮވިޑާ ދެކޮޅަށް ވެކްސިން ޖައްސަވާފައިވާ އާޖެންޓީނާގެ ރައީސް އަލްބޭޓޯ ފެނަންޑޭޒް އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ފެނަންޑޭޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ބައެއް އަލާމާތްތައް އެމަނިކުފާނަށް ވެސް ދިމާވަމުންދާ ކަމަށެވެ. އެގޮތުން ކުޑަކޮށް ހުސް އައިސްފައި ހުރި ނަމަވެސް ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުން 62 އަހަރު ފުރިވަޑައިގެންނެވި ފެނަންޑޭޒް ކޮވިޑް ވެކްސިން ޖެއްސެވީ ޖެނުއަރީ މަހު އެވެ. އެމަނިކުފާނު ޖެއްސެވީ ރަޝިއާއިން އުފެއްދި ސްޕަޓްނިކް ވީ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ސަމާލުވާން ޖެހޭ. އަޅުގަނޑު ހުރިހާ އެންމެންގެ ފަރާތުން ވެސް އެދެނީ ފިޔަވަޅުތަކަށް އަމަލު ކުރުމަށް. މި ބަލިމަޑުކަން އަދި ނުނިމޭކަމީ ހަގީގަތެއް،" ޓްވިޓާގައި ފެނަންޑޭޒް ވިދާޅުވި އެވެ.

ރަޝިއާ އާއި ބެލަރޫސްއަށް ފަހު ސްޕަޓްނިކް ވީ ވެކްސިނަށް ހުއްދަ ދިން ތިންވަނަ ގައުމަކަކީ އާޖެންޓީނާ އެވެ. އެ ގައުމުގައި މި ވެކްސިން ދޭން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ފެނަންޑޭޒްގެ ޓްވީޓަށް ރައްދު ދެއްވަމުން ރަޝިއާގެ ވެކްސިން އުފެއްދި ގަމަލެޔަ އިންސްޓިޓިއުޓުން ބުނީ މި ވެކްސިނަކީ 91.6 އިންސައްތަ ޔަގީންކަން އޮތް ވެކްސިނެއް ކަމަށެވެ. އަދި ވެކްސިނަށް ފަހު ބަލި ޖެހިއްޖެ ނަމަ ހާލު ގޯސް ނުވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

އާޖެންޓީނާގެ މިހާތަނަށް 2.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 56،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކަ އެވެ.