Advertisement

ކުރުވާހަކަ: ނަޖާ

3 އޭޕްރީލް 2021 - 09:25 3

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ކުރުވާހަކަ: ނަޖާ

3 އޭޕްރީލް 2021 - 09:25 3

ރަށު މަދަރުސާގެ ގޯތިތެރޭގައި ސުހޭލާއި ނަޖާގެ ކައިވެނި ޕާޓި ކުރިއަށް ދަނީ އެވެ. އާދައިގެ ކުޑަކުޑަ ޕާޓީއެއް ކަމަކު، ޕާޓީގައި އޮތީ އުފާވެރިކަމެވެ. ޕާޓީއަށް ވަންނަ ކޮންމެ މީހަކު ވެސް، އެ ދެ ކުދީންގެ ރީތިކަމަށް ތައުރީފުކުރެ އެވެ. ބާއްޖަވެރި ހަޔާތަކަށް އެދެއެވެ.

ނަޖާއަކީ އެ ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. ސިފައާއި އުޅުމެވެ. ސުހޭލަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާ އެވެ. ކައިވެންޏާ ހަމައަށް އޭނާ ދިޔައީ، ސުހޭލުގެ ފަސްބައިގައި ހިފައިގެންނެވެ. ސުހޭލަކީ ބީރައްޓެއްސެކެވެ. އެ ދެ ކުދިންގެ ގުޅުމުގެ ބިންގާ އެޅުނީ ފޯނުންނެވެ. ރައްޓެއްސަކު ދިން ނަންބަރަކަށް ސުހޭލު ގުޅީއެވެ. ދެ ކުދިން ވާހަކަ ދައްކަން ފެށުމާ އެކު، އެކަކު އަނެކަކަށް ކަމުދިޔައީ އެވެ. މިޒާޖު އެއްގޮތް ވީމަ އެވެ. އެންމެ ފުރަތަމަ އެކަކަށް އަނެކު ފެނުނީ ވީޑިއޯ ކޯލުންނެވެ. ފުރަތަމަ ފެނިލުމުން ވެސް ކައިވެންޏަށް އެދެވުނެވެ.

ޕާޓީ ނިމުނުއިރު ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. ވަރުބަލިވެފައި ތިބެ ސުހޭލާއި ނަޖާ ދިޔައީ ނަޖާގެ ގެއަށެވެ. ނަޖާގެ ގެއަކީ އާދައިގެ ގޮތަކަށް ހަދާފައި ހުރި، ދެ ކޮޓަރީގެ ގެއެކެވެ. ނަޖާގެ ބައްޕަ ވަނީ ވަރަށް ފަހުން ނިޔާވެފައެވެ. ބައްޕަ ނެތުމުގެ ހިތާމަ މަންމަގެ މައްޗަށް ގަދަވެގަނެ، މަންމަ އޮތީ ބަލި އެނދަށް ވައްޓައިލާފަ އެވެ. މި ރޭގެ މި އުފާވެރި ޕާޓީން، ނަޖާއަށް ލިބޭން އޮތް އުފާ ފުރިހަމައަށް ހާސިލުނުވި ސަބަބަކީ، ބައްޕަ ދުނިޔޭގައި ނެތުމެވެ. މަންމައަށް ޕާޓީގައި ބައިވެރި ނުވެވުމެވެ.

ގެއަށް ވަންގޮތަށް ނަޖާއާއި ސުހޭލު ދިޔައީ މަންމަ ގާތަށެވެ. މަންމަ އޮތީ މަންމަގެ ކޮޓަރީގަ އެވެ. ހޮޅިބުރި ދިއްލާލުމާއެކު، އެ ދެމަފިރީންގެ ލޮލުގައި އަޅައިގަތީ މަންމަގެ ލޮލުން ފައިބާފައި ހުރި ކަރުނައެވެ. ނަޖާ ފެންކަޅިވި އެވެ. އޭނާ ގޮސް މަންމަގެ މަގަތުގައި އިށީނދެ، މަންމަގެ ދެ ލޯ ފޮހެލަދިނެވެ.

"މަންމާ!"

"ދަރިފުޅުމެންނަށް އުފާވެރި ހަޔާތެއް މިންވަރު ކުރައްވާށި!"

"އާމީން!" ތުރުތުރުއަޅަމުން ދިޔަ އަޑަކުން މަންމަ ކުރި ދުޢާގައި، އެ ދެ ކުދިން ބައިވެރިވިއެވެ.

"އަދިވެސް ބޮލަށް އެނބުރުންއަރާތަ؟" ނަޖާ މަންމަގެ ބޮލުގައި ފިރުމައިލިއެވެ.

"މި ރޭ ތަންކޮޅެއް ރަނގަޅު. އެކަމަކު ތެދުވާންކެރޭވަރެއް ނުވޭ! ދަރިފުޅުމެން ދެން ދޭ ނިދަން! މިހާރު ވަރަށް ވަރުބަލިވެފައި ތިބޭނީ."

ސުހޭލާއި ނަޖާ ފެންވަރައި ރިތިވެލައިގެން ނިދަން އޮށޯންނަން ތައްޔާރުވަނީ އެވެ. އޭރު ނަޖާގެ ހިތް ތެޅެއެވެ. މިއީ އޭނާ އެހެން މީހަކާއެކު ނިދާ ފުރަތަމަ ރެއެވެ. މިއީ ބިރުވެރި ރެއެކެވެ. އުފާވެރި ރެއެވެ. ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް އެންމެ ފަހަރަކު ތަޖުރިބާކުރާނެ ރެއެކެވެ. އެނދާ ދިމާއަށް ނަޖާ ހިނގައިގަތީ، ތެޅިތެޅި އޮތް ހިތަކާ އެކުގަ އެވެ. އެހެނަސް އުފަލުން ފުރިފައި ހުރެގެންނެވެ.

ސެހޭލުގެ މަގަތުގައި ނަޖާ އޮށޯތެވެ. ލަދުން ރަތްވެފައިވާ މޫނަކާއެކުގައެވެ. އެއާއެކު ގޭގެ ބޭރު ދޮރުގައި މީހަކު ޓަކި ޖަހާލައިފިއެވެ. ސުހޭލަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު ބާރަޖަހައި ބޮޑުވެއްޖެއެވެ. މިހައި ދަން ވަގުތެއްގައި ކާކު އައީ ބާވައޭ ހިތައި ތިއްބާ، ކުރިއަށްވުރެ ބާރަށް ޖަހާލައިފި އެވެ. ސުހޭލު ކޮޓަރިން ނިކުތެވެ. ނިދާ ހެދުމުގައި ހުރީތީ، ނަޖާ މަޑުކުރީއެވެ.

ދޮރު ހުޅުވާލުމާއެކު، ސުހޭލަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ތިބީ ދެ ފުލުހުންނެވެ.

"ތީ ތަ ސުހައިލަކީ؟"

"ލައްބަ!"

"މި ގެ ފާސްކޮށްލަން މި އައީ." ކޯޓު އަމުރު ދައްކަމުން ފުލުހަކު ބުންޏެވެ.

ސުހޭލަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފަ އެވެ. އޭނާއަކަށް ބަހަކުން ބަހެއް ނުބުނެވުނެވެ. ދޮރުމަތީގައި ހުރެފައި، އެއް ފަރާތަށް ޖެހިލެވުނީ އެވެ.

ކޮޓަރީ ދޮރުފަތް ކުޑަކޮށް ހުޅުވާލައިގެން ބޭރަށް ބަލާންހުރި ނަޖާގެ ދެ ލޯ ބޮޑުވީ، ގެއަށް ފުލުހުން ވަން މަންޒަރު ފެނިފައެވެ. އޭނާއަށް ބޭއިހުތިޔާރުގައި ދޮރު ލެއްޕުނެވެ. ތަޅު ވެސް ލެވުނެވެ. އޭނާއަށް ހުރެވުނީ ދޮރުފަތުގައި ލެނގިލައިގެން ވާނުވާ ނޭނގިފަ އެވެ. ފުލުހުން ސިޓިންރޫމު ބަލައި ފާސްކުރަމުންދިޔައިރު، ބޭރުގައި ހިނގަމުން ދަނީ ކޮން ހަރަކާތެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ހަމަހޭވެރިކަންވީ، ކޮޓަރީ ދޮރުފަތުގައި ޓަކި ޖަހައިލީމެވެ.

"އެއްޗެހި ބަދަލުކޮށްގެން ހުޅުވަބަލަ!" ނަޖާއަށް އިވުނީ ސުހޭލުގެ އަޑެވެ.

ނަޖާ އަވަސް އަވަހަށް ނިދާހެދުން ބަދަލުކޮށްގެން ދޮރު ހުޅުވި އެވެ. އެއާއެކު ކޮޓަރިއަށް ފުލުހުން ވަނެވެ.

ވާނުވާ ނޭނގި ތިބި، ނަޖާއާއި ސުހޭލަށް ބޮޑު ސިހުމެއް ލިބުނީ، ކޮޓަރީ އެނދުގެ ގޮދަޑި ދަށުން މަސްތުވާތަކެތީގެ ފަސް ޕެކެޓު ފުލުހުން ނެގިތަން ފެނިފައެވެ.

މީ ކާކުގެ އެއްޗެއްތޯ ފުލުހުން ސުވާލުކުރުމުން ނަޖާއަށް ރޮވިއްޖެ އެވެ. އޭނާއަށް ސުހޭލުގެ ގައިގައި ހިފެހެއްޓުނީ ގަތްބިރެއްގެ ބޮޑުކަމުންނެވެ.

ސުހޭލަށް ހުރެވުނީ ބަސް ހުއްޓިފަ އެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ މޭ ބާރުބާރަށް ތެޅެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ފުލުހުންގެ އަތުގައި އޮތް ފަސް ޕެކެޓަށެވެ. ފުލުހުންގެ ސުވާލު ތަކުރާރުވާން ފެށުމާ އެކު، ސުހޭލު ޖަވާބު ދިނެވެ.

"މަގޭ އެއްޗެއް!"

ސުހޭލުގެ މި ޖުމުލަ އިވިފައި، ނަޖާއަށް ރޮއިގަނެވުނެވެ. ބޮޑު ބިރެއް ފެނުނުހެން ސިހިފައި ސުހޭލާ ފެއަށް ޖެހެވުނެވެ. ފުލުހުން ގެއިން ނިކުތީ، ނަޖާގެ ހިތް ފުނޑުފުނޑުކޮށްލާފައެވެ. ސުހޭލު ހައްޔަރަށް ދިޔައީ، އޭނާ ސުހޭލަށް ކުރި އިތުބާރާއި ގަދަރު ވެއްޔާ މޮޑެލައިފައެވެ. ނަޖާގެ ހިތަކު ފުނޑުފުނޑުނުވާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. މާމުއީގެ ފޮނިރަހައާއެކު، މާމެލާމެލީގެ ތަންމައްޗެއްގައި ހޭދަކުރާން ލިބުނު މި ހާއްސަ ރޭ، ނަޖާއަށް މި ޖެހުނީ، ކަށިކުނބުރު ދާނެއްގައި އޮވެ، ޒަހަރުގެ ކޯވަރުތައް ދިރުވާށެވެ.

އެ އަނިޔާވެރި ރޭ ނަޖާގެ ހަޔާތުން ވަކިވެ ދިޔައީ، މަސްތުވާ ތަކެތީގެ މައްސަލައިގައި ސުހޭލު ހައްޔަރުކުރި ހަބަރު މުޅި ރަށަށް އާންމު ކުރުމަށްފަހުގައެވެ. ނަޖާގެ ދެ މައިންގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. ނަޖާ އިނީ ބޭރަށް ބޯ ދިއްކޮށްލަން ނުކެރިފައެވެ. މީހުން ކުރާނެ މަލާމާތާއި ފުރައްސާރަ ހިތަށް އަރާފައެވެ.

މެންދުރުފަހުގެ ވަގުތެވެ. ނަޖާ އިނީ ސިޓިންރޫމުގަ އެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. ފާރުވެފައެވެ. ބަނޑުހައިކަމުން ހަށިގަނޑުން ވަރުދެރަވާން ފަށާފަ އެވެ. އެހެންނަމަވެސް ކާހިތެއް ނުވެ އެވެ. މަންމައަށް ކާން ދީފައި އޭނާ އިނީ ބަނޑަށެވެ.

މި ހާލުގައި އޭނާ އިންދާ ގެއަށް އައިސް ވަންތަން ފެނުނީ، ފަރީދެވެ. ފަރީދަކީ ނަޖާ ވަރަށް ފޫހިވާ މީހެކެވެ. ފާޑަކަށް ނަޖާއާ އަޅައިގަނެގެން އުޅޭ މީހެކެވެ.

"ކޮބާ ކިހިނެއް ދިރިއުޅުން؟" އަހައިލުމެއް ކަހައިލުމެއް ވެސް ނެތި ގެއަށް ވަދެގެން އައިސް، ނަޖާގެ ގާތުގައި ޖައްސައިލައިފައި، މަލާމާތުގެ ގޮތަކަށް ހީނލަމުން ފަރީދު އެހިއެވެ.

ނަޖާ އަނގައަކުން ނުބުނެ އެވެ. ކުޑަމިނުން ފަރީދާ ދިމާއަށް ބަލައި ވެސް ނުލައެއެވެ.

"ހިތުން މޮޅުތަކެއް ވާނެކަމަށް ދޯ، އަހަރެން އާދޭސްކޮށްކޮށް ހުއްޓާ، ބީރައްޓެސަކާ ތި އިނީ. ކިހައި ދެރަ. ގައިމު މަށާ އިން ނަމަ، ތި ހުތުރު ބަދުނާމުން ސަލާމަތްވީސް."

ފަރީދުގެ މި ހިތި ޖުމުލަތައް އިވޭން ފެށުމާއެކު ނަޖާއަށް ހީވީ، އޭނާގެ ހިތުގައި ލެވިފައިވާ ފުން ޒަހަމްތައް، ތޫނު އެއްޗަކުން އިތުރަށް ފުންކުރާން ފެށިހެންނެވެ. އޭނާގެ ހިތުގެ ވޭން ގަދަވާންފެށިއެވެ. ދެ ލޮލުން ކަރުނަ އޮހޭން ފެށި އެވެ. ފަރީދަށް މަންޒަރުފެނެ އެވެ. ނަޖާގެ ލޮލުން އޮހޮރޭ ކަރުނަވީ، ފަރީދުގެ ހިތަށް ލިބެމުން ދިޔަ ކާނާއަކަށެވެ.

"މަ ނަމަވެސް ދެރަވާނެ! ކައިވެނީގެ ފުރަތަމަ ރޭ ވެސް ނުލިބުނު ވިއްޔަ. ޕާޓީން ބޮވުނު އެއްޗެއް ބޮވުނީ. އިތުރު އެއްޗެއް..."

"ކިހާ ބޮޑުކަމެއް ކަލެއާހެދި. ހަމަ މިހާރު މި ގޭން ނިކުމޭ!" މަންމައަށް އެއްވެސް އަޑެއް އިއްވާން ބޭނުން ނުވާތީ، ފަރީދާ ދިމާއަށް ބުނަން ބޭނުންވި ގޮތަކަށް، ނަޖާއަކަށް ނުބުނެވުނެވެ. އޭނާއަށް ރޮވިއްޖެއެވެ.

"އައްދޭ! ތި ވަރުގެ ލަދެއްގައި ބެދުނީމަ ވެސް ފުއްޕަނީތަ؟"

"އެންމެ ހިނދުކޮޅަކު ވެސް އެތަނުގައި އިންނާކަށް ނަޖާ ބޭނުމެއް ނުވި އެވެ. އޭނާ ރޮމުންރޮމުން ގޮސް، ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލި އެވެ. އެނދު މައްޗަށް ވެއްޓިގަތުމާއެކު ބާރަށް ރޮއިގަނެވުނެވެ.

މެންދަމުން އަލިވެ ދޭއް ޖަހަނީ އެވެ. އެތައް އިރަކު ނުނިދި ކަރުނައިގެ ބައިވެރިއެއްގެ ގޮތުގައި އޮތް ނަޖާއަށް ނިދުނު ފަހުން އަދި ފަނަރަ ވަރަކަށް މިނެޓު ވެސް ނުވާނެއެވެ. ހޭލެވުނީ މީހަކު ގައިގައި އަތްލުމުންނެވެ. ސިހިފައި ލޯ ހުޅުވައިލެވުނެވެ. އޭރު އޭނާއާ ދިމާއަށް ގުދަށް އޮތީ ފަރީދެވެ. ފަރީދުގެ ހުތުރު މޫނު ފެނިފައި، ނަޖާއަށް ފުންމައިގެން ތެދުވެވުނެވެ.

"ކަލޭ މި ތަނަށް ވެސް ވަނީތަ؟" ނަޖާއަށް އަވަސް އަވަހަށް އެނދުގެ ބިއްދޮށަށް ޖެހެވޭން ފެށުނެވެ. "ކީކޭ ހިތަށް އަރައިގެން ތި އުޅެނީ؟" ނަޖާގެ އަޑު ބާރުވިއެވެ.

"މާ ބާރަށް ހަޅޭއްލަވަން ނުހަދާ! މުސްކުޅި އަމަޔަށް އަޑުއިވުނީމާ މާ ތާހިރެއް ނުވާނެ!" ފަރީދު އެނދުގެ މަގަތުގައި ޖައްސައިލިއެވެ. "މަ މި އައީ ކަލެއަށް ގޯނާއެއް ކުރާކަށް ނޫން! ހަމަ އެންމެ ވާހަކައެއް ބުނެލަން. މިއަދު ކޮޓަރިއަށްވަދެ ފިލީމަ ނުބުނެވުނު އެއް ވާހަކަ އޮތީމަ."

"ކިހިނެއް މި ކޮޓަރިއަށް ވަނީ؟" ފަރީދު ދެއްކި ވާހަކައަށް ސަމާލުކަންނުދީ، ސިކުނޑީގައި އެނބުރެމުން ދިޔަ ސުވާލު، ނަޖާކުރިއެވެ. ފަރީދު ރިސޯޓުން ކަނޑައިލީ ވެސް ރޭގަނޑު ދަންވަރު ފަތުރުވެރިއެއްގާތަށް ވަދެގެންނެވެ.

ޖަވާބުގައި ފަރީދު ދައްކައިލީ، އޭނާގެ ޖީބުގައި އޮތް ތަޅުދަނޑިފައްޗެވެ. އެއީ މީގެ ދެ ދުވަސްކުރީން ފެށިގެން ނުފެނިގެން އުޅޭ ތަޅުދަނޑިފައްޗެވެ. ގޭގެ ހުރިހައި ތަނެއްގެ ތަޅުދަނޑި އޭގައި ހުންނާނެ އެވެ. މިހާރު ނަޖާ ބޭނުންކުރަނީ ޑަބަލް ތަޅުދަނޑިއެވެ.

"އަހަރެން އެބަ ޖެހޭ ފާޚާނާއަށް ވަންނަން!"

ނަޖާ އެނދުން ފައިބައިގެން ގޮސް ފާޚާނާއަށް ވަނެވެ. ޖީބުގައި އޮތް ފޯނު ނަގައި، އަވަސް އަވަހަށް ކޮންމެ ވެސް މީހަކަށް މެސެޖުކޮށްލުމަށް ފަހު، ނަންބަރަކަށް ގުޅައިލިއެވެ. އެއަށްފަހު ކޯލް ކަނޑާނުލައި، ފޯނު ޖީބަށްލައިގެން ނިކުތެވެ.

"ގެނޭ ތި ތަޅުދަނޑިފަތި!" ނަޖާ އައިސް އެނދުމަތީގައި އިށީންނަމުން ބުންޏެވެ.

"ކާކު ކަލެއަށް ތި ތަޅުދަނޑިފަތި ދިނީ."

"ނަޖާދެކެ އަހަރެންވާ ލޯބި." ފަރީދު އިނީ ނުލަފާ ފާޑަކަށް ހިނިއައިސްފައެވެ. "ތި ލޯތްބަށް ޓަކައި އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ!"

"ކަލެއަކަށް ނުޖެހޭނެ މި ގޭ ތަޅުދަނޑިތައް ވަގަށް ނަގާކަށް."

"ތަޅުދަނޑި އެކަންޏެއް ނޫން! އަދި ކަލޭ ވެސް ވަގަށް ނަގާނަން! އެހެންނޫނީ މަ ދައްކާ ވާހަކަ އަޑުއަހާ!"

"ކިހާ ބޮޑުކަމެއް ކަލެއާހެދި. ކިހާ ބޮޑު އުނދަގުލެއް!" ނަޖާ އިނީ ވަރަށް ރުޅިއައިސްފައެވެ.

"ޑްރަގް ޑީލަރެއްގެ ކިބައިން ސަލާމަތްކޮށްދިނީމާ ވެސް އުނދަގުލަކަށްތަވީ؟" ފަރީދު ހޭންފެށިއެވެ.

ނަޖާގެ ލޮލުން ކަރުނަ ހިލުނެވެ. ސުހޭލަކީ އޭނާގެ ފިރިމީހާ އެވެ. އެ ފަދަ ނަމަކުން އޭނާގެ ފިރިމީހާއާ މުޚާތަބުކުރެވިދާނޭ ކަމަކަށް، އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެ އެވެ. އޭނާ އަބަދުވެސް އެދެމުން އައީ ހެޔޮލަފާ ސާލިހު ފިރިއަކަށެވެ.

"އައިސްބަލަ މި ކޮޅަށް!"

ނަޖާގެ ގާތަށް ފަރީދު ޖެހެންފެށި އެވެ. ނަޖާ ފުންމައިގެން ކޮޅަށް ތެދުވި އެވެ. އެ ވަގުތު އެއްލި އަތަކުން ނަޖާގެ އަތުގައި ފަރީދު ހިފެހެއްޓިއެވެ.

"ގައިގައި އަތް ނުލާ!" ފަރީދުގެ ކަންކަށިމަތީގައި، ނަޖާގެ އަނެއް އަތުން ހޫނު އެތިފަހަރެއް އަޅައިލިއެވެ. ފިތްނަގާ ވަރަށެވެ.

ފަރީދުގެ މޫނުމައްޗަށް އަނދިރިވެގެން ދިޔަ އެވެ. ވީ ތަދެއްގެ ބޮޑުކަމުން، އޭނާ ކުޅަނދުރަކަށް ވެއްޖެއެވެ. ފުންމައިގެން ތެދުވެ، ނަޖާގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅައިލުމަށް ފަހު، ޖެހި ލަތްކާއެކު، ނަޖާ އައިސް އޭނާގެ ގައިގައި ތަތްވިއެވެ. ވީތަދާއެކު "އައްދޯތް"އޭ ކިޔައި ނަޖާއަށް ރޮއިގަނެވުނެވެ.

"ހީކުރީތަ ބޭނުންހައި ކުޅިއެއް ކުޅެވޭނެކަމަށް. ތި ދިން އަނިޔާގެ ބަދަލު ނުހިފައިފިއްޔާ މަށަކަށް ފަރީދެކޭ ނުކިޔާނެ!"

ކެއުމާ ދުރުގައި އުޅެވޭ ދުވަހެއްކަމުން، ނަޖާގެ ގަޔަކު ވަރެއް ނެތެވެ. އެހެންކަމުން ވަރަށް ފަސޭހަކަމާއެކު ގެންގޮސް، ނަޖާ އެނދުމައްޗަށް ވައްޓާލައިފިއެވެ.

ނަޖާ ރޮއިގަތް އަޑު ކޮޓަރީގައި އޮތް ނަޖާގެ މަންމަގެ ކަންފަތަށް ފޯރައިފި އެވެ. އެއާއެކު މަންމަގެ މެރިފައިވާ ދެ ލޯ ބޮޑުވިއެވެ. ގައިގައި ނެތް ހަކަތަ ލައިގެން ވެސް އެނދުން ތެދުވެވޭތޯ މަސައްކަތްކުރިއެވެ.

ނަޖާގެ ގައިމައްޗަށް އަށްޑިހަ ތިން ކިލޯގެ ބުރަދަން އެރުމާ އެކު، އޭނާއަށް ނޭވާ ވެސް ނުލެވުނެވެ. ފަރީދުގެ ފާހިޝް މަގުސަދު ހާސިލުކުރުމަށް އޭނާ ތައްޔާރުވަމުން ދަނިކޮށް، އިވުނީ ދޮރުފަތުގައި ތަޅައިގަތް އަޑެވެ. ފަރީދު ފުންމައިގެން ތެދުވި އެވެ. ލިބުނު ހަނިހަނި ފުރުސަތުގައި، އަވަސްއަވަހަށް ނަޖާ ތެދުވެގެން ދޮރާ ދިމާއަށް ދުއްވައިގަތެވެ.

ދޮރު ހުޅުވިއިރު ދޮރުމަތީގައި ތިބީ ތިން ފުލުހުންނެވެ. އޭރު ވެސް އެ ތަނުން ފުލުހަކު ހުރީ ފޯނެއްގައެވެ. އޭނާ ފޯނު ބޭއްވީ، ނަޖާ ކޮޓަރީ ދޮރު ހުޅުވާފައި ނިކުތްފަހުންނެވެ. އެ ވަގުތު ފަރީދު މަސައްކަތްކުރީ، ކުޑަ ދޮރުން ފުންމާލައިގެން ބަޗާށެވެ. އެހެންނަމަވެސް ފުލުހުން ހުޝިޔާރުކަމާއެކު، އޭނާ އަތުލައިގަތެވެ. ބިޑި އަޅުވައިގެން ޖިޕްގައި ނައްޓައިލީ، އިތުރު ސުވާލަކަށް ބޭނުނުވާތީއެވެ.

ފަތިސްނަމާދަށް ގޮވައިފި އެވެ. ތުއްތު ކުއްޖަކު ފަދައިން މަންމަގާތުގައި ރޮއިލަރޮއިލާ ނަޖާ އޮތެވެ. މަންމަގެ ހިތް ވެސް އޮތީ ހިތާމައިގެ ފުން ކަނޑަކަށް ގެނބިފައެވެ. އެ ހާލުގައި އެ ދެމައިން ތިއްބާ ފެނުނީ ސުހައިލް އައިސް ގެއަށް ވަންތަނެވެ. ސުހައިލް ފެނުމާއެކު ނަޖާއަށް ހީވީ، ހުވަފެނެއް ފެންނާންފެށިހެންނެވެ. ހުވަފެނެއް ނޫންކަން ކަށަވަރުވުމާ އެކު، ނަޖާއަށް ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ގޮސް ސުހައިލްގެ ގައިގައި އޮޅުލައިގަނެވުވެ. ރޮއިގަންނަމުންނެވެ. ސުހޭލަށް ވެސް ނަޖާގެ ގައިގައި ލޯތްބާއެކު ބައްދާލެވުނެވެ. އެ ވަގުތު ހީވީ ނަޖާ ކަރަންޓުގައި ޖެހުނުހެންނެވެ. ސުހޭލުގެ ގައިން ދޫކޮށްލުމަށްފަހު ދުރަށް ޖެހުނެވެ.

"އަހަރެން ބޭނުމެއް ނޫން ތިކަހަލަ މީހަކު." ނަޖާއަށް ގިސްލެވެއެވެ. "އަހަރެން ވަރިކުރޭ!" ނަޖާ އެ ހުރިތަނަށް ތިރިވެ އަޑުން އަޑުނަގައި ރޯންފެށި އެވެ.

"ނަޖާ!" ސުހޭލު ގޮސް ނަޖާގެ ގާތުގައި އިށީނދެ، އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. ނަޖާ ހަޅޭއްލަވައިގަންނަމުން، ވަގުތުން އަތް ފޮޅުވައިލިއެވެ.

"މަގޭ ގައިގައި އަތްނުލާތި! އަހަރެން ވަރިކޮށްފަ މިގޭން ނިކުމެގެން ދާން އުޅޭ! ތީ ބޮޑު މަކަރުވެރިއެއް. ތީ މަގޭ ފިރިއެއް ނޫން!"

"ނަޖާ! ހެޔޮނުވާނެ! ތި ރުޅިގަނޑު މަޑުކޮށްފަ، މަ ދައްކާ ވާހަކަ ވެސް އަޑުއަހާބަލަ!"

އެތައް ވަރަކުން ނަޖާ ކުޑަކޮށް ހަމައަކަށް އެޅުމުން، ކަންވީ ގޮތް ސުހޭލު ކިޔައިދޭންފެށިއެވެ.

މި ހުރިހައި ނުބައެއްގެ ފަހަތުގައި ހުރި މީހަކީ ފަރީދެވެ. ނަޖާގެ ކޯލުން ފުލުހުންނަށް އިވުނު އަޑުތަކާއި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކުގެ ފިންގާޕްރިންޓާ މި ހުރިހައި އެއްޗަކުން ފަރީދު ވަނީ ގާނޫނީ ގޮޅިއަކަށް ފެތި ނިމިފައެވެ. ފުލުހުންގެ ސުވާލުތަކާ ހަމައިން އޭނާ ވީ އަގުޅިނެތް ކަންނޭލަކަށެވެ. އެ ކަމަށް އިއުތިރާފް ވެސްވީއެވެ.

މި ވާހަކަތައް އަޑުއަހާން ނަޖާ ހުރިއިރު، އޭނާގެ ދެ ލޮލުން ހިފެހެއްޓުމެއް ނެތި، ކަރުނަ އޮހެމުންދެ އެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ސުހޭލުގެ ފެންކަޅިވެފައިވާ ދެ ލޮލަށެވެ.

"ދެން ކީއްވެ ފުލުހުންގާތު އެހައި ފަސޭހައިން އެއްބަސްވީ؟"

"ނަޖާއަށް ޓަކައި. އަހަރެން ހަވާލު ނުވެއްޖިއްޔާ ނަޖާ ކުށްވެރިވާނީ. ނަޖާ ހައްޔަރުކުރާނީ. އެހެންވާން ނޭދޭތީ."

ނަޖާއަށް ބޭއިހުތިޔާރުގައި އައިސް، ސުހޭލުގެ ގައިގައި އޮޅުލައިގަނެވުނެވެ. ރޮމުން މާފަށް އެދެމުންނެވެ. ސުހޭލު ކަހަލަ ދެވަނަ އިންސާނަކު ހުންނާނޭ ހެއްޔެވެ؟ ނަޖާގެ ގައިގައި ސުހޭލު ބައްދާލިއެވެ. ދުވަހަކުވެސް ވަކި ނުވާނޭކަމަށް ބުނަމުންނެވެ. (ނިމުނީ)