ރަސްމާލެގެ 500 ހެކްޓަރުގެ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގެއް ހުޅުވުމަކީ ނުރައްކަލެއް އޮތް ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.
އިޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެންދީންތަކުގެ މީހުން ވަޒަންވެރި ވާނެ މަގެއް ހުޅުވިގެން ދިޔުމުން ނުރައްކާވާނެ ކަމަށާއި އެކަން ނުކުރެއްވުމަށް ރައީސް މުއިއްޒަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެންދީންތަކުގެ މީހުން ވަޒަންވެރި ވާނެ މަގެއް ހުޅުވިގެން ދިޔުމަކީ އިންތިހާ އަށް ނުރައްކާތެރި ކަމެއް. މިފަދަ ކަމެއް ނުކުރެއްވުމަށް ރައީސް މުއިއްޒު އަށް އިލްތިމާސް ކުރަން،" އިޔާޒު ވިދާޅުވި އެވެ.
ރަސްމާލެ ޑީލުގެ ފަހަތުގައި އަޑިނޭނގޭ އެތައް ކަމެއް ހުރި ކަމަށް ތުހުމަތު ކުރެވެމުންދާއިރު، އެކަންކަމުގެ ހަގީގަތް ބަޔާންކޮށް ސާފުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އިޔާޒް މީގެ ކުރިން ވިދާޅުވި އެވެ.
އިޔާޒް ކުރިން ވިދާޅުވީ އެއްވެސް ކަމެއް ނުފޮރުވާ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި ކަމަށާއި ވައުދާ އެއްގޮތަށް އެމަނިކުފާނު އަމަލުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.
ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. ގައުމީ ހަރަކާތުން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.






