ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި ދެ އިމާރާތެއްގައި ޑިސެމްބަރު 12، 2024، ގައި އަލިފާން ރޯވިއިރު ހައުސިން މިނިސްޓްރީގެ ސާވާ އެއްކޮށް އަނދައިގެން ދިޔުމުން އެ މިނިސްޓްރީން 2023 ވަނަ އަހަރު ހަރަދުކުރި 120 މިލިއަން ރުފިޔާއާ ގުޅޭ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
މިއަދު ނެރުނު ހައުސިން މިނިސްޓްރީގެ 2018 އިން 2023 ގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީގެ ސާވާ އެއްކޮށް ހަލާކުވެ، އޭގައި ރައްކާކޮށްފައިވާ މާލީ ރިކޯޑުތައް އިއާދަނުކުރެވޭ ވަރަށް ނެތިގޮސްފައިވާ ކަމަށެވެ.
"މި ހާދިސާ ހިނގިއިރު، ވުޒާރާގެ އިމާރާތުން ބޭރުގައި މާލީ ރެކޯޑުތަކުގެ ބެކަޕް ކޮޕީއެއް ބަލަހައްޓާފައިނުވުމުން ސާވާގައި ރައްކާކޮށްފައިވާ ލިޔެކިޔުންތައް ރިކަވާ ކުރެވިފައިނުވާކަން ފާހަގަކުރަން،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ ސަބަބުން 2023 ވަނަ އަހަރު ޑީއެންއާރުން ހަރަދުކޮށްފައިވާ 6.5 މިލިއަން ރުފިޔާއާ ގުޅޭ ލިޔެކިޔުންތައް އޮޑިޓަށް ލިބިފައިނުވެ އެވެ. އޭގެ ތެރޭގައި ހަރަދުތަކާއި ގުޅޭ ބިޑު ޕްރޮޕޯސަލްތަކާއި، ބިޑް އިވެލުއޭޝަން ޝީޓުތަކާއި، ބިޑް ކޮމިޓީގެ ނިންމުތަކުގެ ލިޔެކިޔުންތައް ނެތް ކަމަށެވެ.
"މުސާރައިގެ ގޮތުގައި ވުޒާރާއިން ހަރަދުކޮށްފައިވާ 114،205،149ރ. އާ ގުޅޭ ލިޔެކިޔުންތައް އޮޑިޓަރުންނަށް ލިބިފައި ނުވާކަން ފާހަގަކުރަން. ނަތީޖާއެއްގެ ގޮތުން މި ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ މަތިން ކޮށްފައިވާ ހަރަދުތަކެއްކަން ކަށަވަރުކުރެވިފައެއް ނުވޭ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ދެ އިމާރާތުގެ އަލިފާން ރޯވެފައި ހުރީ ސީލިންގުގެ އެކި ތަންތަނުގަ އެވެ. އެހެންވެ އެ ހުރިހާ ތަނެއް ހޯދައި ނިއްވަން ސިފައިންގެ ފަޔާ ފައިޓަރުންނަށް އުނދަގޫވި ކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ. ހައުސިން މިނިސްޓްރީގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަ ކުރިން ވެސް އުޅޭކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.







