އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ، އޭނާ ދިހަ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވަވަމުން ފަނޑިޔާރު ޖޮއެލް ބެނަތަން ވަނީ ބްރޭންޑަކީ ޖިންސީ ޝިކާރަވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާގެ ކިބައިގައި ހުރި ބޮޑާކަމާއި ކަންކަމަށް ދޭ ފަރުވާކުޑަކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އުމުރުން 51 އަހަރުގެ ބްރޭންޑްގެ މައްޗަށް އިއްވި ހުކުމުގެ ތަފްސީލަށް ބަލާއިރު، 2009 ވަނަ އަހަރު އޭނާގެ ގޭގައި 21 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މީގެ އިތުރުން 2004 އާއި 2009 އާ ދެމެދު ތަފާތު ތިން އަންހެނަކަށް ޖިންސީ ގޯނާކުރި ތިން މައްސަލައެއްގައި 18 މަސް، ނުވަ މަސް އަދި އަށް މަހުގެ ޖަލު ހުކުމްތަކެއް ވަނީ އިއްވާފަ އެވެ. މި ހުރިހާ ހުކުމެއްގެ ޖުމްލައަކީ ދިހަ އަހަރާއި ހަ މަސް ދުވަހެވެ.
ހުކުމް އިއްވި ވަގުތު ބްރޭންޑްގެ ފަރާތުން އެއްވެސް އަސަރެއް ފެނިފައެއް ނުވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް ޖަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ ކޯޓުގައި ހުރި އޭނާގެ އަންހެނުން ލޯރާ ބްރޭންޑަށް "ލޯބިވެޔޭ" ބުނެ އިޝާރާތްކޮށްފަ އެވެ.
ގާނޫނީ އުސޫލުތައް ބުނާގޮތުން ބޮޑެތި ޖިންސީ ކުށްތަކުގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާ މީހުންނަށް، ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން މިނިވަންވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބްރޭންޑް ހަތް އަހަރަށްފަހު މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ ދޫކޮށްލެވޭނީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. އޭނާގެ މައްޗަށް އިއްވި ހުކުމަކީ އަވަހަށް މިނިވަންކުރާ ސްކީމްގެ ދަށުން ލުއި ލިބޭނެ ހުކުމެއް ނޫނެވެ.
މި މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދިން އަންހެނުންގެ ހިތްވަރަށް ފަނޑިޔާރު ވަނީ ތައުރީފު ކުރައްވާފައެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ބްރޭންޑްގެ މަޝްހޫރުކަމުގެ ސަބަބުން އޭނާ ގަބޫލުކޮށްގެން ހުރީ އަންހެނުންގެ ނޫނެކޭ ބުނުމުގެ ހައްގަށް އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އޭނާގެ ވަށައިގެން އުޅުނު މީހުންވެސް އޭނާގެ މި ނުބައި އަމަލުތަކަށް ހިތްވަރުދީފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ބްރޭންޑްގެ މި އަމަލުތައް ފަޅާއަރާފައިވަނީ 2023 ވަނަ އަހަރު ނޫސްވެރިން ކުރި ތަހުގީގުތަކަކަށް ފަހުގައެވެ.
ކޯޓުގައި އަނިޔާ ލިބުނު އަންހެނުން ދިން ބަޔާންތަކުގައި ބުނެފައިވަނީ ބްރޭންޑްގެ އަމަލުތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ދާއިމީ ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނަފްސާނީ ބަލިމަޑުކަމާއި، މީހުންނަށް އިތުބާރު ނުކުރެވުމާއި، އަދި ބައެއް މީހުންނަށް ބަލިޖެހިދާނެކަމުގެ ބިރުވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނުކަން ވަނީ ހާމަކޮށްފައެވެ. އެއް އަންހެނަކު ބުނި ގޮތުގައި ބްރޭންޑަކީ އެއްވެސް ދެރަވުމެއް ނެތް ޖިންސީ ޝިކާރަވެރިއެކެވެ.
ހަތަރު ހަފުތާގެ ޝަރީއަތަކަށްފަހު ބްރޭންޑްގެ މައްޗަށް މި ހުކުމް އިއްވިއިރު، އޭނާގެ މައްޗަށް ކުރެވުނު ރޭޕްގެ އިތުރު ދެ ދައުވާއަކާއި ޖިންސީ ގޯނާގެ އެއް ދައުވާ ސާބިތެއް ނުވެއެވެ. މި ހުކުމާއެކު ބްރޭންޑްގެ ނަން ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ހިމެނިގެންދާނެއެވެ. ބްރޭންޑްގެ ދިފާއީ ވަކީލުން ވަނީ އޭނާގެ އަހުލާގު ރަނގަޅުކަމަށް ބުނެ ބައެއް މީހުން ދީފައިވާ ހެކިބަސްތައް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާ ކޮށްފައިވާ ކުށްތަކުގެ ސީރިއަސްކަމަށް ބަލައި ބޮޑު އަދަބެއް ދިނުމަށެވެ.







