ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ތަރައްގީކޮށް އެ ތަނަކީ މުނިފޫހި ފިލުވޭނެ ކަންކަން ވެސް ކުރެވޭނެ ގޮތަށް އޮންނަ ހިތްގައިމު ތަނަކަށް ހަދަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މި ގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
“ގަލޮޅު ދަނޑު އަޅުގަނޑުމެން ނިންމާފައި މިވަނީ ރީޕާޕަސް (އިތުރަށް ތަރައްގީކޮށް ތަފާތު ކަންކަމަށް ބޭނުންކުރަން) ނުވަތަ ރީފިޓް ކުރަން. ފިހާރަތައް ނަގާ، މަގު ވޯކިން ޕާތުވޭއަކަށް ހަދާ މަގު ފުޅާކޮށް، ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގާ އައު ޕިޗެއް އަޅަން. ސިޑިބަރިވެސް ހަދާ، ފުޓްބޯޅަ އާއި ކުޅިވަރު ހަރަކާތްތައް އަދި އެހެނިހެން މުނިފޫހިފިލުވުމުގެ ކަންކަންވެސް ކުރެވޭނެ ހިތްގައިމު ވެނިއުއަކަށް ދަނޑު ބަދަލުކުރެވޭނެ.” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގަލޮޅު ދަނޑު ތަޅާލުމަށް ފަހު ތަރައްގީ ކުރަނީ އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ ތަނެއް ގޮތަށް
މި އަހަރުގެ ޖެނުއަރީ މަހު، ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ގަލޮޅު ދަނޑާ ގުޅޭ ގޮތުން އަމާޒުވި ސުވާލަށް ދިން ޖަވާބުގައި މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގެ ގައުމީ ސްޓޭޑިއަމް ބަދަލުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް އެކަކަށް ކަމަށް ހާމަކުރައްވާފަ އެވެ. އަދި، ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށް ފަހު އެ ތަން ތަރައްގީ ކުރާނީ އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ ތަނެއްގެ ގޮތުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އޭރު ވިދާޅުވި އެެވެ.
"ގަލޮޅު ދަނޑަކީ ވެސް މިހާރު އެ ތަން ތަޅާނުލައި އެހެން ގޮތަކަށް ބަދަލުނުކޮށް ބައިންދާ ވަރުގެ ތަނެއް ނޫން. އެ ތަން އިރާދުކުރެއްވިއްޔާ ތަޅާލާފައި އެ ތަން ތަންކޮޅެއް އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭ ތަނެއްގައި، އެހެން ނަމަވެސް ކުޅިވަރު ކުޅޭ ތަނެއްގެ ގޮތުގައި ބޭންދުން އަމާޒަކީ،" ރާފިއު ވިދާޅުވި އެވެ.
ގަލޮޅު ދަނޑަށް މި ގެނެވޭ ބަދަލުތަކާއި ހުޅުމާލޭގައި ގާއިމްކުރާ ގައުމީ ސްޓޭޑިއަމްގެ މަސައްކަތް މިހާރު އޮތް ހިސާބަކާ ގުޅޭގޮތުން ސުވާލުކުރުމުން ރާފިއު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ސްޓޭޑިއަމްގެ ކޮންސެޕްޓް ކުރެހުން ނިމިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި މި މަސައްކަތް ފެށުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. އަދި ގަލޮޅު ދަނޑު މިހާރު ހުރިތަން ތަޅާލައި، މި ދެންނެވިހެން، އާ ކޮންސެޕްޓަކަށް، އެ ކޮންސެޕްޓް ވެސް ވަނީ ހެދިފައި، އާ ކޮންސެޕްޓަކަށް އެ އަށް ވުރެން ކުޑަ ސްކޭލެއްގައި އަޅުގަނޑުމެން ކުރިއަށްގެންދަން،" ރާފިއު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ދަނޑެއް އެޅުމުގެ މަސައްކަތްތަކެއް ކުރަން އިއުލާނުކުރި އެވެ. އެ ގޮތުން، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖެއްސި އެވެ.
އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން، 2021 ވަނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ހިމެނި އެވެ. އޭގެ ފަހުން، އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރަން ބެލި ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނުޖެހުނެވެ.






