ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި އޮއްވައި، މާލެ ޓްރެކްގައި އިވެންޓެއް ބާއްވަން ދިނުމާ އެކު، ޓްރެކް ގަވާއިދުން ބޭނުންކުރަމުން އަންނަ ފަރާތްތަކާއި އެެކަޑަމީތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ މަހުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކް ވަނީ ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ބަންދުކޮށްފަ އެވެ. އެއާ އެކު، ގައުމީ އެތުލީޓުންނާއި އެތުލެޓިކްސްގެ އެކަޑަމީތަކާއި ޕްރެއިވެޓްކޮށް ފިޓްނަސް ޓްރެއިނިން ނަގާ ފަރާތްތަކާއި އާންމުން ޓްރެއިނިން ބޭއްވުމާއި ކަސްރަތު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަނީ މާލޭ ކުޅިވަރު އެކުވެެނީ ސިންތެޓިކް ޓްރެކުގަ އެވެ.
އެކަމަކު، މި މަހު 14 ވަނަ ދުވަހުގެ ރޭގައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން، އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރަން ބާއްވާ ރަސްމިއްޔާތު ބާއްވަން، އެކުވެނި ޓްރެކުގައި ވަނީ ސްޓޭޖަކާއި އިންޑޯ ޓެންޓެއް އަޅައިފަ އެވެ. އަދި، އެތަންތަން އަޅާފައިވަނީ، ދުވާ ޓްރެކު މަތި ވެސް ބޭނުންކުރާ ގޮތަށް ކަމަށްވާތީވެ، އެތައް ބޭނުންކުރާ ފަރާތްތަކަށް އިންތިހާ އަށް އުނދަގޫތައް ވަނީ ކުރިމަތިވެފަ އެވެ.
ރާއްޖޭގެ ކުޅިވަރާ ބެހޭ ކަންކަމުގައި ސޯޝަލް މީޑިއާގައި ލައިވްތައް ގެނެސްދީ އާންމުން ހޭލުންތެރިކުރުމުގައި ހަރަކާތްތެރިވަމުން އަންނަ، މަޝްހޫރު ދުވުންތެރިޔާ، އަދި ނަސީރު ސްޕޯޓްސް އެކަޑަމީގެ އިސް ހިންގުންތެރިޔާ، ނަސީރު އިސްމާއިލް ވަނީ މި ކަމާ ގުޅޭ ކަންބޮޑުވުންތައް އޭނާގެ ސޯޝަލް މީޑިއާގެ ލައިވެއްގައި ހިއްސާކޮށްފަ އެވެ.
އެ ގޮތުން، ނަސީރު ފާހަަގަކުރި މައިގަނޑު އެއް ކަމަކީ، ހުޅުމާލެ ޓްރެކު ވެސް ހަލާކުވެގެންދާން ދިމާވި އެންމެ ބޮޑު ސަބަބަކީ ތަފާތު އިވެންޓްތައް ބޭއްވުމަށްޓަކައި، ވެހިކަލްތައް ވައްދައިގެން ސިންތެޓިކް މަތީގައި ދުއްވައި އެކި ކަހަލަ ކަންކަން ކުރުން ކަމަށެވެ. އަދި، އެ ގޮތަށް މާލޭ ކުޅިވަރު އެކުވެނި ޓްރެކު ވެސް އެކި އިވެންޓްތައް ބާއްވަން އެ މަތީގައި ވެހިކަލް ދުއްވައި ކަންކަން ކުރުމަކީ ކުޅިވަރަށް އިސްކަންދޭ ބަޔަކު ކުރާނެ ކަމެއް ނޫންކަން ނަސީރު ވަނީ ފާހަގަކޮށްފަ އެވެ.

އެތުލެޓިކްސްގައި ހިންގުންތެރި ކްލަބެއް ކަމަށްވާ، ރަން އިން މޯޑް އެތުލެޓިކްސް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ޓްރެކް ބަންދުކޮށްފައި އޮއްވައި، ސަރުކާރުގެ އިވެންޓެއް ބޭއްވުމަށްޓަކައި މާލޭ ޓްރެކް މިހާރު ބޭނުންކުރަމުން އަންނަ ގޮތުގެ ސަބަބުން، އެތުލީޓުންނަށް ރަނގަޅަށް ބޭންކުރެވޭނެ އެއްވެސް ޓްރެކެއް މާލެ ސަރަހައްދުގައި ނެތް ކަމަށެވެ.
ދިރާގު ރޯޑް ރޭސް ފަދަ އިވެންޓެއް ބޯމަތީގައި އޮއްވައި، އެތުލީޓުން އެ އިވެންޓަށް ތައްޔާރުވާން ވެސް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި، ޓްރެއިނިން ކުރިއަށްގެންދަން މި ފަދަ ގޮންޖެހުން ބޮޑު ގޮތަކަށް ކަންކަން ދިމާވާތީ ކަންބޮޑުވާ ކަމަށް ވެސް ރަން އިން މޯޑް އިން ހިއްސާކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ކުޅިވަރު އިންފްރާސްޓްރަކްޗާތައް އެކިއެކި އިވެންޓްތަކަށް ދިނުމާ ގުޅިގެން، ގިނަ ގޮންޖުހުންތައް މީގެ ކުރިން ވެސް ކުރިމަތިވެފައިވެ އެވެ. މާލެ އެކުވެނި ޓްރެކް ދަނޑުގައި މީގެ ކުރިން ވެސް އެކި ފަހަރު އިވެންޓްތައް ބާއްވާފައިވާއިރު، ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި މިދިޔަ ދެ ސަރުކާރުން ވެސް އެކި އިވެންޓްތައް ބާއްވާފައިވެ އެވެ.







