ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.
ޅައިމަގު ކައުންސިލްގެ ނައިބުރައީސް އާދަމް އަޒުމް އަދަދު އަށް ވިދާޅުވީ ރަށުގެ ބޮޑު މަގު އުތުރު ފަރާތުން އެރި އެ ނަގޫރޯޅިން އުތުރު ފަރާތުގައި ހުރި ގެތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ގެތަކުގެ ފުރާޅާއި ގަސްތައްވެސް ވެއްޓިފައިވާ ކަމަށެވެ.
"ގެއްލުންތައް އަޅުގަނޑުމެން މިދަނީ ޓީމެއް ނެރެގެން ސާފުކުރަމުން. ނަގޫރޯޅި އަރައިގެން ލައްވާލި ތަނެއްވިއްޔާ ހިފައިގެން ދިޔައީ. ފުރާޅެއްވިޔަސް، ގަހެއްވިޔަސް. ރަށުގެ ބޮޑު މަގު އުތުރު ފަރާތުގައި ހުރި ހުރިހާ ގެތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
އާދަމް އަޒުމް ވިދާޅުވީ ނަގޫރޯޅި އެރުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލި ހާދިސާއެއްގައި މީހެއްގެ ބޯފަޅައިގެން ދިޔުމާ ގުޅިގެން އޭނާއަށް ޅައިމަގު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ނަގޫރޯޅި އެރުމާ ހަމައަށް ޅައިމަގަށް މޫސުން އެހާ ގޯސް ނޫންކަން ފާހަގަކުރައްވާ އާދަމް އަޒުމް ވިދާޅުވީ މިހާރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދާ ކަމަށެވެ. އެގޮތުން ފުރާޅު އެއްލާލި ގެތަކަށް އިތުރު ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ޅައިމަގަށް ނަގޫރޯޅި އަރައި ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބޭއިރު، ލިބުނު ގެއްލުންތައް ކައުންސިލުން ސާފުކުރަމުންދާ ކަމަށެވެ.
ގާތްގަނޑަކަށް 900 އެއްހާ މީހުން ދިރިއުޅޭ ޅައިމަގުގައި އެއް ގެސްޓްހައުސް ހުރެ އެވެ.







