ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އާބާދީ އޮޅުވައިލި ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކުން ދިފާއުވުމަށް ވަކީލެއް އައްޔަން ކުރުމުގެ ފަހު ފުރުސަތު އޭނާއަށް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ވަކީލަކު އައްޔަން ކުރަން އޮކްޓޯބަރު 5، ގައި ވެސް ކޯޓުން ސައުދަށް 10 ދުވަސް ދިނެވެ. އެކަމަކު، އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ތާވަލު ކުރި އަޑުއެހުމަށް އޭނާ ހާޒިރެއްނުވެ އެވެ. އަދި މިއަދުގެ އަޑުއެހުމަށް ވަޑައިގަތީ ވަކީލަކު އައްޔަންނުކޮށެވެ.
މިއަދުގެ އަޑުއެހުމަށް ވަކީލަކު ނުލައި ވަޑައިގަތުމުން އަދި އެންމެ ފަހުން ތާވަލު ކުރި އަޑުއެހުމަށް ވަޑައިނުގަތުމުން ސައުދުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ ޝަރީއަތުން އެކަން ބަލައިނުގަންނަކަން ފާހަގަ ކުރައްވައިފަ އެވެ.
އެހެންނަމަވެސް ގާޒީ ވަނީ ވަކީލަކު އައްޔަން ކުރަން އިތުރު 10 ދުވަހުގެ ފުރުސަތެއް އަލުން ސައުދަށް ދެއްވައިފަ އެވެ. ނަމަވެސް އެ ދުވަހު ވަކީލަކާ ނުލައި ވަޑައިގަތް ނަމަވެސް މައްސަލަ ކުރިއަށްގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"ނޮވެމްބަު 10 އަކަށް ތާވަލު ކުރާނަން [ދެން އޮންނަ އަޑުއެހުން]. އެ ދުވަހު، ދައުވާ ލިބޭ ފަރާތުން ހާމަކުރަން ބޭނުންވާ ހެކިންނާ ދައުވާއަށް ޖަވާބުދާރީވާނެ ގޮތާއި މިކަންކަން [ބުނެދޭންވާނެ]. ވަކީލުންނާއެކު ހާޒިރުވާން ވާނީ. ވަކީލަކު ނުލައި އެ ދުވަހު ހާޒިރުވީ ކަމުގައިވިޔަސް އަމިއްލަފުޅަށް ވެސް މި ދެންނެވި ކަންކަން ކުރިއަށް ގެންދެވޭނެ،" ގާޒީ ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022، ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ.
އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށާވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.






