ރިޕޯޓުސަރުކާރުން ބޭނުންވަނީ ރައްޔިތުން ހޮވި މޭޔަރު ކުޑަގޮޅިއަށްލާން!

ސަރުކާރުން ބޭނުންވަނީ ރައްޔިތުން ހޮވި މޭޔަރު ކުޑަގޮޅިއަށްލާން!

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާތީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތުކުރައްވައެވެ. އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި މި ދައުވާ އުފުލާފައިވަނީ، ސައުދު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން، އިދިކޮޅު ލީޑަރުންނާއެކު ތިނަދޫގެ ޚާއްސަ މުނާސަބަތެއް ފާހަގަކުރެއްވިތަނާ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރެލީއެއްގައި ސައުދު ވާހަކަ ދައްކަވަނީ. ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް. --- ފޮޓޯ: އެމްޑީޕީ ތިނަދޫ
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރެލީއެއްގައި ސައުދު ވާހަކަ ދައްކަވަނީ. ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް. --- ފޮޓޯ: އެމްޑީޕީ ތިނަދޫ

ޒަމާނުއްސުރެ ހުވަދޫ އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް އަރުވާފައިވަނީ އޮގަސްޓު 30، 2023 ގަ އެވެ. މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރު އެ ރަށުގެ ރައްޔިތުން އިންތިހާބުކުރި ރަށު ކައުންސިލް އެ ދުވަހު ސިޓީ ކައުންސިލަކަށް ބަދަލުވެ ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޓީއަށް ތިނަދޫ ވެގެންދިޔަ އެވެ. އަދި ރަށު ރައީސްކަމުން ތިނަދޫ ސިޓީގެ ފުރަތަމަ މޭޔަރުގެ ގޮތުގައި ސައުދު އަލީއަށް ތާރީހުން ޖާގަ ލިބިގެންދިޔަ އެވެ. 

މި ސަރުކާރުން މަރުކަޒު ކުރުމަށް އިސްކަންދީ ކައުންސިލްތަކުގެ ބާރުތައް އަތުލަމުންދިޔުމާ ދެކޮޅަށް ވަރަށް ފާޅުގައި ސައުދު ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. އޭނާގެ މައްޗަށް އެންމެ ފުރަތަމަ އައީ ސަސްޕެންޝަނެކެވެ. ޖޫން 25، 2025، ގައި ގާނޫނާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ތިން މަސްދުވަހަށް އޭނާ ސަސްޕެންޑުކުރި އެވެ. އެ ސަސްޕެންޝަން ނިންމާފައި އެނބުރި އައިސް ވެސް ސައުދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އޭރު ވެސް ސައުދުގެ މައްސަލައެއް އިދާރާތަކުން ދިޔައީ ބަލަމުންނެވެ. އެހެން ނަމަވެސް، ދެވަނަ ދައުރެއް ވެސް އެޕްރީލް 4، ގައި އޮތް ކައުންސިލް އިންތިހާބުގައި އޭނާ ކަށަވަރުކުރެއްވި އެވެ. އެ މައްސަލަ ކުރިއަށްނުގެންގޮސް އޮތުމަށްފަހު ކުއްލި ގޮތަކަށް އޮގަސްޓު 10، ގައި ސައުދު ފުލުހަށް ހާޒިރުކުރި އެވެ.

އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށް ސައުދު އޭރުވެސް ވިދާޅުވަމުން ގެންދެވީ އެއީ ސިޔާސީ ރޭވުމެއްގެ ދަށުން ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އެކަމުގެ އަޑީގައި ހުންނެވި ކަމަށް ސައުދު ތުހުމަތުކުރައްވަނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ އެވެ. 

މޭޔަރު ސައުދުގެ މައްޗަށް ހިންގި ތަހުގީގު ނިންމައި އޮގަސްޓު މަހުގެ މެދުތެރޭ ޕީޖީ އޮފީހަށް ފޮނުވި އެވެ. އޭރު ތިނަދޫއިން އައީ އެ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ވަރުގަދަ ތައްޔާރީތަކެއް ވަމުންނެވެ. ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އެ އިހުތިފާލުގައި ބައިވެރިވި އެވެ. އެއީ ރާއްޖޭގައި މިވަގުތު އޮތް އިދިކޮޅު ދެ ޕާޓީގެ ލީޑަރުންނެވެ. 

އެ އިހުތިފާލުތައް ނިމުނުތަނާހެން ސައުދުގެ މައްޗަށް ދައުވާ އުފުލި އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީއަކަށް ހުންނެވުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވި އައްބާސް ޝަރީފް އުފުލާފައިވާ ދައުވާތަކާއެކު ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ސައުދުގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ. އެއީ އޭނާގެ ގޮނޑި ގެއްލޭނެ ފަދަ ކަމެކެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ސައުދު ގަބޫލުކުރައްވަ އެވެ. ސައުދު އާއެކު މިކަމުގައި އެތައް ބަޔަކު އެއްބަސްވެ އެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަ އެޗވެ. 

"ސައުދުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާ އަނބުރާ ގެންދިޔުމަށް ގޮވާލަން. އިންތިހާބީ ކައުންސިލްތަކަށް ބިރު ދެއްކުން ބަލައެއްނުގަނެވޭނެ،" ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް އަބަދުވެސް ވަކާލާތުކުރައްވާ ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު އާއެކު ތިނަދޫއަށް ވަޑައިގެންނެވި ޔާމީން ވެސް ސައުދުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ސައުދުގެ މައްޗަށް ދައުވާ އުފުލުމަކީ ރައީސް މުއިއްޒުއަށް އެ ސިޓީ އެއްކޮށް ގެއްލޭނެ ކަމެއް ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ. 

"ސައުދުއާ ކުޅެލައިފިއްޔާ، އަޅުގަނޑަށް ގަބޫލުކުރެވޭ މުޅި ތިނަދޫ، މުޅި ދިނަދޫ މުއިއްޒުއަށާއި މި ސަރުކާރަށް ގެއްލުނީ، ގެއްލުނީ، ސައުދަކީ އެތާ ޕޮޕިއުލާ ބޭފުޅެއް، ސައުދަކީ އެތާ ޕޮޕިއުލާ ހިދުމަތްތެރި ބޭފުޅެއް،" ޔާމީން ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން ޖަލަށްލުމަށެވެ. ޖަލު ހުކުމެއްގެ ބިރު ދައްކައިގެން ސައުތު ފަހަތަށް ޖައްސާލެވޭނެ ކަމަށް ފައްޔާޒު ގަބޫލެއްނުކުރައްވަ އެވެ. 

"އެ މަސައްކަތް ކުރަނީ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މަންދޫބުން ޖަލަށްލުމަށް. ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ތަހުގީގެއް. މީގެ ފަހަތުގައި ވަނީ ތިނަދޫ ސިޓީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ދެވޭ ހަމަލާއެއް،" ފައްޔާޒު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބައިބޯ ހުރިހާ ސިޓީއެއްގެ މޭޔަރުންނަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ. ސައުދު އާއެކު ހުރިހާ މޭޔަރުން ވެސް ވެގެންދިޔައީ ދެވަނަ ދައުރެއް ކަށަވަރުކުރެއްވި، ސިޓީތަކަށް ގަދަ ސިޔާސީ ލީޑަރުންނަށެވެ. ސައުދުގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވި މީހުންގެ ތެރޭގައި މޭޔަރުން ހިމެނެ އެވެ.

"ތިނަދޫ ސިޓީއަކަށް ބަދަލުވީ ހަމަ އެކަނި މޭޔަރު ސައުދު ފޮނުވި އާބާދީގެ ލިސްޓަށް ބަލައިގެންތޯ. އަދި އެ ލިސްޓް ސައްހަނޫންނަމަ އެކަން އެންގުމަކީ ގައުމީ އެހެން އިދާރާތަކުން ކުރަން ނުޖެހޭ ކަމެއްތޯ. ގާނޫނީ ގޮތުން ނިމިފައިވާ މިފަދަ ބޮޑެތި ކަންކަމަށް އަރައިގަނެ މިފަދަ ކަންކަން ރޫޅާލަން މަސައްކަތްކުރުމަކީ ސަރުކާރަށް ގޮތްހުސްވެ މާޔޫސްވުމުން ކުރާނެ އެހެންކަމެއް ނެތުމުން 'މޮޔަ ބޮލަށް އެރުން ނޫން ދެންކޮންކަމެއްތޯ،" އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ. 

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވި ގޮތުގައި ސައުދުގެ މައްޗަށް ހިންގާފައިވަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތަހުގީގުތަކެކެވެ. ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އާޒިމް ވެސް ގޮވާލެއްވި އެވެ.   

"މި ފިޔަވަޅަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ސަރުކާރުން ހިންގަމުންގެންދާ މަސައްކަތްތަކުގެ ބޮޅެއް. ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ އަޑު ކަނޑުވައެއްނުލެވޭނެ. ބިރު ދެއްކުމާއި ސިޔާސީ ނުފޫޒުން ވެރިކަން ހިންގަން އުޅޭ މިފަދަ ހުދުމުހުތާރު ވެރިކަމެއް , ރައްޔިތުން ބަލައެއް ނުގަންނާނެ،" މޭޔަރު އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި އޮންނަ ސިޓީ ކަމަށްވާ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާފިތް ވެސް ވަނީ ސައުދުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އެ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ. 

"ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ އެކަން ކުރީ ސައުދު އަލީއެއް ނޫން، ސިޓީގެ ދަރަޖަ ހަގީގީ މާނާގައި ތިނަދޫއަށް ދެއްވީ ރައީސް މުއިއްޒު ކަމަށް އެމަނިކުފާނު ވިދާޅުވި ހަނދާނެއް އަޅުގަނޑުވޭ. ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އެކަން ކޮށްފައި ވާނަމަ އެކަމުގެ ފުރިހަމަ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަން ވާނެ،" އާތިފް ވިދާޅުވި އެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

ސައުދުގެ އްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022 ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށާވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ތިނަދޫގެ އާބާދީ ސައުދު އޮޅުވައިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި، އެ ރަށުގެ އާބާދީއާ ގުޅޭގޮތުން އިދާރާތަކަށް ފޮނުވި ލިސްޓު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ ލިސްޓު ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ މައުލޫމާތު ރިކޯޑު ކުރެވިފައި ނެތްކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި ހުރިހާ ތުހުމަތެއް ވެސް ސައުދު ދޮގުކުރައްވަ އެވެ. 

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox