އިއްޔެ ފަށަން ހަމަޖެހިފައި އޮތް ގައުމީ ވޮލީބޯޅަ މުބާރާތް އެއް ދުވަސް ފަސް ކުރަން ޖެހުނު ސަބަބަކީ، އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)އާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކުރަން ކްލަބްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.
ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރެއްގެ މެދުގައި ގައުމީ ވޮލީބޯޅަ މުބާރާތް ފަށަން ތާވަލުކޮށްފައި އޮތީ އިއްޔެ އެވެ، އެކަމަކު، އިއްޔެ މުބާރާތް ނުފެށި ފަހު ވަގުތު ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ކްލަބްތަކަށް ގެނެސްފައި ތިބި ބިދޭސީ ކުޅުންތެރިންގެ އައިޓީސީ ކަންކަމާ ގުޅޭގޮތުން ކުރިމަތިވި މައްސަލަތަކެއްގެ ސަަބަބުންނެވެ.
ވީއޭއެމް އިން ވަނީ މިހާރު މުބާރާތް މިއަދު ފަށަން ނިންމައި، މުބާރާތުގެ ޝެޑިއުލާއި ޓީމު ލިސްޓު ވެސް އާންމުކޮށްފަ އެވެ. އިއްޔެ މުބާރާތް ނުފެށި ފަސްވި ސަބަބާ ގުޅޭ ގޮތުން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، ވީއޭއެމް އިވެންޓް ކޮމިޓީގެ ޗެއާމަން، އަހުމަދު ނަޝީދު (ތުއްތުކޯ) ބުނީ، ގައުމީ މުބާރާތް އެއް ދުވަސް ފަސްކުރަން ޖެހުނީ، ކުޅުންތެރިންގެ އައިޓީސީ ކަންކަން ހައްލުކުރަން ކްލަބްތަކުގެ މެދުގައި އޮތް ކަންކަން ހައްލުކުރުުމުގެ ގޮތުން ކަމަށެވެ.
"ދެން، މީގެ މި ދިމާވި ކަމަކީ އައިޓީސީ ކަންކަން. އެފްއައިވީބީން އަޅުގަނޑުމެންނަށް އެންގީ، ބައެއް (ބިދޭސީ) ކުޅުންތެރިންގެ އައިޓީސީ ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް. އެހެންވެ، އެ ފުރުސަތު މި ދިނީ ކްލަބްތަކަށް. ދެން، ކްލަބްތަކަށް މީގެ އޮޅުން އެރި ކަމަކީ، ވަކި މުއްދަތަކުން ވަކި މުއްދަތަކަށް ދީފައި އޮތް އައިޓީސީއެއް އަލުން ބަދަލުކުރަން ދިނީ ކީއްވެތޯ. ދެން، މީގެ އެފްއައިވީބީން (އައިޓީސީ) ރިނިއު ކުރަން ޖެހޭ ކަމަށް ބުނީމަ، ޓީމުތަކަށް މި ފުރުސަތު ދޭން ޖެހުނީ ހައްލުކުރަން ހުރި ކަންތައްތައް،" ތުއްތުކޯ ބުންޏެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ، ކްލަބް އެޗްޑީސީ އާއި ކްލަބް އެމްޓީސީސީ އެވެ. މި މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީ ފައިނަލަށް ދާނެ އެވެ. މިރޭ ކުޅޭ މެޗުގައި، ގައުމީ ލީގުގެ ޗެމްޕިއަން އަދި މިދިޔަ އަަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ކުޅޭނީ ޕޮލިސް ކްލަބާ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނެ އެވެ. ތިން ވަނަ ސެމީ ފައިނަލް މާދަމާ ކުޅޭއިރު، ފައިނަލް މެޗު އޮތީ ހޯމަ ދުވަހުގެރޭގަ އެވެ.
ސީދާ ތިން ސެޓުން ކްލަބް އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި، މިދިޔަ އަހަރު މިލްކުކޮށް، ސީޒަނުގެ ތިން މުބާރާތް ދެ ވަނަ ފަހަރަށް ހޯދި ހަމައެކަނި ޓީމުގެ ރެކޯޑް ވަނީ ހަދައިފަ އެވެ. މި ފަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕް ފައިނަލުގައި ސިފައިން ބަލިކޮށް ތަށި ހޯދީ އެމްޓީސީސީންނެވެ. އެކަމަކު، ސިފައިން ވަނީ މި ފަހަރު ވެސް ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ.












