ޒެމްބިއާގެ އިދިކޮޅު ލީޑަރުގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިފި

Aug 30, 2026, 6:23 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޒެމްބިއާގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ އިދިކޮޅު ލީޑަރު ބްރަޔަން މުންޑުބީލްގެ މައްޗަށް ދައުލަތަށް ޚހިޔާނާތްތެރިވުމުގެ ދައުވާ އުފުލައިފި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

މުންޑުބީލް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ، ކަމާބެހޭ އިދާރާތަކުން ހިންގި ރޭޑަކަށް ފަހު ފިލައިގެން އުޅެނިކޮށެވެ.

ޒެމްބިއާގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު މުންޑުބީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވައި، މިހާރުގެ ރައީސް ހަކައިންޑޭ ހިޗިލެމާ ވަނީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފަ އެވެ.

މުންޑުބީލްގެ އެންއާރުޕީޔޫޕީ ޕާޓީން ހަތިޔާރު އެޅި ބަގާވާތެއް ރާވަމުންދާ ކަމަށް ސަރުކާރުގެ އިދާރާތަކުން ތުހުމަތު ކުރި ނަމަވެސް، އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ މުންޑުބީލްގެ ވަކީލު މިލްނާ ކަޓޯލޯ އިއުލާން ކުރެއްވި ގޮތުގައި، އޭނާގެ މުވައްކިލުގެ މައްޗަށް ވަނީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލައިފަ އެވެ. ކަޓޯލޯ "ޒެމްބިއަން އައި" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޯޓުގައި އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އިދިކޮޅު ލީޑަރު ހުންނެވީ ތައްޔާރަށް ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، މުންޑުބީލްގެ ރަނިންމޭޓް މަކެބީ ޒުލޫ ހިމެނޭހެން އިތުރު 17 މީހެއްގެ މައްޗަށް ވެސް ދައުލަތަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި، އޮގަސްޓް 13 ގައި ބޭއްވި އިންތިހާބުގައި މުންޑުބީލަށް ލިބިވަޑައިގަތީ 38 އިންސައްތަ ވޯޓެވެ. ރައީސް ހިޗިލެމާ ވަނީ 60 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.

ވޯޓުލުން ނިމުނުތާ އެއްދުވަސް ފަހުން، ސަލާމަތީ ބާރުތަކުން ވަނީ ވެރިރަށް ލުސާކާގައި ހުންނަ މުންޑުބީލާ ގުޅުންހުރި އިމާރާތަކަށް ވަދެގަނެފަ އެވެ. އެ ރޭޑުގައި ކުރީގެ ކެބިނެޓް މިނިސްޓަރަކު ބަޑިޖަހައި މަރާލާފައިވާއިރު، އިތުރު ސިޔާސީ ބޭފުޅުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަމަލާއަށް ފަހު، މުންޑުބީލާއި ޒުލޫ ހިމާޔަތް ހޯއްދެވީ އެ ސިޓީގައި ހުންނަ އދ. ގެ އޮފީހަކުންނެވެ. ނަމަވެސް، އެ ދެ ބޭފުޅުން ސަރުކާރާ ހަވާލުކުރުމަށް ރައީސް ހިޗިލެމާ އދ. އަށް ފިއްތުންތައް ކުރިމަތިކުރެއްވުމާ ގުޅިގެން، އެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިންތިހާބުގެ ނަތީޖާ ގޮންޖަހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ވަނީ ގެއްލިފަ އެވެ. އެއީ މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމަށްވާ މިދިޔަ ހޯމަ ދުވަހު، ސަރުކާރުގެ އިދާރާތަކުން ކޯޓުތައް ބަންދުކޮށްފައި ހުރުމުންނެވެ.

ރައީސް ހިޗިލެމާގެ ދެވަނަ ދައުރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

ސަރަހައްދީ އަދި ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނާ ގޮތުގައި އިންތިހާބު ކުރިއަށްދިޔައީ އަމާންކަމާއެކުގަ އެވެ. ނަމަވެސް، އިންތިހާބާ ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލައިގައި ޒެމްބިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ޒިންމާ އުފުލުމަށް ގޮވާލައިފަ އެވެ.

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox