ޓީ-ރެކްސްއެއްގެ ކަށިގަނޑު ރެކޯޑު އަގަކަށް ވިއްކާލައިފި

Jul 15, 2026, 7:30 AM
ފޮޓޯ: މެތިއު ޝާމަން

ފޮޓޯ: މެތިއު ޝާމަން

ނިއުޔޯކުގައި ހުންނަ ސަދަބީޒް އޯކްޝަން ހައުސްގައި ބޭއްވި ނީލަމެއްގައި، 67 މިލިއަން އަހަރުވީ ޓައިރަނޯސޯރަސް ރެކްސް (ޓީ-ރެކްސް) އެއްގެ ކަށިގަނޑު 50.1 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ.

މިއީ މިހާތަނަށް ޑައިނަސޯއެއްގެ ކަށިގަނޑު ވިއްކާލި އެންމެ ބޮޑު އަގު ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.

ސަދަބީޒް އިން ހާމަކޮށްފައިވާ ގޮތުގައި، ނުރައްކާތެރި ޝިކާރަވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ޖަނަވާރުގެ ފޮސިލްގެ އުސްމިނުގައި 12 ފޫޓު (4 މީޓަރު) ހުރެ އެވެ. އަދި މިއީ މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ފޮސިލްތަކުގެ ތެރޭގައި ހިމެނޭ އެކައްޗެވެ. އެގޮތުން މި ޑައިނަސޯގެ ކަށިތަކުގެ 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ވަނީ ހޯދިފަ އެވެ.

Advertisement

އަންގާރަ ދުވަހު ބޭއްވި މި ނީލަމުގައި އެންމެ ބޮޑު އަގު ހުށަހަޅައިގެން މި ކަށިގަނޑު ގަތް ފަރާތަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ގަސް" ގެ ނަމުން ނަންދީފައިވާ މި ޓީ-ރެކްސް ފެނިފައިވަނީ 2021 ވަނަ އަހަރު އެމެރިކާގެ ސައުތު ޑަކޯޓާ ސްޓޭޓްގެ އެކަހެރި ސަރަހައްދެއްގައި އޮންނަ ދަނޑަކުންނެވެ.

ސަދަބީޒްގެ ވޯލްޑްވައިޑް ހެޑް އޮފް ސައިންސް އެންޑް ނެޗުރަލް ހިސްޓްރީ، ކެސަންޑްރާ ހެޓަން ވިދާޅުވި ގޮތުގައި، މި ނަތީޖާއަކީ އެތައް އަހަރެއްގެ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެކެވެ.

"ގަސް އަކީ ހަމައެކަނި އާދަޔާ ހިލާފު ހޯދުމެއް ނޫން. މިއީ ވަރަށް ފުރިހަމައަށް ކޮނެގެން ނަގައި، ލިޔެކިޔުންތައް ތައްޔާރުކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓާފައިވާ ނަމޫނާއެއް،" ކެސަންޑްރާ ވިދާޅުވި އެވެ.

މިއާއެކު، 2024 ވަނަ އަހަރު ސްޓެގޯސޯރަސް އެއް ވިއްކައިގެން ގާއިމުކޮށްފައިވާ ރެކޯޑު ވަނީ މުގުރާލާފަ އެވެ. އަދި މިއީ ޑައިނަސޯއެއްގެ ކަށިގަނޑު 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ.

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox