ވީޑިއޯއެއް ލީކުވެގެން ޒޫލޫންގެ ރަސްގެފާނު މައާފަށް އެދިވަޑައިގެންފި

Jul 11, 2026, 7:30 AM
ރަސްގެފާނު މިސުޒުލޫ ކާޒްވެލިތީނީ

ރަސްގެފާނު މިސުޒުލޫ ކާޒްވެލިތީނީ

ދެކުނު އެފްރިކާގެ އެންމެ ބޮޑު ގަބީލާ ކަމަށްވާ ޒޫލޫންގެ ރަސްގެފާނު މިސުޒުލޫ ކާޒްވެލިތީނީ، އެމަނިކުފާނުގެ ހުއްދައަކާ ނުލައި ފައްޅީގެ މެންބަރަކާއެކު ސިއްރު ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކޮށް، އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ކޯފާވެ ހެއްދެވި މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެއްޖެ އެވެ.

މި ވީޑިއޯ އާންމުވުމާ ގުޅިގެން ރަސްގެފާނަށް ވަނީ މައާފަށް އެދިވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

ލީކުވި ވީޑިއޯއިން ފެންނަ ގޮތުގައި، ކޮޓަރިތެރޭގައި އަރާ ފައިވާނެއްގައި އަދި ބިޔަރު ފުޅިއެއް ހިއްޕަވައިގެން ހުންނަވައި ރަސްގެފާނު ވަނީ އެމަނިކުފާނުގެ ތިންވަނަ އަނބިކަނބަލުން ކުއީން ނޮމްޒާމޯ މްޔޭނީއަށް ދިމާއަށް ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

ރަސްގެފާނު ވަނީ އެކަމަނާ އެހެން ފިރިހެނަކާ ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރައްވައި، ބޭރަށް ދާއިރު ފިރިމީހާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"މީހެއްގެ އަނތްބަކަށް ވީމާ، ދާން ބޭނުންވާ ތަނަކަށް ދާން ހުއްދައަށް އެދެންޖެހޭނެ. އެންމެކުޑަމިނުން ފިރިމީހާއަށް އެނގިލަންޖެހޭނެ، ސޯޝަލް މީޑިއާއިން ފެނުމުގެ ބަދަލުގައި،" ލީކްވި ވީޑިއޯގައި ރަސްގެފާނު ވިދާޅުވެފައިވެ އެވެ. 

އަނބިކަނބަލުން މައުސޫމު ބޭފުޅަކަށް ހެދެން އުޅުނަސް އެއީ ހަގީގަތެއް ނޫން ކަމަށާއި، ގަނޑުވަރުން ނުކުންނެވުމަށް ވެސް ވީޑިއޯގައި ރަސްގެފާނު ވިދާޅުވެ އެވެ. 

ރަސްގެފާނު ތުހުމަތުކުރެއްވި ގޮތުގައި ކުއީން ނޮމްޒާމޯ ގުޅުން ބޭއްވީ އެކަމަނާ ވަޑައިގަންނަވާ ފައްޅީގެ މެންބަރަކާއެވެ. އަދި އެ ފައްޅީގެ ފާދިރީއަށް ނިސްބަތްކުރައްވައި އޭނާއަކީ ގަމާރެއް ކަމަށް ވިދާޅުވެ ރަސްގެފާނު ވަނީ ހަޑިހުތުރު ބަހުން މުހާތަބުކުރައްވާފަ އެވެ.

ރަސްގެފާނު މިސުޒުލޫ ކާޒްވެލިތީނީގެ ތިން ވަނަ އަނބިކަނބަލުން
ރަސްގެފާނު މިސުޒުލޫ ކާޒްވެލިތީނީގެ ތިން ވަނަ އަނބިކަނބަލުން

މި ހާދިސާ ހިނގި ވަގުތު ވީޑިއޯ ރެކޯޑްކޮށްފައިވަނީ ކުއީން ނޮމްޒާމޯ އަމިއްލަފުޅަށް ކަމަށް ބެލެވެ އެވެ. ވީޑިއޯގެ ނިމޭކޮޅުގައި "މިއީ ރެޔާއިދުވާލު އަހަރެން އުޅެމުންދާ ހިތްދަތި ދިރިއުޅުން،" ކަމަށް އެކަމަނާ ވިދާޅުވާ އަޑުއިވެ އެވެ. ނަމަވެސް މި ވީޑިއޯ ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާނު ވިދާޅުވީ، އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ސަބަބުން ލިބުނު ހިތްދަތިކަމަށްޓަކައި އިންތިހާއަށް ހިތާމަކުރައްވާ ކަމަށާއި، އަދި އަސަރުކުރި އެންމެހާ ފަރާތްތަކުން އެމަނިކުފާނުގެ އިހުލާސްތެރި މައާފު ގަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ މާކުރީގެ ވީޑިއޯއެއް ކަމަށާއި، މިހާރު ޝާހީ އާއިލާގެ ތެރޭގައި އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ރަސްގެފާނު މިސުޒުލޫ ކުއީން ނޮމްޒާމޯ މްޔޭނީއާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. މިއީ އެމަނިކުފާނުގެ ތިންވަނަ އަނބިކަނބަލުންނެވެ. މި ކައިވެންޏަކީވެސް ގާނޫނީ ގޮތުން ބޮޑު ހިޔާލުތަފާތުވުމެއް އުފެދުނު ކަމެކެވެ. 

ރަސްގެފާނު މިސުޒުލޫ ތަހުތަށް އިސްވެވަޑައިގަތީ 2022 ވަނަ އަހަރު، އެމަނިކުފާނުގެ ބައްޕާފުޅު ރަސްގެފާނު ގުޑްވިލް ޒްވެލިތީނީ އަވަހާރަވުމާ ގުޅިގެން އާއިލާގެ ތެރޭގައި އުފެދުނު ބޮޑު ކޯޅުމަކަށް ފަހުގަ އެވެ. ބައިގަރުނު ވަންދެން ރަސްކަން ކުރެއްވި ޒްވެލިތީނީގެ ހަ އަނބިން ތިއްބެވި އެވެ.

ރަސްގެފާނު މިސުޒުލޫގެ އެއްބަނޑުއެއްބަފާ އަދި އެއްބަފާ ބައެއް ބޭފުޅުން ވަނީ އެމަނިކުފާނު ވެރިކަމަށް އިސްވުމާ ދެކޮޅަށް ކޯޓަށް ވަޑައިގެންފަ އެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިސުޒުލޫގެ މަންމާފުޅަކީ ޒޫލޫންގެ އާދަކާދައިގެ މަތިން އެންމެ އިސް އަނބިކަނބަލުން ނޫން ކަމުން، އެއީ ވެރިކަން ވާރުތަވާނެ ބޭފުޅެއް ނޫން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox