ހަށިގަނޑުގެ ހަކަތަ އިތުރުކުރުމަށް ކުރެވިދާނެ ނުވަ ކަމެއް

Jul 6, 2026, 6:30 AM
އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް.

އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ހަށިގަނޑުގެ ހަކަތަ އިތުރުކުރަން ބޭނުންވާ މީހުންނެވެ. "ގެލަޕް" އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 14 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ މިންވަރަށް އެމީހުންގެ ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ނަމަވެސް، އުފާވެރި ހަބަރަކީ އަމިއްލަ ހަށިގަނޑުގެ ހަކަތަ އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހުރުމެވެ. އެގޮތުން ހަކަތަ އިތުރުކުރުމަށް އެހީތެރިވެދޭނެ ނުވަ އިރުޝާދެއް ތިރީގައި އެވަނީ އެވެ:

  1. ނަފްސާނީ ބުރަ ނުވަތަ ސްޓްރެސް ކޮންޓްރޯލްކުރުން - ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން އުފެދޭ އިހުސާސްތަކަކީ ހަށިގަނޑުގެ ހަކަތަ ވަރަށް ބޮޑަށް ދަމައިގަންނަ ކަމެކެވެ. ރަހުމަތްތެރިއަކާ ނުވަތަ އާއިލާގެ މީހަކާ ވާހަކަދެއްކުމާއި، އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕްތަކުގައި ބައިވެރިވުމާއި، ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. މީގެ އިތުރުން މެޑިޓޭޝަން، ޔޯގާ އަދި ޓައި-ޗީ ފަދަ ހަށިގަނޑު ހަމަޖައްސައިދޭ ފަރުވާތަކަކީ ވެސް ސްޓްރެސް ކުޑަކުރުމަށް ބޭނުންކުރެވިދާނެ ފައިދާހުރި ވަސީލަތްތަކެކެވެ.
  2. މަސައްކަތުގެ ބުރަ ކުޑަކުރުން - ހަށިގަނޑު ވަރުބަލިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާބޮޑަށް މަސައްކަތް ކުރުމެވެ. މީގެ ތެރޭގައި ވަޒީފާގެ މަސައްކަތްތަކާއި، އާއިލީ ޒިންމާތަކާއި އިޖުތިމާއީ ކަންކަން ހިމެނެ އެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ލިސްޓު ކުޑަކޮށް، އެންމެ މުހިންމު ކަންކަމަށް އިސްކަންދޭށެވެ. މާ މުހިންމު ނޫން ކަންކަން މަދުކޮށްލާށެވެ. އަދި ވަޒީފާގެ މާހައުލުގައި މަސައްކަތްތައް ގިނަވާނަމަ، އެހެން މީހުންގެ އެހީތެރިކަމަށް އެދުމަކީ މުހިންމު ކަމެކެވެ.
  3. ކަސްރަތުކުރުން - ކަސްރަތު ކުރުމަކީ އަރާމު ނިދި ލިބޭނެކަން ކަށަވަރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ލިބި، އޮކްސިޖަން ދައުރުވުން ރަނގަޅުވެ އެވެ. އަދި ކަސްރަތު ކުރުމުން ސިކުނޑީގައި "ޑޯޕަމީން" ލެވެލް މަތިވެ، މީހާގެ މޫޑު ރަނގަޅުކޮށްދެ އެވެ. ހިނގަންދާއިރު، ސިއްހީ ގޮތުން އިތުރު ފައިދާ ހޯދުމަށްޓަކައި ދޭތެރެ ދޭތެރެއިން ހިނގުމުގެ ބާރުމިން އަވަސްކޮށްލާށެވެ.
  4. ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން - ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނިދަން އުނދަގޫވާ ކަމަކަށް ވާތީ، މީގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ދަށްވެ އެވެ. ދުންފަތުގައި ހިމެނޭ ނިކޮޓިންއަކީ ހިތުގެ ވިންދު އަވަސްކޮށް، ލޭގެ ޕްރެޝަރު މަތިކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ސިކުނޑި ހޭލައްވައިދޭ ސިގްނަލްތައް މެދުވެރިކުރުވާތީ، ނިދަން އުނދަގޫވެ އެވެ. އަދި ނިދިފައި އޮއްވައި ވެސް، ދުންފަތަށް ހުންނަ ދެވިހިފުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވެގެން ހޭލެވޭ ގޮތް މެދުވެރިވެ އެވެ.
  5. ނިދާ ވަގުތު ކޮންޓްރޯލްކުރުން - ނިދި މަދުވާހެން ހީވާނަމަ، ނިދާ ވަގުތު މަދުކޮށްލަން މަސައްކަތް ކުރާށެވެ. މިއީ އަޑުއަހަން އާދަޔާ ހިލާފު ވާހަކައަކަށް ވިޔަސް، ހަށިގަނޑަށް ބޭނުންވަނީ ކިހާ ވަގުތެއްގެ ނިދިކަން ދެނެގަތުމުން، ނުނިދި އެނދުގައި އޮންނަ ވަގުތު މަދުކުރެވޭނެ އެވެ. މީގެ ސަބަބުން ނިދަން ފަސޭހަވެ، ގިނަ ދުވަހަށް ބަލާއިރު އަރާމު ނިދި ލިބުމަށް މަގުފަހިވެ އެވެ. އެކަން ކުރުމަށް، ދުވާލު ގަޑީގައި ނިދުމާ ދުރުހެލިވާށެވެ. އަދި ފުރަތަމަ ރޭ، އާދަވެގެން ނިދާ ގަޑިއަށްވުރެ ލަހުން ނިދަން ގޮސް، އެންމެ ހަތަރު ގަޑިއިރު ނިދާށެވެ. އެ ހަތަރު ގަޑިއިރުގެ ނިދި ރަނގަޅު ކަމަށް އިހުސާސް ކުރެވޭނަމަ، ޖެހިގެން އަންނަ ރޭ ނިދާ ވަގުތަށް އިތުރު 15 ނުވަތަ 30 މިނެޓު އިތުރުކުރާށެވެ. އެނދުގައި އޮންނަ ވަގުތު އަރާމު ނިދި ލިބޭނަމަ، ކޮންމެ ރެއަކުވެސް މަޑުމަޑުން ނިދާ ވަގުތު އިތުރުކުރަމުން ގެންދާށެވެ.
  6. ހަކަތަ ލިބޭނެ ފަދަ ކާނާ ބޭނުންކުރުން - "ލޯ ގްލައިސީމިކް އިންޑެކްސް" ހުންނަ ކާނާ ނުވަތަ ހަކުރު ހަށިގަނޑަށް ދަމައިގަންނަ މިންވަރު ލަސް ކާނާ ބޭނުންކުރުމުން، ކެއުމަށްފަހު ވަގުތުން ހަކަތަ ދަށްވުމުން ސަލާމަތްވެވިދާނެ އެވެ. މިފަދަ ކާނާގެ ތެރޭގައި ހޯލް ގްރެއިންސް، ފައިބަރު ގިނަ ތަރުކާރީ، ނަޓްސް އަދި ޒައިތޫނި ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ތެޔޮ ހިމެނެ އެވެ. އާންމު ގޮތެއްގައި ކާބޯހައިޑްރޭޓްސް ގިނަ ކާނާގައި ގްލައިސީމިކް އިންޑެކްސް މަތިވާއިރު، ޕްރޮޓީން އަދި ފެޓްސް ހިމެނޭ ކާނާގައި މި އަދަދު ހުންނަނީ ސުމަކާ ގާތްކުރާ މިންވަރެއްގަ އެވެ.
  7. ކެފެއިންގެ ފައިދާ ހޯދުން - ކެފެއިންގެ ސަބަބުން މީހާ ހޭލައްވައިދޭތީ، ކޮފީ ތަށްޓެއް ބުއިމަކީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ. ނަމަވެސް ކެފެއިންއިން ހަކަތަ ހޯދުމުގައި ބުއްދިވެރި ގޮތަކަށް އަމަލުކުރަން ޖެހެ އެވެ. މާ ގިނައިން ކެފެއިން ބޭނުންކުރުމުން ނުވަތަ މެންދުރު 2:00 ޖަހާ ފަހުން ކެފެއިން ބޭނުންކުރުމުން ނިދަން އުނދަގޫވެދާނެ އެވެ.
  8. ބާރުގަދަ ބުއިންތައް މަދުކުރުން - ރޭގަނޑު ހަކަތަ ހުންނަން ބޭނުންނަމަ ހަވީރު ގަޑީގައި މިފަދަ ބުއިންތަކާ ދުރުހެލިވާށެވެ.
  9. ފެން ބުއިން - ހަށިގަނޑުގެ މަސައްކަތްތައް ހަލުވިކޮށްދޭ ހަމައެކަނި މާއްދާއަކީ ކޮބައި ހެއްޔެވެ؟ އެއީ އަގުބޮޑު "ސްޕޯޓްސް ޑްރިންކް" އެއް ނޫނެވެ. އެއީ ހަމައެކަނި ފެނެވެ. ހަށިގަނޑުން ފެން މަދުވުމުން ފެންނާނެ އެންމެ ފުރަތަމަ އަލާމާތަކީ ވަރުބަލިކަމުގެ އިހުސާސް ކުރެވުމެވެ.

މައުލޫމާތު: ހާވާޑް ހެލްތު ޕަބްލިޝިން

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox