އައިޝާ ޑޮކިއުމެންޓަރީގެ މައްސަލަ: ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުން ތަހުގީގެއް ހިންގަންޖެހޭނެ ކަމަށް

އެޕްރީލް 27، 2025: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އެޕްރީލް 27، 2025: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ސީރިސް ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުން ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީއަކާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގަށް ފާޑުވިދާޅުވަމުން އަބްދުﷲ ދީދީ ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުން ބޭރުން ކުރައްވާފައިވާ ކަމަށް ބެލެވޭ ކަންކަމުގައި އެމަނިކުފާނު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އައިޝާ ޑޮކިއުމެންޓަރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު، އޭނާ އާއި މުއިއްޒާ ދެމެދު އޮތް ގުޅުންތަކުގެ ވާހަކަތައް ކިޔައިދީފައިވެ އެވެ. އެ ވާހަކަތައް ގެނެސްދިނީ އެ ވާހަކަތައް ކިޔައިދިން މުވައްޒަފަކީ ކާކުކަން ނޭނގޭ ގޮތަށެވެ. 

އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިފަދަ ތުހުމަތުތަކެއް ފެންމަތިވުމުން އެކަން ބެލުމަކީ މަޖިލީހުގެ ޒިންމާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާއަކީ މުގައްދަސް ނުވަތަ މައުސޫމް ޝަހުސެއް ނޫން ކަމަށާއި، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައިވާ އިމްތިޔާޒު ފިޔަވައި އިތުރު ރައްކާތެރިކަމެއް އެމަނިކުފާނަށް ލިބިގެން ނުވާ ކަމަށް ވެސް އަބްދުﷲ ދީދީ ވިދާޅުވި އެވެ. 

މި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަކީ "ގަޒުފު" ކުރުމުގެ ކުށުގެ ތަހުގީގެއް ކަމަށް ބުނި ނަމަވެސް، ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކުން އެ ކުށުގެ އުންސުރުތައް ފުރިހަމަވާކަން އެނގެން ނެތް ކަމަށް ވެސް  ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައި ގަޒްފަކީ ސީދާ ޒިނޭގެ ތުހުމަތު ކުރުން ކަމަށްވާއިރު، އެ ވީޑިއޯގައި ތުހުމަތުކޮށްފައިވަނީ ޖިންސީ ގުޅުމެއްގެ ވާހަކަ ކަމަށާއި، ޖިންސީ ކޮންމެ ކުށަކީ ޒިނޭ ނޫން ކަމަށް އަބްދުﷲ ދީދީ ތަފްސީލުކޮށްދެއްވިއެވެ. އެހެންކަމުން، މިއީ ފުލުހުންގެ މުސްތަގިއްލުކަމާއި ޕްރޮފެޝަނަލިޒަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާ މެދުވެރިކޮށް މި މައްސަލާގައި ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ތަހުގީގަށް ނޭދެވޭ ނުފޫޒު ފޯރުވަމުންދާކަން އަބްދުﷲ ދީދީ  ތުހުމަތު ކުރައްވަ އެވެ.

"އައިޝާ" ޑޮކިއުމަންޓްރީގެ ތަހުގީގު ކުރިއަށްދަނިކޮށް ވަކި ގޮތެއް ނިންމަވައި އިހުސާން މުއިއްޒު ދިފާއުކުރައްވައިފި

އަދަދު ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގު ނުނިމެނީސް، އެ ނޫހުން ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން އެ ނޫސް ކުށްވެރިކުރައްވައިފި. މި މައްސަލާގައި ރައީސް މުއިއްޒު ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ދައުވާކުރުމަށް ގޮވާލައްވާފައި.

ތަހުގީގު ނިމުމުގެ ކުރިން އެއީ ދޮގު އިލްޒާމްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ފުލުހުންގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އަބްދުﷲ ދީދީ ވިދާޅުވި އެވެ. މި މައްސަލަ މަޖިލީހުން ބަލަންޖެހޭ ސަބަބުތަކުގެ ތެރޭގައި، ވެރިކަމުގެ ދައުރުގައި ރައީސަކަށް ނިސްބަތްވާ ޖިނާއީ މައްސަލައެއް މުސްތަގިއްލުކޮށް ބެލުމަކީ ދަތިކަމަށް ވުން ހިމެނޭ ކަމަށް ފާހަގަ ކުރެެއްވި އެވެ. 

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން، ދައުލަތުގެ ތެރޭގައި ހިނގާ ފަސާދައިގެ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ނޫސްވެރިންގެ މަސްއޫލިއްޔަތެއް ކަމަށާއި، އެކަމާ ގުޅިގެން އަދަދު ނޫހާ މެދު ފުލުހުން ފިޔަވަޅު އެޅުމަކީ ދީމިގްރާތީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކަށް މި މައްސަލަ ވަކިފަރާތަކަށް ބުރަނުވެ ބެލުމުގެ ގާބިލުކަން ނެތްނަމަ،  ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ގޮވާލެއްވި އެވެ. 

"އަދަދު ނޫހުން ޝާއިޢުކުރި ހަވާލާދެވުނު ޑޮކިޔުމެންޓަރީގައި ޝާމިލުވެގެންވާ އެންމެހައި ވަޤާއިޢުތައް ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލުކަމާ އެކު ތަހުގީގުކުރުމުގެ ގާބިލުކަން، ޤާއިމުވެގެންވާ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންނުވާނަމަ، 1998 ގައި ކްލިންޓަން-ލުވިންސްކީ ފަޟީހަތް ތަހުގީގުކުރުމަށް އެމެރިކާގައި ހާއްސަ އިންވެސްޓިގޭޓަރ އެއްގެ ގޮތުގައި ކެނެތު ސްޓާ އައްޔަންކުރެވުނު ފަދައިން، ބުނެވުނު ޑޮކިޔުމެންޓަރީގެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަކީ ކޮންމެހެން މުހިންމުކަމެއްގައި ދެކެމެވެ." އަބްދުﷲ ދީދީ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox