ރެކޯޑުތައް މުގުރާލައި "މައިކަލް" އެންމެ ކާމިޔާބު ބަޔޯޕިކް ފިލްމަށް

Apr 27, 2026, 4:04 PM
ފޮޓޯ: ޔުނިވާސަލް

ފޮޓޯ: ޔުނިވާސަލް

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އާ މިއުޒިކަލް ފިލްމު، ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ބަޔޯޕިކް ނުވަތަ މީހެއްގެ ހަޔާތުގެ މައްޗަށް ނެރުނު ފިލްމަކަށް ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "މައިކަލް" ގައި ލަވަކިޔުންތެރިޔާގެ ރޯލު އަދާކުރަނީ އޭނާގެ ކޮއްކޮގެ ދަރިފުޅު ޖާފަރު ޖެކްސަން އެވެ. މި ފިލްމަށް މިހާތަނަށް ދުނިޔޭގެ ބާޒާރުން 217 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިއުޒިކަލް ބަޔޯޕިކްއަކަށް މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު އޮތީ 2018 ވަނަ އަހަރު ރިލީޒްކުރި ކުއީން ބޭންޑުގެ "ބޮހީމިއަން ރެޕްސޮޑީ" އަތުގަ އެވެ. ރާމީ މާލެކް، ފްރެޑީ މާކަރީގެ ރޯލުން ފެނިގެންދިޔަ އެ ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި ލިބުނީ 124 މިލިއަން ޑޮލަރެވެ. 

ނަމަވެސް، "މައިކަލް" އަށް ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރު ރިލީޒްކުރި "އޮޕަންހައިމާ" އަށް ލިބުނު 180 މިލިއަން ޑޮލަރަށް ވުރެ ވެސް އިތުރުވެފަ އެވެ. 

މި ފިލްމު އެމެރިކާގައި ޑިސްޓްރިބިއުޓްކުރާ ލަޔަންސްގޭޓްގެ ޗެއާމަން އެޑަމް ފޮގްލްސަން ވިދާޅުވީ، ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ގިންތިއެއްގެ މީހުންގެ މެދުގައި ފިލްމު މަގުބޫލު ނުވާނަމަ މިފަދަ ބޮޑު އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި ބެލުންތެރިންނަށް މި ފިލްމު ވަރަށް ބޮޑަށް ކަމުގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފާޑުކިޔުންތެރިންގެ ފަރާތުން މި ފިލްމަށް ލިބުނު ތަރުހީބަށް ވުރެ އާންމު ބެލުންތެރިންގެ ތަރުހީބު މާ ބޮޑެވެ. ބައެއް ފާޑުކިޔުންތެރިން ބުނެފައިވަނީ މި ފިލްމުގައި ޖެކްސަންގެ ހަޔާތުގެ ހަގީގީ މަންޒަރުތަކުގެ ބަދަލުގައި ދައްކާފައިވަނީ "އޮމާންކޮށްފައިވާ" ނުވަތަ އައިބުތައް ފޮރުވާފައިވާ ވާހަކައެއް ކަމަށެވެ.

ފިލްމުތަކަށް ރޭޓިން ދޭ "ރޮޓެން ޓޮމާޓޯސް" އިން ދައްކާ ގޮތުގައި، ފާޑުކިޔުންތެރިން މި ފިލްމަށް އެވްރެޖްކޮށް 38 އިންސައްތަ މާކްސް ދީފައިވާއިރު، އާންމު ބެލުންތެރިންގެ ފަރާތުން ވަނީ 97 އިންސައްތައިގެ މަތީ ރޭޓިންއެއް ލިބިފަ އެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި މިއުޒީޝަނުންގެ ހަޔާތުގެ މައްޗަށް ގިނަ ފިލްމުތަކެއް އުފައްދާފައިވާއިރު، ހޮލީވުޑުން މިހާރު މިފަދަ ފިލްމުތައް ބަލަނީ ބޮކްސް އޮފީހުގައި ކާމިޔާބުވާނެކަން ޔަގީން އުފެއްދުންތަކެއްގެ ގޮތުގަ އެވެ.

"މައިކަލް" ފިލްމަށް މާލީ ގޮތުން އެހީތެރިކަން ދީފައިވަނީ މަރުވެފައިވާ ސުޕަސްޓާގެ މުދާ ބަލަހައްޓާ ފަރާތުންނެވެ. އަދި ފިލްމުގައި ހިމެނޭ މިއުޒިކް މަންޒަރުތަކުގައި ބޭނުންކޮށްފައިވަނީ މައިކަލް ޖެކްސަންގެ އަސްލު އަޑެވެ.

މި ފިލްމުގައި، މައިކަލް ޖެކްސަންގެ މައްޗަށް ކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެއްވެސް ތުހުމަތެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ.

ޖެކްސަން އަބަދުވެސް އައީ އެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި 2005 ވަނަ އަހަރު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާތަކުން އޭނާ ބަރީއަކޮށްފަ އެވެ.

ފިލްމު އުފެއްދި ފަރާތްތަކުން ފުރަތަމަ ގަސްތުކުރީ ބައެއް ތުހުމަތުތަކުގެ ވާހަކަ ފިލްމުގައި ހިމެނުމަށެވެ. ނަމަވެސް، ޖެކްސަން އާއި އޭނާއަށް ތުހުމަތުކުރި އެކަކާ ދެމެދު މީގެ ކުރިން ވެފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއް ފެނުމާ ގުޅިގެން އެ މަންޒަރުތައް ވަނީ އުނިކޮށްފަ އެވެ.

މި ބަދަލުތަކާއެކު ފިލްމުގައި ބޮޑަށް ދައްކަނީ ޖެކްސަންގެ ކޮންސަޓްތަކުގެ މަންޒަރުތަކާއި، އޭނާގެ ބައްޕަ ޖޯސެފް ޖެކްސަންއާ އޮތް ނުތަނަވަސް ގުޅުމުގެ ވާހަކަ އެވެ. ބައްޕަގެ ރޯލު އަދާކުރަނީ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ކޯލްމަން ޑޮމިންގޯ އެވެ.

މަންޒަރުތައް އަލުން ކުޅެން ޖެހުމުގެ ސަބަބުން ފިލްމުގެ ބަޖެޓު ވަރަށް ބޮޑުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ބަޔޯޕިކްތަކުގެ ތެރެއިން ފިލްމެކެވެ.

މައިކަލް ޖެކްސަން އަކީ "ބިލީ ޖީން"، "ބީޓް އިޓް"، "ސްމޫތު ކްރިމިނަލް" އަދި "ބްލެކް އޯ ވައިޓް" ފަދަ ދުނިޔޭގެ މަގުބޫލު ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ. އަދި 1982 ވަނަ އަހަރު އޭނާ ނެރުނު "ތުރިލާ" އަކީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނައިން ވިކިފައިވާ މިއުޒިކް އަލްބަމެވެ.

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox