އިރެއްގައި މަހަށް ފުރާ ލައްކަ އޮޑިއެއް އޮތަސް މިހާރު ކޮލަމާފުށީގައި އެ ފޯރިއެއް ނެތެވެ. ދައުލަތުން ބެހި ހަށްޓަށް ލުއި ވަޒީފާތަކުގެ ފަސޭހަކަމުގައި ޖެހެވި މަސްވެރިން ކަންނެތްވެ އެ ޖޯރު ދިޔައީ އެވެ. މަދު އޮޑިއެއް ފިޔަވައި ރަށު ފަޅުގައި ހުރި އޮޑިތައް ވެސް އެހެން ރަށްރަށަށް ގެންގޮސް އެ ރަށްރަށުގައި މަސްވެރިކަން ކުރަން ފެށީ އެވެ.
މިހައި ހީނަރު ވެފައި އޮތް ކަމެއްގައި އުއްމީދެއް ލިބުނީ ކޮލަމާފުށީ އޮޑިވެރިޔަކު އައު އޮޑިއެއް ބަނދެ، އެ އޮޑިއަކީ ކޮލަމާފުށީގައި ދުއްވާނޭ އޮޑިއެއް ކަމަށް އިއުލާނުކުރި ހިސާބުންނެވެ. މި ޒަމާނުގެ އޮޑިއަކަށް މާކަނޑަށް ނުކުމެވޭނީ މަދުވެގެން ވިއްސަކަށް ފަންސަވީހަކަށް ފަޅުވެރިން ލައިގެންނެވެ. އެހެންވީމާ ރަށުގެ ވިހި ފަންސަވީސް ފިރިހެނުންނަށް ވަޒީފާ ލިބުނީކަމުގައި ރަށު ރައްޔިތުން ދުށްޓެވެ.
އޮޑީގެ ފަށަން ބޭއްވި ހިސާބުން ފެށިގެން ވެސް އެ އޮޑިވެރިޔާގެ ގޭދޮށުން ކުރުކާލި ކަނޑާ ޒުވާނުންގެ އަދަދު ގިނަވެއްޖެ އެވެ. އޮޑިވެރިޔާއަށް ހޭހަންކޮށްދޭނޭ ފުރުސަތަކަށް ބަލަބަލައި ތިބޭ މީހުންގެ އަދަދު ގިނަ ވެއްޖެ އެވެ. މަގުމަތިން ފެނުމުން ގޮވާލުމާއި ހިތްހެޔޮކަމާއެކު ހާލުއަހުވާލު އަހައި ހެދުން އާންމު ވެއްޖެ އެވެ. މިއިން އެއްވެސް މީހެއްގެ އޮތީ ނުނިޔަތެއް ނޫނެވެ. ހެޔޮ ނިޔަތެކެވެ. އެ އޮޑިވެރިޔާގެ އައު އޮޑީގެ ފަޅުވެރިއެއްގެ ގޮތުގައި ހިމެނި އޭނާއަށް ވެސް ހިދުމަތެއް ކޮށްދިނުމާއެކު އެވެރިންނަށް ވެސް އާމްދަނީއެއް ލިބޭނޭ މަގެއް ހޯދުމެވެ.
އޮޑީގެ މަސައްކަތްތައް ބާރަށް ކުރިއަށް ދެ އެވެ. ހުރިހައި ކަމެއް ނިމުމަކާ ގާތަށް ދިޔައިރު އޮޑިވެރިޔާ އެކި މީހުންނާ އިންޓަވިއުކޮށް އޮޑިއަށް ފަޅުވެރިން ވެސް ނަގައިފި އެވެ. އެހައި ހިސާބުން އޮޑީގެ ބާކީ ހުރި މަސައްކަތްތައް ކުރާން ހަވާލުވީ އޮޑިވެރިޔާގެ ފަތްކޮޅުން އައްޔަނުކުރެވުނު ފަޅުވެރިންނެވެ. ނިމުމަކާ ގާތަށް ދާއިރު ހުންނާނޭ ހުރިހައި ކަވި މަސައްކަތްތަކަކާ ހަވާލުވެތިވީ މި ފަޅުވެރިންނެވެ. ހަވާލުވިއިރު މަދު ހަފުތާއެއްގެ މަސައްކަތޭ ހީވި ކަންކަން މަސްތަކަށް ދެމިގެން ދިޔަ އެވެ. އެހެންނަމަވެސް ފަޅުވެރިންނަށް ލިބޭން އޮތް މޮޅުކަން ހިތްމައްޗަށް ގެނެސް ކަށިން ހިތްވަރު ނެރެގެން މަސައްކަތްތައް ނިންމައި އަވަދިވެއްޖެ އެވެ. ދެން އޮތީ އޮތީ އޮޑި ބާލައި އޮޑީގައި ދަވާދުލައި ޒީނަތްތެރިކުރުމެވެ. މި ބުރަ މަސައްކަތުގައި ވެސް އިސްކޮށް އުޅުނީ ފަޅުވެރިންނެވެ.
ހުރިހައި ކަމެއް ނިމި، އެ އޮޑިން މަހަށް ފުރަން ވެފައި އޮއްވައި ރަށުތެރޭގައި ވާހަކައެއް ދެކެވެން ފަށައިފި އެވެ. މާލޭގެ މަހުޖަނަކަށް އެއޮޑި ވިއްކައިލީޔޯ ކިޔަން ފަށައިފި އެވެ. ވާހަކައިގެ އެކޮޅުމިކޮޅު ބަލައިއިރު ވީ ހަމަ ތެދަކަށެވެ. އޮޑިއަށް އައްޔަނުކުރި ފަޅުވެރިންނަށް ނުވެސް އެނގި އޮޑި އޮތީ ވިއްކާލާފަ އެވެ. އޭރު އެވެރިން އެތިބީ މަހަށް ދާން ލާނޭ އަތްދިގު ޓީޝާޓާއި އަޅާނޭ އަވިއައިނާއި ގެއިން ގެންދާ ކޮއްތު އަޅާނޭ ތަށިބަރި ހޯދައި ރަނގަޅަށް ތައްޔާރުވެގެންނެވެ. އޮޑި ވިއްކާލިކަން އެނގި ފަޅުވެރިންގެ ތެރެއިން ބަޔަކު ނަރުގަނޑުގައި ޖެހުނަސް ދެން ކުރާނޭ ކަމެއް ނެތެވެ. އެވެރިންނަށް ދަސްވެފައި އޮންނަނީ 'ދެއްވި ފަރާތުން ގެންދެވީމާ އެއީ އަނިޔާއެކޭ ނުބުނެވޭނެ' ކަމެވެ. މިކަން ނިމިގެން ދިޔައީ މިހެންނެވެ.
ހައެއްކަ ދުވަސް ކުރިން ރާއްޖޭގެ ސަރުކާރު ކެބިނެޓުގެ އެތައް ވަޒީރުންނެއް ވަކިކުރީ އެވެ. މަތި އޮމާންކޮށްލަން އިސްތިއުފާ ދެއްވިއްޔޭ ކިޔެއްކަމަކު އަސްލު ކަންވީ ގޮތަކީ ކޮބައިކަން އަޅުގަނޑުމެންގެ އެކަކަށް ވެސް ނޯޅެ އެވެ. ހަމަ ވަކިކޮށްލީ އެވެ. އެ ހަބަރު ލިބިވަޑައިގެންނެވިއިރު އެއް ވަޒީރަކު ހުންނެވީ މުވައްޒަފުންނާ ބައްދަލުކުރައްވައި މާދަމާއާއި، އަންނަ ހަފުތާއަށް މިނިސްޓްރީއިން ކުރަންހުރި ކަންކަން ރާއްވަވާށެވެ. އަނެއް މިނިސްޓަރަކު މާދަމާ އަޅުއްވާނީ ކޮން ކުލައެއްގެ ޝޯލްއެއްތޯ ކަނޑައަޅުއްވަނީ އެވެ. އަނެއް ވަޒީރަކު އެ މިނިސްޓްރީގައި މާދަމާ އޮތް ރަސްމިއްޔާތުގެ ތަގުރީރު ތައްޔާރު ކުރައްވަނީ އެވެ. ވާންއުޅޭ ގޮތެއްގެ ހިލަމެއް މިއިން އެއްވެސް ބޭފުޅަކަށް ނުވެ އެވެ.
ބައެއް ވަޒީރުންގެ އިސްތިއުފާގެ ސިޓީ ލިޔެ ފޮނުވީ ވެސް ރައީސް އޮފީހުންކަމަށް އެ މައުލޫމާތު އެނގޭ މީހަކު އަޅުގަނޑު ގާތުގައި ބުންޏެވެ. އެ ވަޒީރުންނަށް ޖެހިވަޑައިގަތީ ސިޓީގައި ސޮއިކުރައްވައި ސިޓީ ގެނައި މީހާގެ ހަވާލުގައި ރައީސް އޮފީހަށް އަނބުރާ ފޮނުއްވާށެވެ.
ވަޒީރުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އިއުލާނުކުރި އިރު ވިދާޅުވީ 'ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން' ދިހަ ވަޒީރުން އިސްތިއުފާ ދެއްވީ ކަމަށެވެ. އެ ރީތި ޖުމުލަ ނިއުޅުވައި، ސާދާ ދިވެހި ބަހަށް ތިރިކޮށްލީމާ ކުރެވޭ ތަރުޖަމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި ގާބިލުކަން ނެތް ވަޒީރުން މަގާމުން ވަކިކޮށްލެއްވީ ކަމެވެ. އެ ނޫން ތަރުޖަމާއެއް ނުވިސްނިގެން ސަރުކާރުގެ އެތެރޭގައި ތިއްބެވި ދެތިން ބޭފުޅަކަށް ގުޅާލީމާ އެ ބޭފުޅުން ވެސް ވިދާޅުވީ އެ ވާހަކަ އެވެ. އެ މިނިސްޓަރުން ލައިގެން ސިޔާސީ މަސައްކަތެއް ނުކުރެވޭނެ ވާހަކަ އެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަންކަން އެ ބޭފުޅުންނަށް ނުކުރެއްވެވޭ ވާހަކަ އެވެ. އެ މިނިސްޓަރުންގެ ގާބިލުކަން ނެތްކަން ދެނެވަޑައިގަތުމަށް ދެ އަހަރާ ބައި ވެއަތުވެގެން ދާނީ އެކަން ވަޒަންކުރެއްވި ބޭފުޅަކު ކިހައި ގާބިލުވީމާ ތޯ އެވެ.
ކިތަންމެ ނާގާބިލަސް، އެ ބޭފުޅުން މަގާމަށް އައްޔަނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ބޭފުޅުންނަށް އެތައް ތައުރީފެއް ކުރައްވައި، މިއީ އެންމެ ގާބިލު ކެބިނެޓުކަމަށް ވިދާޅުވީ ކިތައް ޖަލްސާގަތޯ އެވެ. އެ ބޭފުޅުންގެ މަސައްކަތްޕުޅާމެދު ހިތްހަމަޖެހިވަޑައިނުގެން، މަގާމުން ވަކިކުރައްވަން ގަސްތުކުރައްވާނަމަ އެކަމުގައި މިއަށްވުރެ ރީތި ގޮތަކަށް އަމަލުކުރެއްވުނީހެވެ. ވަކިކުރެއްވި ސަބަބު އެ ބޭފުޅުންނަށް އަންގަވައި، ފުރިހަމަނުވާ މަޝްރޫއުތަކާމެދު މަޝްވަރާ ވެސް ކުރެއްވުނީހެވެ. މި ނިންމުމުގެ އަސްލު ސަބަބުތައް ރައްޔިތުންނަށް ވެސް ހާމަކުރެއްވުނީހެވެ.
ކޮލަމާފުށީ އޮޑިވެރިޔާ އޭނާގެ އޮޑީގެ ހުރިހައި މަސައްކަތެއް ފަޅުވެރިން ލައްވައި ކުރުވާފައި އޮޑި ވިއްކާލުމުން އުފެދުނު ހިތްހަމަނުޖެހުމަށް އޭނާ ދިން ރައްދަކީ 'މަގޭ އޮޑިއެކޭ މަ ބޭނުންވީމާ ވިއްކައި ލެވޭނެޔޭ' އެވެ. އެއަކީ ދޮގެއް ނޫނެވެ. ކެބިނެޓު ވަޒީރުން ކުރެން ހޭ ވެސް އަހައިނުލައި އެ ބޭފުޅުން މަގާމުން ވަކިކުރައްވައި ބައެއް މިނިސްޓްރީތައް ވެސް އުވާލައްވާފައި ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވާނީ 'މަގޭ ސަރުކާރެކޭ މަ ބޭނުން ބަޔަކަށް މަގާމުދީ ވަކިކުރެވޭނެޔޭ' މިހެން ހެއްޔެވެ؟ މި ދައުލަތް ތަރުތީބުވެފައި އޮތީ އެފަދަ ޖަވާބަކުން ޗަލުވާލެވޭ ގޮތަކަށް ނޫނެވެ. އެ ނިންމުމުގެ ސަބަބުތައް ރައްޔިތުންނަށް ހާމަކުރައްވަން ވާނެ އެވެ. މިވަގުތު ތިމާ ކިތަންމެ ބާރުގަދައޭ ބޭނުންކަމެއް ކުރެވިދާނެއޭ ހީވިޔަސް، ވަގުތު އެދަނީ ކައިރިވަމުންނެވެ. ރައްޔިތުން މިތިބީ ތިޔަ ހިންގަވާ ހުރިހާ ކުޅިއެއް ބަލަން، އިނގޭ އެވެ!








