ބަޖެޓު 2026: ސަބްސިޑީ ޓާގެޓު ކުރުމުގެ ވިސްނުމެއް ނެތް

އެސްޓީއޯ ކާޑު ގުދަނުގައި ގޮދަށް ފުށް ބަސްތާތަކެއް ލޮރީއަކަށް އަރުވަނީ: ރާއްޖޭގައި ސަބްސިޑީއަކަށް އެންމެ ފުރަތަމަ ދޭން ފެށީ ކާޑު ސަބްސިޑީ --- ފޮޓޯ:

އެސްޓީއޯ ކާޑު ގުދަނުގައި ގޮދަށް ފުށް ބަސްތާތަކެއް ލޮރީއަކަށް އަރުވަނީ: ރާއްޖޭގައި ސަބްސިޑީއަކަށް އެންމެ ފުރަތަމަ ދޭން ފެށީ ކާޑު ސަބްސިޑީ --- ފޮޓޯ:

އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ގޮތަށް މި އަހަރުގެ ތެރޭގައި ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލު ކުރާނެ ކަމަށް ބުނެ، އެ ގޮތަށް ބަޖެޓު އެކުލަވާލުމަށް ފަހު، ސަރުކާރުން އެ ވިސްނުން އެއްކޮށް ދޫކޮށްލާފައިވާ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ޔަގީންވެއްޖެ އެވެ.

ސަބްސިޑީ ޓާގެޓުކުރުމަކީ ސަރުކާރުން މިދިޔަ އަހަރު އިއުލާން ކުރި ހޯމްގްރޯން ފިސްކަލް ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެކެވެ. މިއީ އޭގެ ކުރިން އެމްޑީޕީ ސަރުކާރުން ވެސް ދެ އަހަރެއްގެ ބަޖެޓުގައި ހިމަނައި، އެކި ސަބަބުތައް ދައްކައި ތަންފީޒުނުކޮށް ދޫކޮށްލާފައި އޮތް ސިޔާސަތެކެވެ.

މި ސަރުކާރުން ސަބްސިޑީ ޓާގެޓުކުރަން މި އަހަރުގެ ބަޖެޓުގައި ޖެހީ، އޭގެ އިސްރާފު ބޮޑު ކަމަށް ބުނުމަށް ފަހުގަ އެވެ. ފާސްކުރި ބަޖެޓު ފޮތުގެ 158 ވަނަ ސަފުހާގައި، "މައުލޫމާތު ގޮޅި 3: އިންޑައިރެކްޓް ސަބްސިޑީ" ސުރުހީގެ ދަށުން އޮތް ލިޔުމުގައި މި ސިޔާސަތުގެ ބޭނުން ތަފުސީލުކޮށްފަ އެވެ.

ސަބްސިޑީ ނިޒާމު ބަދަލުކުރުމުގެ ބޭނުންތެރިކަން ކިޔައިދޭން ފިނޭންސުން ބުނީ މިހާރު ނިޒާމު އޮތް ގޮތުން މުއްސަނދިންނަށާއި ވިޔަފާރިތަކަށް ވެސް ސަބްސިޑީގެ ފައިދާ ލިބޭ ކަމަށެވެ. މިއީ އިކުއިޓަބަލް ޑިސްޓްރިބިއުޝަން ނޫނީ ސަބްސިޑީތަކުގެ ހަމަހަމަކަމުގެ ނަޒަރަކުން ބެލިޔަސް އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ވެސް އެ މިނިސްޓްރީން ގަބޫލުކުރެ އެވެ.

ފިނޭންސުން މި ސިޔާސަތު ހުށަހަޅަމުން ބުނީ ސަބްސިޑީ ޓާގެޓުކޮށް، ހައްގުވެރިންނަށް ދިނުމަކީ ފިސްކަލް ސިޔާސަތު ހަރުދަނާކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ތަސައްވުރު ކުރާ މުހިންމު ބަދަލެއް ކަަމަށެވެ. އަދި ހައްލަކީ ސަބްސިޑީތައް ޓާގެޓުކުރުން ކަމަށް ވެސް އެ މިނިސްޓްރީން ކުރިން ބުންޏެވެ.

"މިހާރު ސަބްސިޑީ ދޭ އުސޫލަކީ ސަރުކާރުގެ ބަޖެޓަށް ބުރަ ބޮޑު އަދި ދެމެހެއްޓެނިވި އުސޫލެއް ނޫން" ފިނޭންސުގެ ލިޔުމުގައި ވެ އެވެ.

ބަޖެޓުގައި ބުނީ މި ސިޔާސަތު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ އޭޕްރިލްއިން ފެށިގެން ކަމަށެވެ. އަދި އެއާ އެކީ ބޭނުންޖެހިފައިވާ ގޭބިސީތަކަށް ކޭޝް ޓްރާންސްފާ ދޭ ނިޒާމަކަށް ބަދަލުކޮށް، މި އަހަރު 1.5 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 2.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަަމަށެވެ.

ނަމަވެސް ބުނި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މި ސަބްސިޑީ ނިޒާމަށް ގެންނަން ބުނި ބަދަލެއް ނާދެ އެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ ތަކުރާރުކޮށް ސުވާލުކުރުމުން އޭރު އެއްވެސް ޖަވާބެއް ވެސް ނުލިބުނެވެ.

ސަރުކާރުން ރޭވި ގޮތަށް ސަބްސިޑީ ބަދަލު ނުގެންނާނެ ކަން ރަސްމީވީ، މެއި މަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެ ދުވަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން "ތަންފީޒުކުރަން ބޭނުންވާ" ފިޔަވަޅުތައް ތަންފީޒުކުރެވެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސަބްސިޑީ ދޭން ހިނގާ ހަރަދު

ކަރަންޓު އަގު ހެޔޮކުރުމުގެ ގޮތުންދޭ ސަބްސިޑީ

  • 2024 - 723 މިލިއަން ރުފިޔާ
  • 2025 - 686 މިލިއަން ރުފިޔާ
  • 2026 - 730 މިލިއަން ރުފިޔާ
  • 2027 - 772 މިލިއަން ރުފިޔާ
  • 2028 - 806 މިލިއަން ރުފިޔާ

ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ ގޮތުންދޭ ސަބްސިޑީ

  • 2024 - 469 މިލިއަން ރުފިޔާ
  • 2025 - 369 މިލިއަން ރުފިޔާ
  • 2026 - 344 މިލިއަން ރުފިޔާ
  • 2027 - 350 މިލިއަން ރުފިޔާ
  • 2028 - 356 މިލިއަން ރުފިޔާ

ނަރުދަމާ ހިދުމަތުގެ ސަބްސިޑީ

  • 2024 - 155 މިލިއަން ރުފިޔާ
  • 2025 - 101 މިލިއަން ރުފިޔާ
  • 2026 - 135 މިލިއަން ރުފިޔާ
  • 2027 - 135 މިލިއަން ރުފިޔާ
  • 2028 - 135 މިލިއަން ރުފިޔާ

ފިއުލް ސަބްސިޑީ

  • 2024 - 1.9 ބިލިއަން ރުފިޔާ
  • 2025 - 1.1 ބިލިއަން ރުފިޔާ
  • 2026 - އެއް ބިލިއަން ރުފިޔާ
  • 2027 - 1.1 ބިލިއަން ރުފިޔާ
  • 2028 - 1.2 ބިލިއަން ރުފިޔާ

ސަރުކާރުން ޓާގެޓުކުރަން ބުނި ސަބްސިޑީތަކަކީ ކަރަންޓާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލާއި، ކާޑުގެ އިތުރުން ނަރުދަމާގެ ހިދުމަތުގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީ އެވެ. މި ސަބްސިޑީތަކުގެ ފައިސާ ދެނީ އެ ހިދުމަތް ނޫނީ މުދާ ފޯރުކޮށްދޭ ސަރުކާރު ހިއްސާވާ ކުންފުންޏަށެވެ.

ކުރިއަށް އޮތް އަހަރާއި އޭގެ ކުރިއަށް އޮތް ދެ އަހަރަށް މި ސަބްސިޑީތައް ދޭން ބަޖެޓުކޮށްފައި ވެ އެވެ. ނަމަވެސް ޑައިރެކްޓް ކޭޝް ޓްރާންސްފާ ނިޒާމަކަށް އެއްވެސް އަދަދެއް ބަޖެޓުކޮށްފައި ނެތެވެ.

ބޭނުންޖެހިފައިވާ ސަބްސިޑީ ދިނުމުގެ ނިޒާމަކަށް ބަދަލުކުރުމުގެ ސިޔާސަތު ސަރުކާރުން ދޫކޮށްލާފައިވާއިރު، އެންމެ ފަހުން ވާލްޑް ބޭންކުން ނެރުނު ޑިވެލޮޕްމަންޓު އަޕްޑޭޓުގައި ވެސް ވަނީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާގައި ބުނި ގޮތަށް ސަބްސިޑީތައް ޓާގެޓުކުރަން ގޮވާލާފަ އެވެ.

މިއީ އެ ބޭންކުން އެތައް އަހަރުތަކެއް ވަންދެން ސަރުކާރަށް ލަފާ ދެމުން އަންނަ ކަމެކެވެ. އަދި މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރަކުން ވަނީ އިސްރާފު ބޮޑު މި ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ބަޖެޓުގައި ހިމެނުމަށް ފަހު ތަންފީޒު ނުކޮށް ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox