ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަދަދު

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން ވަކާލާތު ކުރާ ފައިސާގެ މައްސަލަ ސިވިލް ކޯޓުން މަޑު ޖައްސައިލުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރީ ޗައިނާގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި އެ ފައިސާ ދައްކާފައި ނުވާތީ އަރާފައިވާ ޖޫރިމަނާ ފައިސާ ހޯދުމަށް ކަމަށް ބުނެ މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2022 ވަނަ އަހަރު އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ޗަންގް ހުއާ ކުންފުނިން ވަނީ ދަރުމަވަންތަ މަޝްރޫއުގެ އަގު ކަމަށްވާ 140،000،000 އެމެރިކާ ޑޮލަރަކީ ޖީއެސްޓީ ހިމެނިފައި ނުވާ ގޮތަށް އެއްބަސްވެފައިވާ އަދަދެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެހައިތަނަށް އެ ކުންފުނިން މީރާއަށް ޖީއެސްޓީގެ ގޮތުގައި ދެއްކި 227،560ރ. އަކީ ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޗަންގް ހުއާ ކުންފުނިން އެދިފައި އޮތީ އެ ފައިސާ އެއްފަހަރާ އެ ކުންފުންޏަށް ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

މީރާއިން ހުށަހެޅި މައްސަލަ ކުރިއަށް ނުގޮސް އޮއްވައި ސިވިލް ކޯޓުން ވަނީ ޗަންގް ހުއާ ކުންފުނިން އެދުނު ގޮތަށް މާޗު 20، 2024, ގައި ހުކުމް ކޮށްފަ އެވެ. އެ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޗަންގް ހުއާ ކުންފުނިން ޖީއެސްޓީގެ ގޮތުގައި މީރާއަށް ދައްކާފައިވާ 227،560ރ. އެއް މަސްދުވަސް ތެރޭގައި އެ ކުންފުންޏަށް ދައުލަތުން ދެއްކުމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރުމާއެކު ޗަންގް ހުއާ ކުންފުނިން ވަނީ މީރާއިން ހުށަހަޅާފައިވާ މައްސަލައިގައި އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.

އެ ކުންފުނިން ހުށަހެޅި އިޖުރާއީ އިއުތިރާޒަކީ މީރާއިން ހޯދަން އެދޭ ފައިސާއަކީ ސިވިލް ކޯޓުން މާޗު 20، 2024, ގައި ކުރި ހުކުމުގައި ދައުލަތުން ޒިންމާ ވާންޖެހޭ ފައިސާ ކަމަށް ކަނޑައަޅާފައި ވާތީ އެ ފައިސާ ހޯދުމަށް އެދި މީރާއިން ޗަންގް ހުއާ ކުންފުނީގެ މައްޗަށް ދައުވާ ކޮށްގެން ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެވެ.

ނަމަވެސް ސިވިލް ކޯޓުން ވަނީ އެ އިޖުރާއީ އިއުތިރާޒު ގަބޫލު ނުކޮށް، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އެގޮތަށް ސިވިލް ކޯޓުން ނިންމުމުގައި ރިއާއަތް ކޮށްފައި ވަނީ ޗަންގް ހުއާ ކުންފުންޏާއި ދިވެހި ދައުލަތާ ދެމެދުވެފައި އޮތް އެއްބަސްވުމުގެ 25 ވަނަ ނުކުތާ އަށެވެ.

އެ ނުކުތާގައި އޮންނަނީ ޗަންގް ހުއާ ކުންފުނިން މީރާއަށް ޖީއެސްޓީ ފައިސާ ދެއްކުމަށްފަހު އެ ފައިސާ ދައުލަތުން އަނބުރާ ހޯދުމަށެވެ.

ސިވިލް ކޯޓުން ނިންމީ އެ ނުކުތާގައި އެހެން އޮތް ނަމަވެސް ޓެކުހުގެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމުގެ ބާރު މީރާއަށް އޮންނާތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޗަންގް ހުއާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އެ މައްސަލަ އެވެ.

ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އަމުރުގައި ބުނީ އެ ކޯޓުން ބަލަމުންދާ އިސްތިއުނާފީ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ އިހަށް މަޑުޖައްސައިލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox