ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހަމައެކަނި ޑޮލަރު ބަހައްޓަން ދަތިވާނެ ކަމަށް ސަރުކާރުން ބުނެފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ: އެސްޑީއެފް ޑޮލަރުން ބެލެހެއްޓުމާ ގުޅޭގޮތުން ސިޔާސަތު ބަދަލުވީ ކަމަށް އެންގީ ފިނޭންސުން ބޭނުންވެގެން ބަދަލުތައް ގެނައި ފަހުން --- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ: އެސްޑީއެފް ޑޮލަރުން ބެލެހެއްޓުމާ ގުޅޭގޮތުން ސިޔާސަތު ބަދަލުވީ ކަމަށް އެންގީ ފިނޭންސުން ބޭނުންވެގެން ބަދަލުތައް ގެނައި ފަހުން --- ފޮޓޯ: ރައީސް އޮފީސް

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހަމައެކަނި ޑޮލަރު ބަަހައްޓާ ގޮތަށް ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، އެ ފަންޑު ޑޮލަރުން ބަލަހައްޓަން ދަތިވާނެ ކަމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އަންގައިފި އެވެ.

އެސްޑީއެފްގައި ޑޮލަރު ބެހެެއްޓުމާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ބަދަލުވީކަން މަޖިލީހަށް އެންގީ، މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުން އަންނަ އެސްޑީއެފް ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެ ކޮމިޓީގައި މިއަދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

އެސްޑީއެފް ބިލުގެ ކޮމިޓީ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތް މެންބަރުންނާ ހިއްސާކުރަމުން އިދާރީ މޭޒުން ބުނީ އެ ބިލު މަޖިލީހަށް ލިބުމާ އެކީ ފިނޭންސް މިނިިސްޓްރީގެ ކޮމެންޓަކަށް ފޮނުވި ކަމަށެވެ. ފިނޭންސަށް ފޮނުވުމުން އެ މިނިސްޓްރީން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބަޔެއް ޝަރުތުތަކާ އެެއްގޮތަށް ބަދަލުތައް ގެންނަން ބޭނުންވާ ކަމަަށް ބުނެފަ އެވެ.

އައިއެމްއެފްއިން ބޭނުންވާ ކަންކަމާއެކީ މިނިސްޓްރީން ހުށަހަޅާ ބަދަލުތައް ފިނޭންސުން ކޮމިޓީއާ ހިއްސާކުރީ ތިން މަސް ވަރަކަށް ފަހުންނެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އެސްޑީއެފް ޑޮލަރުން ބަލަހައްޓާ އެކައުންޓަކަށް ހެދުމެވެ. ނަމަވެސް ފިނޭންސުން ބޭނުންވި ބަދަލުތައް ހިމެނުމަށް ފަހު ބިލު އަލުން ފޮނުވުމުން ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާ ކަން އަންގާފައިވާ ކަމަށް މަޖިލީހުގެ އިދާރީ މޭޒުން މިއަދު ބުންޏެވެ.

ސިޔާސަތަށް އައި ބަދަލާއެކީ، އެސްޑީއެފް ޑޮލަރުން ބަލަހައްޓަން ހުރަސްތަކެއް އެބަހުރި ކަމަށް ފިނޭންސުން ބުންޏެވެ. އަދި ބިލަށް އިތުރު ބަދަލުތަކެއް ހުށަހަޅަން ފިނޭންސުން ބޭނުންވާ ކަމަށް އިދާރީ މޭޒުން މެންބަރުންނަށް މައުލޫމާތު ދިނެވެ.

އިދާރީ މޭޒުން މިހެން ބުނުމުން ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ބިލުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލުގެ މަސައްކަތް އަޅުގަނޑުމެންނަށް ނުނިމިގެން މިއުޅެނީ، ކުރިއަށް ނުގެންދެވިގެން މިއުޅެނީ ފިނޭންސް މިނިސްޓްރީންނާއި ބަންޑާރަނައިބު އޮފީހުން އަންނަން ޖެހޭ ބައެއް އިސްލާހުތައް ނައުމުގެ ސަބަބުން. ހާއްސަކޮށް އަޅުގަނޑުމެންނަށް ފިނޭންސުން ލިބެން ޖެހޭ މައުލޫމާތު ނުލިބިގެން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ، ބިލަށް ސުންގަޑިއެއް ކަނޑައެޅޭނީ މިނިސްޓްރީން ހޯދަން ޖެހޭ މައުލޫމާތު ލިބުމުން ކަމަށް ވިދާޅުވެ، އެ މައުލޫމާތު ހޯދަން އިތުރު ސިޓީއެއް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ކުރަން ޖެހޭ ކަންކަން ނުކުރެވިގެން އެސްޑީއެފް ބިލުގެ މަސައްކަތް މަޖިލީހުގައި ތާށިވެފައި އޮތް އިރު، ކޮމިޓީގައި މި ބިލު އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެސްޑީއެފް ބިލުގެ މަސައްކަތް ނިންމަން މާލިއްޔަތު ކޮމިޓީން ފުރަތަމަ ކަނޑައެޅި ސުންގަޑިއަކީ މިދިޔަ އަހަރުގެ ނޮވެމްބަރެވެ. އެއީ އޮކްޓޯބަރު 29، 2024، ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ. މަޖިލީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ދުވަހުން ފެށިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމާ ހަމައަށް މި ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުކުރެ އެވެ.

އެސްޑީއެފްއަށް ހާއްސަ ގާނޫނެއް ވުޖޫދުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި ފަންޑަށް ގާނޫނީ އޮނިގަނޑެއް އެކުލުވާލުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދޭ ކަމެކެވެ. އަދި މިފަދަ އޮނިގަނޑެއް ނެތުމާއެކީ، އެ ފަންޑުގެ މަގުސަދާ ހިލާފަށް ފަންޑުގެ ބޭނުން ކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މި ފަންޑާ ގުޅިގެން ނެރުނު އޮޑިޓު ރިޕޯޓެއްގައި ފާހަގަކޮށްފައި ވެ އެވެ.

އެސްޑީއެފްގައި ޑޮލަރު ބަހަައްޓަން ދަތިކަމަށް ސަރުކާރުން ބުނިއިރު، މި ސަރުކާރުން ވެސް އަންނަނީ އެ ފަންޑުގައި ހުރި ޑޮލަރުތައް ދައުލަތުގެ ސެކިއުރިޓީސްތަކުގައި އިންވެސްޓުކުރަމުންނެވެ. މިއީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އަދާކުރަން އެ ފަންޑުގެ ބޭނުންކުރަން އޭގައި ޑޮލަރު ބަހައްޓާނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު ސަރުކާރުން ކުރި ކަމެކެވެ.

ސިއްރިއްޔާތުގައި މިކަން ކުރިކަން ފަޅާއެރުމުން ސަރުކާރުން ބުނީ، ފަންޑުގައި ހުރި ޑޮލަރުތައް ބޭނުންކުރީ ބަނގުރޫޓުވުމުން ސަލާމަތްވާން އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އެފަހުން ސަރުކާރުން ވަނީ އެސްޑީއެފްގައި ނަގުދު ފައިސާއިން ހުރި އަދަދު ހާމަކޮށްފި ނަމަ ދައުލަތަށް ގެއްލުން ވާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރުކުރަން ނިންމާފަ އެވެ.

ފިނޭންސުން އަދަދު ނޫހާ ހިއްސާކުރި އަދަދުތަކުގެ މައްޗަށް ހިސާބުކުރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރި 233 މިލިއަން ޑޮލަރުގެ ތެރެއިން 195 މިލިއަން ޑޮލަރު ހުރީ ޓީބިލުތަކަށް އިންވެސްޓުކޮށްފަ އެވެ. ބާކީ ހުރި 37 މިލިއަން ޑޮލަރުގެ ތެރެއިން ނަގުދު ފައިސާގެ އަދަދަކީ ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ކެނޑުމުންވާ ވަރެކެވެ.

ނަމަވެސް ފިކްސްޑް ޑިޕޮސިޓުތަކުގައި އިންވެސްޓުކޮށްފައި ހުރި ގޮތުގެ ތަފުސީލު މައުލޫމާތު ފިނޭންސުން ދޭން ބޭނުން ނުވާތީ ނަގުދު ފައިސާއިން ހުރި އަސްލު އަދަދު ހިސާބުކުރެވޭނެ ގޮތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox