ހާއްސަ ވަގުތެއްގައި ބޭނުންކުރަން ބޭއްވި ރަނުގެ ކަންވާރަށް ވީގޮތް

ހާއްސަ ވަގުތެއްގައި ބޭނުންކުރަން ބޭއްވި ރަނުގެ ކަންވާރަށް ވީގޮތް

އެއް ސަހަރެއްގައި ވަރަށް ނަޒާހަތްތެރި، މީހުންގެ އިހުތިރާމު ލިބިގެންވީ ގާޒީއެއް އުޅުއްވި އެވެ. ސަހަރުގެ ރައްޔިތުންގެ މެދުގައި ނިޔާ ކަނޑައެޅުއްވުމުގައި އަދުލުވެރިކަމާއި، އިންސާފުވެރިކަމަށް މަޝްހޫރުވެ، ރީތިހައި ލަގަބަކާއި ނަމެއް ލިބިވަޑައިގެން ހުންނެވި ގާޒީއެކެވެ. ޝަރުއީ އިލްމާއި، އިންސާފުގެ ހިއްސަކީ ވާރުތައިން ލިބިވަޑައިގެންނެވި އެއްޗެކެވެ. ގާޒީގެ މަތިމަތިފުށުން އެތައް ބަޔަކު މި ސަހަރުގެ ގާޒީކަން ކޮށްފިއެވެ. ޖަދު ފެށިގެން އައިގޮތާއި، ގާޒީގެ ސުލޫކަށް ބަލައި ސަހަރުގެ ރައްޔިތުން މިއީ ފަސްމީރު ކުރިރުކެއް ކަމުގައި ދުށްޓެވެ.

ގާޒީއާމެދު ރައްޔިތުންގެ މެދުގައި ކިތަންމެ ހެޔޮ ވިސްނުމެއް އޮތަސް، ކޮންމެ މީހެއްގައިވެސް ހުންނާނޭ ފަދައިން އިންސާނަކަށްވީތީ ހުންނަ އައިބުތައް ގާޒީގެ ކިބައިގައިވެސް ހުއްޓެވެ. އެންމެ ބޮޑު އައިބަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހެވުމާއި، ލަސްވުމެވެ. ގާޒީއެއްގެ ކިބައިގައި އަމުދުން ހުރެގެން ނުވާނޭ ފަދަ އައިބެކެވެ. ކިޔައިދޭން މިއުޅެނީ އާދައިގެ ނިންމުމެއް ނިންމުމުގައި ގާޒީ ކަންކުޅަ ގޮތާއި އެކަމުން ނުކުތް ނަތީޖާގެ ވާހަކަ އެވެ.

މަތިމަތިފުށުން ވާރުތަވީ ރަނުގެ ކަންވާރެއް ގާޒީއަށް މިލްކުވެގެންވި އެވެ. މި މަނިކުފާނު އުޅުއްވީ މި ކަންވާރަށް ވަރަށް ފަރުވާތެރިވެގެންނެވެ. ގޭގެ ބޮޑު ފޮށްޓަށް ލައި ކަންވާރު ފޮރުވާފައި އޮންނަނީ ހާއްސަ ވަގުތެއްގައި، ހާއްސަ މެހެމާނަކަށް ފަރިއްކޮޅު އެރުވުމުގައި ބޭނުންކުރުމަށެވެ. ރަނުގެ ކަންވާރުގައި ފަރިއްކޮޅު އެރުވުމަކީ މި ސަހަރުގައި އާދަޔާ ހިލާފު ހާއްސަ ޝަރަފެކެވެ.

Advertisement

އެއް ދުވަހަކު މާ ދުރު ސަހަރަކުން ވަފުދެއް މި ސަހަރަށް ޒިޔާރަތްކޮށްފި އެވެ. މިއީ ވިޔަފާރި ގާފިލާއެއް ކަމުގައިވި އެވެ. ގާފިލާގެ އިސް މީހަކަށް ހުރީ އެހެން ސަހަރެއްގެ އަމީރެކެވެ. ސަހަރުގެ ވެރިންގެ އަމުރުފުޅަށް މި ގާފިލާއަށް މެހެމާންދާރީ އަދާކުރުމުގެ ޒިންމާ މަތިކުރެވުނީ ސަހަރުގެ ގާޒީއާ އެވެ. ގާޒީ ހިތްޕުޅަށް އެރި އެވެ. މިއޮތީ ރަނުގެ ކަންވާރު ބޭނުންކުރަންޖެހޭ ދަނޑިވަޅު އައިސްފަ އެވެ. ބޮޑު ފޮށި ހުޅުވާލައި ކަންވާރު ނެގިއިރަށް ހިތްޕުޅަށް އެރި އެވެ. މިއީ މާދުރު ސަހަރެއްގެ އަމީރެކެވެ. މިއީ މި ސަހަރާއި، މި ހިނގާ ވެރިކަމާއި، މި ސަހަރުގެ ރައްޔިތަކާވެސް ބެހޭ ބޭފުޅެއް ނޫނެވެ. ރަނުގެ ކަންވާރުން ޝަރަފު އެރުވޭނީ މި ސަހަރަށް މުހިންމު ބޭފުޅަކަށެވެ. މިއާއެކު ރަނުގެ ކަންވާރުން އަމީރަށް ފަރިއްކޮޅު އެރުވުމުގެ ހިޔާލުފުޅު ދޫކޮށްލެއްވި އެވެ.

އޭގެ ދުވަސްތަކެއް ފަހުން އެ ސަހަރުގެ ވެރިކަން ބަލަހައްޓާ ވަފުދުގެ ވަޒީރަކު ގާޒީގެ ގެކޮޅަށް ޒިޔާރަތްކުރެއްވި އެވެ. އަމިއްލަ ބޭނުންފުޅެއްގަ އެވެ. ވަޒީރަށް މެހެމާންދާރީ އަދާކުރެއްވުމުގައި ރަނުގެ ކަންވާރު ބޭނުންކުރައްވަން ގާޒީ ހިތްޕުޅަށް އެރި އެވެ. އެއާއެކު އެހެން ވިސްނުންފުޅެއް އައެވެ. މިއީ މި ސަހަރުގެ ރަސްކަލެއް ނުވަތަ ވެރިއެއް ނޫނެވެ. ހަމައެކަނި ވެރިކަން ބަލަހައްޓާ ވަފުދުގެ ވަޒީރެކެވެ. މިފަދަ ޝަރަފެއް ހައްގުވާނީ މިއަށްވުރެ އިސް ބޭފުޅަކަށެވެ.

ދުވަސްތައް ފާއިތުވަމުން ދެ އެވެ. ގާޒީއަށް މިލްކުވެގެންވީ ރަނުގެ ކަންވާރު އެއޮތީ އަދި އަލަށްވެސް ބޭނުންނުކޮށް ބޮޑު ފޮށްޓަށްލައި ފޮރުވާފަ އެވެ. ގާޒީ ހުންނެވީ އެ ކަންވާރު ބޭނުންކުރާނޭ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގަ އެވެ.

މިފަހަރު ގާޒީގެ ގެކޮޅަށް ވަޑައިގެންނެވީ، އެ ސަހަރާއި އެފަދަ ހަތް ސަހަރުގެ މިލްކުވެރިކަން ލިބިވަޑައިގެން ހުންނެވި ގާޒީގެ ފަރާތްޕުޅުން އެ ސަހަރުގެ ވެރިކަން ހަވާލުކުރައްވާފައިވާ ގަވަރުނަރެވެ. މި ގަވަރުނަރުގެ ދަށުން ތިބި ވަޒީރުންނާއެކު ގާޒީގެ ގެކޮޅަށް ވަޑައިގެންނެވީ، ފެށޭން އުޅޭ ހަނގުރާމައަކާ ގުޅިގެން ހަމަޖައްސާންޖެހޭ އިންތިޒާމުތަކާމެދު މަޝްވަރާކުރެއްވުމަށެވެ. މަހުކަމާގެ އިޒުނަ ބޭނުންވާ ކަންކަމުގައި އިޒުނަ ހޯދުމާއި، އަންގާންޖެހޭ އެންގުންތައް އެންގުމަށެވެ. މި މަޝްވަރާތަކުގައި ތިއްބައި އިރުއޮއްސުމުން އެރޭ އެގޭގައި ރޭކުރެއްވުމަށް ގާޒީ ދައުވަތު ދެއްވައިފި އެވެ. ގަވަރުނަރާއި، އޭނާގެ ދަށުން ތިބި ވަޒީރުން މި ދައުވަތު ގަބޫލުކޮށް އެ ގޭގައި މަޑުކުރައްވައިފި އެވެ. ގާޒީވެސް އޭނާގެ ހާދިމުންނަށް އަންގަވައިގެން ބޮޑު ޖާފަތެއް އިންތިޒާމު ކުރައްވައިފި އެވެ. ހިތްޕުޅަށް އެރި އެވެ. ރަނުގެ ކަންވާރު ބޭނުންކުރާން މިއީ އެންމެ ރަނގަޅު ދަނޑިވަޅެވެ. މިއީ ރަދުންގެ ފަރާތްޕުޅުން މި ސަހަރަށް ކަނޑައެޅުއްވި ގަވަރުނަރެވެ. މިފަދަ ޝަރަފެއް ލިބުން މިއަށްވުރެ ލާއިގު އެހެން މީހަކު ހުންނާނޭ ހެއްޔެވެ. ހަމަ އެތަންވަޅު ދެވަނަ ހިޔާލެއް އައެވެ. މިއީ ރަސްކަލެއް ނޫނެވެ. ރަސްކަލެއްގެ ނޯކަރެކެވެ. ގަވަރުނަރަށް މި ޝަރަފު އަރުވައިފިނަމަ ރަސްކަލަކު މި ޝަރަފުން މަހުރޫމު ކުރެވުނީ އެވެ. އެއީ އަދި ކަމުދާ ގޮތަކަށް ނުވާނެޔޭ ވިސްނަވައި އެ ހިޔާލުފުޅު ދޫކޮށްލެއްވި އެވެ. އަނެއްކާވެސް ރަނުގެ ކަންވާރުގެ ބޭނުން ނުހިފި ބޮޑު ފޮށީގައި އޮތީ އެވެ.

ގަވަރުނަރުގެ ވަފުދުން އިންޒާރު ކުރެއްވި ހަނގުރާމަ ފެށިއްޖެ އެވެ. ހަނގުރާމައިގެ މައި ސަހަރަކަށްވީ މި ސަހަރެވެ. ރަސްގެފާނުވެސް ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި އެވެ. ކަންދިމާކުރި ގޮތުން، ރަސްގެފާނުގެ ލަޝްކަރަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ އެވެ. ހަނގުރާމައިގެ ތެރޭގައި ޒަހަމުވެވަޑައިގެން އޮއްވައި ސަހަރުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ރަސްގެފާނު ގެނެވުނީ ގާޒީގެ ގެކޮޅަށެވެ. ގާޒީއަށް ފަރުވާ ދެއްވުމަށް ހަކީމުން ގެންނަވައި ރަސްގެފާނަށް ހިދުމަތްކުރުމުގެ ޝަރަފު މަތިކުރެވުނީ ސަހަރުގެ ގާޒީއާ އެވެ. ގާޒީ ހިތްޕުޅަށް އެރި އެވެ. ރަނުގެ ކަންވާރު ބޭނުން ނުކުރެވި މިއޮތް ހުރިހައި ދުވަހަކު ބޭއްވިފައި މިއޮތީ މި ދުވަހަށްތާ އެވެ. މިއީ މިސަހަރު ހިމެނޭގޮތުން ހަތް ސަހަރުގެ ރަސްގެފާނެވެ. އެހެންވީމާ، ރަސްގެފާނަށް މި ރަނުގެ ކަންވާރުން ފަރިއްކޮޅު އެރުވުމަކީ ގާޒީއަށްވެސް ލިބޭނޭ ޝަރަފެކެވެ. އެއާއެކު އެހިޔާލުފުޅާމެދު ޝައްކެއް އުފެދިއްޖެ އެވެ. މިއީ ހަނގުރާމަކުން ނާކާމިޔާބުވެފައިވާ ރަސްކަލެކެވެ. ގިނަ ދުވަހަކު ތަހުތުގައި އިންނަވާނޭކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. ރަނުގެ ކަންވާރުގައި ފަރިއްކޮޅު އެރުވެންވާނީ ވަރުހުރި ރަސްކަލަކަށެވެ. މިހެން ހިތްތަވައި އަނެއްކާވެސް ރަނުގެ ކަންވާރު އޮތްތަނުގައި ބޭއްވެވީ އެވެ.

ގާޒީގެ އުމުރުން ދުވަސް ވެއްޖެ އެވެ. ލޯބޯކޮށިކަމާއި، އެ އުމުރުގައި ކުރިމަތިވާ އެހެންވެސް އެފަދަ ތަކުލީފުތަކާއެކު އެނދުމަތިވެއްޖެ އެވެ. ސިއްހީ ހާލަތަށް ރިއާޔަތްކޮށް ގާޒީ އޭނާގެ މަގާމު ދޫކޮށްލެއްވި އެވެ. ގޭގެ ކަންތައްތައް ބެލެހެއްޓުން ގާޒީގެ ހާދިމުންނާ މަތިކުރެވިއްޖެ އެވެ. އާމްދަނީ ދަށްވުމާއެކު، ގޭގެ އެތަންމިތަނުގައި ހުރި ތަކެތި ވިއްކައި ފައިސާ ހޯދުމަށް ގާޒީ އެންގެވުމުން ހާދިމުން އެ މަސައްކަތް ފަށައިފި އެވެ. ގޭގައި ހުރި ބޮޑު ފޮށި ހުޅުވާލައި އޭގައި ހުރި ބޭނުންހިފޭނޭ ފަދަ ތަކެތި ނަގައި ވިއްކަމުން ދިޔަ އެވެ. ގާޒީގެ އިސް ހާދިމަށް މި ފޮށިން އެއްކަލަ ރަނުގެ ކަންވާރު ފެނުނެވެ. މާ ގިނަ ދުވަސް ވަންދެން ފޮށި ތެރޭގައި އޮތުމުގެ ސަބަބުން އޮތީ ކަންވާރުގެ އޮފުދާރުކަން ކެނޑިފަ އެވެ. ހާދިމު ހިތަށް އެރި އެވެ. މިހައި ބައު ކަންވާރެއް ވިއްކާލަން އުޅުނަސް ގަންނާނޭ މީހަކު ނުވާނެ އެވެ. އެ ކަންވާރުން ކުރާނޭ އިތުރު އެއްވެސް ބޭނުމެއް ނުވިސްނުމުން، އެ ހާދިމު ގެންގުޅޭ ކުއްތާއަށް ކާން ދިނުމަށް އެ ކަންވާރު ބޭނުންކުރަން ފަށައިފި އެވެ.

ގަވަރުނަރަކާއި، ވަޒީރަކާއި އަމީރަކާއި ރަސްކަލަކު ގާޒީގެ ގެއަށް ޒިޔާރަތްކޮށް ގާޒީގެ މެހެމާންދާރީގައި ތިއްބެވެ. ރަނުގެ ކަންވާރުގައި ފަރިއްކޮޅު އެރުވުމުގެ ޝަރަފު ދޭނޭތޯ ނޫންތޯ ވިސްނުމުގައި އެ ނިންމުން ނުނިންމި އޮއްވައި، ގާޒީއަށް މަތިމަތި ފުށުން ވާރުތަވީ ރަނުގެ ކަންވާރުން ފުރަތަމަ ފަހަރަށް ކެއުމުގެ ޝަރަފު މި ލިބުނީ ގެންގުޅޭ ކުއްތާއަށެވެ.

މީހެއްގެ ޝަހުސިއްޔަތު ކަނޑައަޅާ އެއްޗަކީ އޭނާގެ ނިންމުންތަކެވެ. އަމިއްލަ އިހުތިޔާރުގައި ނިންމުން ނިންމުމަށް ލިބިފައި އޮންނަ ބާރު ބޭނުންކުރަންޖެހޭ ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނުކޮށްފިނަމަ އެ ވަގުތު އެ ފާއިތުވެ ދިޔައީ އެވެ. އޭނާގެ ޝަހުސިއްޔަތަށާއި، ވަށައިގެންވާ މީހުންނަށާއި، މުޅި މުޖުތަމައުއަށް އެ ނިންމުންތަކުގެ ސަބަބުން ކުރާނޭ އަސަރަކީ އިއާދަކުރެވޭނޭ އެއްޗެއް ނޫނެވެ. ގާޒީއެއްގެ ޝަހުސިއްޔަތުގައި ހުރުން އެންމެ މުހިންމު ސިފައަކީ އެހިނދަކަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ކެރުމާއި ހިތްވަރެވެ. ނިންމުމެއް ނިންމަންޖެހޭ ކޮންމެ ފަހަރަކު އެ ނިންމުމަކާމެދު ޝައްކު އުފެދި، ރޭނިދި ނުނިދި އަމިއްލަ ހިތް ހަމަޖައްސައި ނުލެވޭނަމަ އެއީ ޝަހުސިއްޔަތުގެ ބަލިކަށިކަމެކެވެ. މުޖުތަމައުގެ އަފުރާދުންގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާއި، ދެބަސްވުންތަކުގައި ފަހު މުގުރު ޖަހަން ހުންނަ މީހާއަކީ ޝައްކާއި ވަހުމުގެ ތެރެއަށް ގެނބި، ނިންމުމަކަށް ވާސިލުވުމުގެ ގާބިލުކަން ނެތް މީހެއްނަމަ އެ މުޖުތަމައު ފަސާދަވުން އޮތީ ނުހަނު ގާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

Newsletter

Get the latest news delivered straight to your inbox