ޗައިނާގެ ނެޝަނަލް ޑިފެންސް މިނިސްޓަރު، އެޑްމިރަލް ޑޮންގް ޖަންއާ ބައްދަލު ކުރައްވައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިނިސްޓަރު ގައްސާން މައުމޫން މަޝްވަރާ ކުރައްވައިފި އެވެ.
އެގާރަ ވަނަ ބެއިޖިން ޝިއަންގްޝަން ފޯރަމްގެ ހަވާސާގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށް މީގެ ކުރިން ވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރި އެވެ.
ރާއްޖޭގެ އަސްކަރިއްޔާ އާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް މާޗު މަހު ރާއްޖެއާ ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ.

އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލާތްތައް ފޯރުކޮށްދީ، ސިފައިން ތަމްރީނު ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އެމަނިކުފާނު އޭރު ނުދެއްވަ އެވެ.













