އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ޓްރާންސްފާ ކުރެވޭ ގޮތް ފަހިކޮށްދޭ ފަވަރަ ހިދުމަތް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކަށް ފޮނުވާ ފައިސާ ޖަމާވުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ހައްލުކުރުމަށް ބޭންކުގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ހައްލުވާން ހޭދަވާނީ ކިހާ ވަގުތެއް ނުބުނެ އެވެ.
"އަދަދު" އާ ވާހަކަދެއްކި ބައެއް ކަސްޓަމަރުން ބުނި ގޮތުގައި އެހެން ބޭންކުތަކުން ބީއެމްއެލް ގެ އެކައުންޓުތަކަށް މީގެ ދެތިން ދުވަސްކުރިން ފޮނުވި ފައިސާ އަދިވެސް ޖަމައެއް ނުވެ އެވެ. އާންމުކޮށް ފަވަރަ މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާވާން ނަގަނީ މަދު މިނެޓުކޮޅެކެވެ.
މި ޓްރާންސެކްޝަންތައް ޕްރޮސެސް ކުރުމަށް މިހާރު އެ ބޭންކުގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިއަދު ބީއެމްއެލް އިން ބުންޏެވެ. މައްސަލަ ދިމާވީ ފަވަރަ ސިސްޓަމަށް ކަމެއް ނުވަތަ ބީއެމްއެލްގެ ސިސްޓަމަށް ކަމެއް ސާފެއް ނުވެ އެވެ.
ފަހަކަށް އައިސް ބީއެމްއެލްގެ އިންޓަނެޓް ބޭންކިން، އޭޓީއެމް އަދި ކާޑުގެ ހިދުމަތްތަކަށް ބުރޫއެރުން ވަނީ އިތުރުވެފަ އެވެ. އިއްޔެ ހަވީރުވެސް އެ ބޭންކުގެ ކާޑުތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލަހައްޓާ ފަވަރަ ނިޒާމުގައި ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިތުރުން ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ފައިސާ ފޮނުވޭނެ އެވެ.
އެ ހިދުމަތަށް އޮގަސްޓު 26، ގައި އަހަރެއް ފުރުނުއިރު އެ މުއްދަތުގެ ތެރޭ ފަވަރަ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެ އެވެ.












