ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދޫކޮށްފައިވާ ބައެއް ކާޑުތަކުގެ ލިމިޓު އެއްކޮށް އުނިކޮށް، ބައެއް ކާޑުތަކުގެ ލިމިޓު ކުޑަކުރަން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވެރިން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕްރެޝަރު ކޮށްގެން، ބޭންކުގެ އެ ނިންމުން ބަދަލުކުރި އެވެ.
މި ބަދަލުތައް އިއްޔެ ހެނދުނު ތަންފީޒުކުރަން ފެށީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުންނެވެ.
"މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް," ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވި އެވެ.
ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 18.50 އަށް އެރި އެވެ. އަދި ބޭންކުގެ އިއްޔެ ނިންމުމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް އެރި އެވެ.
ޑޮލަރުގެ ތާށިކަން މި ދަރަޖައަށް އައީ ސަރުކާރުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ސަރުކާރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ. އެހެންވެ، ރައްޔިތުން އިއްޔެ ރަތަށް ދިޔުމާއެކު، ބޭންކަށް މަޖުބޫރުކޮށްގެން ބޯޑުގެ ނިންމުން ބަދަލުކުރުވި އެވެ.

"25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ." ބީއެމްއެލްއިން ސޯޝަލް މީޑިއާގައި އިއްޔެ ހަވީރު ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.
އިއްޔެ ހެނދުނު އިއުލާނު ކުރި އެ ނިންމުން ހަވީރު ބާތިލުކުރީ، ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ރައީސް އޮފީހަށް ހާޒިރުކޮށް އެ އޮފީހުގެ އިސްވެރިން ބައްދަލު ކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުގެ ވެރިން، ބީއެމްއެލް ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންނާ ވެސް، ސަރުކާރުގެ ވެރިން އިއްޔެ ބައްދަލުކުރި އެވެ. އަދި އެ ބޭންކުގެ ސީއީއޯ ކާލްއާ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބައްދަލު ކުރެއްވި ކަމަށް، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
އިއްޔެ ގެނައި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ މުވައްޒަފުންނަށް ކާލް ފޮނުވި އިންޓާނަލް މެސެޖެއްގައި ވިދާޅުވީ ބޭންކުގައި ނެތް އެއްޗެއް ނުވިއްކޭނެ ކަމަށާއި އެ ނިންމުމަކީ ވަރަށް އުނދަގޫވި ނިންމުމެއް ކަމަށެވެ.
ބީއެމްއެލްއަށް ގަންނަން ލިބޭ ވަރަށް ވުރެ ގިނައިން ވިއްކަން ޖެހުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށް ކާލް ވިދާޅުވެފައިވެ އެވެ. އަދި، މި އަހަރުގެ މިހައިތަނަށް ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ މިހާރުވެސް ވިއްކާފައިވާ ކަމަށް ކާލް ވިދާޅުވި އެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލް ބޯޑުގެ ކޮންޓްރޯލް އޮންނަނީ ސަރުކާރަށެވެ. ނަމަވެސް މިހާތަނަށް އެ ބޯޑުގެ ނިންމުންތަކަށް ސަރުކާރުތަކުން ނުފޫޒެއް ނުފޯރުވަ އެވެ. މި ވަރިކަމުގައި މީގެ ކުރިން ވެސް ބޯޑުގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެ ބޯޑުގައި ތަމްސީލުކުރާ ސަރުކާރުގެ ހުރިހާ މެންބަރުން، ބޭންކުގެ ހިންގާ ގަވާއިދާ ހިލާފަށް ވަކިކުރި އެވެ. އެހެންވެ، އެ ފަހަރު ވެސް ޖެހުނީ ފަހުން އެ މެންބަރުން އަލުން އައްޔަން ކުރުމަށެވެ.
ކާޑުތަކުގެ ޑޮލަރު ލިމިޓު ބަދަލުކުރަން ބޯޑުން ނިންމައިފިކަން ސަރުކާރަށް އެނގުމުން، އެ ނިންމުން ތަންފީޒުކުރުމުގެ ކުރިން، ބޭންކުގައި އެންމެ ގިނަ ދުވަސްވީ އެއް ސްޓާފު، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނު ވަކިކޮށްފައިވާ ކަމަށް ބުނެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވި އެވެ. އެ ސިޓީ އަކީ ވެސް ބޭންކުގެ ހިންގާ ގަވާއިދާ ހިލާފު ސިޓީ އެކެވެ.
ބޭންކުގެ ބޯޑުގެ މެންބަރަކު ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ބައްދަލުވުމަކުންނެވެ.
ގައުމީ ބޭންކެއްގެ ގޮތުގައި 1982 ވަނަ އަހަރު އުފެއްދި ބީއެމްއެލްގެ 62.2 ޕަސެންޓުގެ ހިއްސާދާރަކީ ސަރުކާރެވެ. ދައުލަތުގެ ބައެއް ކުންފުނިތަކަށް ބީއެމްއެލްގެ ޖުމުލަ 4.1 ޕަސެންޓު ހިއްސާ އޮންނައިރު، ބާކީ 33.7 ޕަސެންޓު ހިއްސާ އޮންނަނީ އާންމުންނަށް ވިއްކައިފަ އެވެ.
ސަރުކާރުން ނުފޫޒު ފޯރުވައިގެން ބޭންކުގެ ނިންމުން ބަދަލުކުރި ނަމަވެސް، ޑޮލަރުގެ މައްސަލަ އޮތް ދާއިމީ ހައްލެއް ނުދައްކަ އެވެ.
ކެބިނެޓުން އިއްޔެ ނިންމީ ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް، ލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް އާއި، އިމްޕޯޓު ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށާއި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެނައުމަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.













