ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ގެނައި ބަދަލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން ބަދަލުކޮށްފި އެވެ.
ބީއެމްއެލްގެ ނިންމުން ބަދަލު ކޮށްފައިވާކަން އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބަދަލު ގެންނަން ނިންމީ ބޭންކު ތަކުގެ ބެލެނިވެރިފަރާތް، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށެވެ.
"25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ." ބީއެމްއެލްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އިއްޔެ އެވެ. އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށިކަން މިއަދު ހެނދުނު އެ ބޭންކުން އިއުލާނު ވެސް ކުރި އެވެ.

ނަމަވެސް ބޭންކުގެ އެ ނިންމުމަށް ބަދަލު ގެނެސްފައި މިވަނީ ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ރައީސް އޮފީހަށް ހާޒިރުކޮށް އެ އޮފީހުގެ އިސްވެރިން ބައްދަލު ކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.
"އަދަދު" އަށް އެނގިފައި ވާގޮތުގައި ބީއެމްއެލްގެ ނިންމުން ބަދަލު ކުރީ އެ ބޭންކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭއިން ފޯރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމްއެމްއޭގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ކާޑު ލިމިޓުތަކަށް މިއަދު ގެނައި ބަދަލުތައް
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމެވެ.
މި ބަދަލުތައް ގެނައީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުންނެވެ.
މިއަދު ގެނައި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ މުވައްޒަފުންނަށް ކާލް ފޮނުވި އިންޓާނަލް މެސެޖެއްގައި ވިދާޅުވީ ބޭންކުގައި ނެތް އެއްޗެއް ނުވިއްކޭނެ ކަމަށާއި މިއަދުގެ ނިންމުމަކީ ވަރަށް އުނދަގޫވި ނިންމުމެއް ކަމަށެވެ.
ބީއެމްއެލްއަށް ގަންނަން ލިބޭ ވަރަށް ވުރެ ގިނައިން ވިއްކަން ޖެހުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށް ކާލް ވިދާޅުވެފައިވެ އެވެ. އަދި، މި އަހަރުގެ މިހައިތަނަށް ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ މިހާރުވެސް ވިއްކާފައިވާ ކަމަށް ކާލް ވިދާޅުވި އެވެ.
ބީއެމްއެލްގެ ނިންމުން ބަދަލު ކޮށްފައި މިވަނީ އެ ނިންމުމާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ނުރުހުންވެ، ސަރުކާރަށް ފާޑު ކިޔަމުން ދަނިކޮށެވެ. ޒަމާންތަކަކަށްފަހު ރައީސް އޮފީހުން މިއަދު ބާއްވަން ތާވަލު ކުރި ނޫސްވެރިންގެ ބައްދަލުވުން ވެސް އެކަމާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ.












