އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމުމަށްފަހު އެކަމުގެ އަމަލީ މަސައްކަތް ނުކޮށް ތިއްބާ، ނިމިދިޔަ ޖުލައި މަހު ރާއްޖެ އައި އިޒްރޭލު ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖުލައި މަހު އިޒްރޭލުގެ 124 ފަތުރުވެރިއަކު ރާއްޖެ އައެވެ. ޖޫން މަހު ރާއްޖެ އައީ އިޒްރޭލުގެ 82 ފަތުރުވެރިންނެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.
އެކަން އިއުލާނު ކުރެއްވީ ހަތަރު ވަޒީރުންނާއި އެޓާނީ ޖެނެރަލް ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައި ވަނީ "އިސްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމަވައިފި" ކަމަށެވެ. އަދި އެކަމަށް ވަޒީރުންގެ ކޮމިޓީއެއް ވެސް އެކުލަވައިލި ކަމަށެވެ.

ކެބިނެޓުގެ އެ ނިންމުމަށް ތިން މަސްވުމަށް ގާތްވެފައިވާއިރު، ސަރުކާރުގެ ނިންމުން ތަންފީޒުކުރެވޭނެ ގޮތަށް އިދިކޮޅުން ޖޫން މަހު މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވެ އެވެ. ސަރުކާރުގެ މެންބަރުންގެ ވޯޓާއެކު ބަލައިގަތް އެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވި ނަމަވެސް، ބިލުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.
ސަރުކާރުގެ ނިންމުމަށް ފަހު، އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
އެއާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފަ އެވެ. އަދި ސަރުކާރުން ޕާސްޕޯޓު މަނާކުރަން ނިންމީ އެކަމުގައި އަމަލީ އެއްވެސް ސިފައެއް ޖެއްސުމުގެ ނިޔަތެއް ނެތި ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.













